ރާއްޖޭގައި އިންޑޮނޭޝިއާގެ އަންހެނަކު މަރާލިކަމަށް ބުނެ ދައުރު ކުރަމުން ގެންދާ ވީޑިއޯ އަކީ ރާއްޖޭގައި ހިނގި ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ "ސޯޝަލް މީޑިއާގައި ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ވީޑިއޯ އަކަށް ހަވާލާދީ ދެކެވޭ ވާހަކަ އަކީ މޭ 2021 ވަނަ އަހަރު ބަނގުލަދޭޝްގެ ނޫހެއްގައި ރިޕޯޓްކޮށްފަވާ ހާދިސާއަކާ ގުޅޭ ވީޑިއޯ އެއްކަމަށް ދަންނަވަން" ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައި ޕޯސްޓެއްގައި ބުނެފައިވަނީ ގޭންގަކުން އެ އަންހެން މީހާ ރޭޕްކޮށް މަރާލާފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މޯޗަރީއަށްލާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މަރެއްގެ ރިޕޯޓެއް އެއިދާރާއަށް ލިބިފައި ނުވާ ކަމަށެވެ.