އައު އަހަރާ ދިމާކޮށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައު އަހަރާ ދިމާކޮށް ބަނގުރާ އާއި މަސްތުވާ ތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރި ކުރުން އިތުރުވެގެން ދާނެ ކަމަށް ބެލެވޭތީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް އަދި ކ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތައް ގުޅިގެން 24 ޑިސެމްބަރު 2024 ގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި ބަނގުރާ ވިއްކާކަމަށް ޝައްކު ކުރެވޭ ކެފޭ ރެސްޓޯރަންޓްތައް މޮނިޓާރކޮށް ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެޕޯސްޓުގައި ފުލުހުން ބުނެފައިވެއެވެ.
ކޮންމެ އަހަރެއް ފެށޭއިރު އައު އަހަރުު ފާހަގަ ކުރުމުގެ ނަމުގައި ހުޅުމާލެ އާއި ލޯކަލް ޓުއަރިޒަމް ހިންގަމުންގެންދާ ބައެއް ރަށްރަށުގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އައުއަހަރު ފާހަގަ ކުރާކަން ފާހަގަ ކުރެވެއެވެ.