ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން... ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ގެއްލުނު ލެޕްޓޮޕްތައް ހޯދައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭގަ ގެއްލުނު ލެޕްޓޮޕްތައް ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފަރުކޮޅުގައި ހުރި އެޗްޑީސީ ގެ ޕްރޮޖެކްޓް އޮފީހުން 5 ލެޕްޓޮޕް ވަގަށް ނަގާފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ ރޭގައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓުން ލެޕްޓޮޕްތަކެއް ގެއްލުންކަމަށް ބުނެ ރޭ ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާއި ގުޅިގެން އެޗްޑީސީން އެ ވާހަކަ ދޮގުކޮށް ބުނީ، ފައިނޭންސް ޑިޕާޓްމަންޓުން ލެޕްޓޮޕެއް ގެއްލިފައިނުވާކަމަށާއި، ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން އިންސިޑެންޓެއްގެ ރިޕޯޓް ލިބިފައިވާތީ އެކަން ތަހުގީގުކުރުމަށް ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

އެޗްޑީސީގެ ޑިޕާޓްމަންޓެއް ފަޅާލައި ލިޔެކިޔުމާ ގުޅޭ ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ މައްސަލައެއް ފެންމަތިވިއިރު، ބިންވެރިޔާ ސްކީމުން އުސޫލާ ހިލާފަށް ބިން ދޫކުރި މައްސަލާގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އުސޫލާ ހިލާފަށް ބިން ދޫކޮށްފައިވަނީ ފަޒުލްގެ ބޭބެއަކަށެވެ. މި މައްސަލާގައި ޗެއާމަން ފިޔަވައި ޕީސީބީން ވަނީ މުޅި އެޗްޑިސީގެ ބޯޑު ސަސްޕެންޑްކޮށްފައެވެ.މީގެ އިތުރުން އެޗްޑީސީގެ ސީނިއާ މުއައެްޒަފުން ތަކެއް ހިމެނޭހެން އެކުންފުނިން ގިނަ އަދަދެއްގެ މުއައްޒަފުންތަކެއް ވަނީ ވަޒީފާއިންވެސް ވަކިކޮށްފައެވެ.

ސަރުކާރުން އެޗްޑީސީއަށް އައު އެމްޑީއެއް އައްޔަނުކުރައްވާފައިވާއިރު، އެމަގާމަށް އައްޔަނުކޮށްފައިވަނީ މައުރޫފް ޖަމީލެވެ. އެޗްޑީސީގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް މައުރޫފް ޖަމީލް އައްޔަނުކުރުމުން އިދިކޮޅު ސިޔާސީ އިސް ފަރާތްތަކުން ވަނީ މައުރޫފް ޖަމީލަކީ އެމަގާމަށް އެންމެ ރަނގަޅު އެއް ބޭފުޅާކަން ފާހަގަކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!