ބިންވެރިޔާ ސްކީމްގެ އުސޫލާ ޚިލާފަށް ގޯތިދިން މައްސަލާގައި، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅުއްވާ ގެ ފުލުހުން ވަދެ ފާސްކޮށްފިއެވެ.
މީޑިއާ ތަކަށް ފޮނޮވި މެސެޖެއްގައި ފުލުހުން ވިދާޅުވީ ކޯޓުން ފުލުހުންގެ މައްޗަށް ކުުރި އަމުރަކާ ގުޅިގެން ފަޒުލް ދިރިއުޅުއްވާގެ ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޒުލް ދިރިއުޅެމުން އަންނަ ޒޭވަރުގެއަށް ފުލުހުން ވަދެ ފާސްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފަޒުލް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެފައިމިވަނީ ބިންވެރިޔާ ސްކީމުގެ އުސޫލުން ބޭރުން ފަޒުލްގެ ބޭބެއަށް ގެވަޅެއް ދޫކުރި މައްސަލާގައެވެ. މި މައްސަލާގައި ފަޒުލް ވަނީ އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ ވަނީ މި މައްސަލާގައި ކުރަމުންގެންދާ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.
އުސޫލާ ހިލާފަށް ގެވަޅު ދޫކުރި މައްސަލައާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވެފައިވަނީ، އެޗްޑީސީއަކުން ނުގަވައިދުން އެއްވެސް މީހަކަށް ގޯއްޗެއް ފްލެޓެއް ދޫކޮށްފައި ނުވާނޭކަމަށާއި، އެއީ އެޗްޑީސީއަށް ކުރެވޭނޭ ކަމެއްވެސް ނޫންކަމަށެވެ.
މި މައްސަލާގައި ފުލުހުން ވަނީ އެޗްޑީސީއަށް ވަދެ، ޖިނާއީ ތަހުގީގެއްވެސް ފަށާފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ކުރީ ސަރުކާރުން އުސޫލުން ބޭރުން ބައެއް ފަރާތްތަކަށް ގޯތި ދިނުމަށް ލިޔުން ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ފުލުހުންގެ އެ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.