ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުން އެ ޤާނޫނުގައިވާ ވޭޕް ބޭނުންކުރުމުގެ މާއްދާއާ ޚިލާފުވީ 9 މީހަކު ޖޫރިމަނާކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ނިޔަލަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާ ޚިލާފުވީ 9 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ތެރެއިން އެކަކަކީ ސައިކަލު ދުއްވަމުން އިލެކްޓްރޯނިކް ސިނގިރެޓެއް ބޭނުން ކުރުމާ ގުޅިގެން 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ މީހެއްކަމަށް ފުލުހުން ބުންޏެވެ. މި 9 މީހުންގެ އަތުން ދައުލަތަށް ޖުމްލަ ބައިލައްކަ ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އަމަލުކުރަން ފެށި އިސްލާހުގެ ދަށުން ވޭޕް ބޭނުންކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެއެވެ. ޖޫރިމަނާ ފައިސާ ދައްކަންޖެހެނީ ޖޫރިމަނާ ކުރިކަމަށް އަންގާ ފޮނުވާ މޯބައިލް މެސެޖްގައި ހިމެނޭ ލިންކު ބޭނުންކޮށްގެން ވާރުޕޭ މެދުވެރިކޮށެވެ.