ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮތް ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ މެންދަމު 03:36 ހާއިރު ކަމަށެވެ.
އެއާއިއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 04:01 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.