ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް އަތުލެވޭނެކަމަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގައި ބުނެފައި ނެތުމުން ވޭޕްކުރާ ފަރާތްތައް ޖޫރިމަނާކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އެޅެން ނެތްކަމަށް ފުލުހުން ބުނެފިއެވެ.
"ރިވާޔާ" ނޫހަށް މަޢުލޫމާތު ދެމުން ފުލުހުން މިފަދައިން ބުނެފައިވަނީ ވޭޕްކުރާ ފަރާތްތައް ޖޫރިމަނާ ކުރިޔަސް، ވޭޕްކުރުމަށް ބޭނުންކުރި އާލާތް އަތުނުލާކަމަށް މި ނޫހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެކަން ޔަޤީންކުރުމަށްޓަކައި ފުލުހުން ހިންގާ މީޑިޔާ ގުރޫޕުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުންނެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ވޭޕް ކުރާ އާލާތްތައް އަތުލެވޭނެތޯ ޤާނޫނު ދިރާސާކުރިކަމަށާއި، އެހެންނަމަވެސް ޤާނޫނުގައި އެފަދައިން ބުނެފައި ނެތްކަމަށެވެ. އަދި ޤާނޫނުގައި ބުނެފައި ނެތްއިރު އެތަކެތި އަތުލެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ގެންގުޅޭނަމަ އެތަކެތި އަތުލުމުގެ ބާރު ފުލުހުންނަށް ނޯވޭތޯ ސުވާލުކުރުމުންވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް އަތުލެވޭނެކަމަށް ޤާނޫނުގައި ބުނެފައިނުވާތީ މިހާރު އަޅާ ފިޔަވަޅަކީ ހަމައެކަނި ޖޫރިމަނާ ކުރުންކަމަށް ވިދާޅުވެފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައި "އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެވުން މަނާވުން" ބަޔާންކުރާ މާއްދާގެ (ހ) ގައި ބުނަނީ އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއްކަމަށެވެ. އަދި އެ މާއްދާގެ (ހ) އާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، އެފަރާތެއް -/50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި އެފަރާތަކުން ދިވެހިރާއްޖެއަށް އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް -/10,000 (ދިހަހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.
ބެލެވޭ ގޮތުގައި ފުލުހުން އެ އިޝާރާތްކުރަނީ މި މާއްދާގައި އެތަކެތި އަތުލެވޭނެކަމަށް ބުނެފައި ނުވާތީ އެކަމަށެވެ. އެހެންނަމަވެސް ޤާނޫނުގައި މަނާކޮށްފައިވާ އެއްޗެއް ރާއްޖޭގައި ގެންގުޅުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ހުއްދަކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި ދުންފަތާބެހޭ ޤާނޫނުގައި ވޭޕް އެތެރެކުރުން މަނާކޮށްފައިވަނިކޮށް، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖޭގައި ގެންގުޅުން ހުއްދަވާނަމަ މި ޤާނޫނުގެ ދަށުން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދަކީ ކޮބައިތޯ ސުވާލު އުފެދެއެވެ!
ޤާނޫނީ ހަމައަކީ ރާއްޖޭގައި ވޭޕް މަނާކުރުމަށް ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް، އެ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވުމާއެކު މިހިނގާ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕްކުރަން ބޭނުންކުރާ އާލާތްތައް އާލާތްތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވާނެކަމެވެ. އަދި ރާއްޖެ އެތެރެކުރުން މަނާ އެއްޗެއް ރާއްޖޭގައި ގެންގުޅުމަކީ ހުއްދަކުރެވިގެންވާނެކަމެއްވެސް ނޫނެވެ.