މި އަހަރު 26 ފަރާތަކުން ޤުރުއާން ހިތުދަސްކޮށް ސަނަދު ޙާޞިލްކުރި: ޑރ ޝަހީމް

މި އަހަރު 26 ފަރާތަކުން ކީރިތި ޤުރުއާން ހިތުދަސްކޮށް އިމްތިޙާން ހަދައި ސަނަދު ޙާޞިލްކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑީޔާ ގުރޫޕުގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.

ޑރ ޝަހީމް ވަނީ އެ 26 ޙާފިޒުންގެ އިތުރުން، ދެ ފަރާތަކުން އިމްތިޙާން ނިންމާފައިވާ ކަމަށާއި، 3 ފަރާތަކުން އިމްތިޙާން ހަދަމުންދާ ކަމަށާއި، 2 ފަރާތަކުން އިމްތިޙާން ހަދަން ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޢުމުރުން 5 އަހަރުގެ ދަރިވަރަކު ހިތުދަސްކޮށް މުރާޖަޢާކުރަން އެދިފައިވާ ކަމަށްވެސް ޑރ ޝަހީމްގެ މެސެޖްގައިވެއެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމުން، ޙާފިޒުކަމުގެ ސަނަދު ހަވާލުކުރުމުގެ ޒިންމާ މިހާރު މަތިވެފައި އޮންނަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ހިންގާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށެވެ. އެގޮތުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ، ޤުރްއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ޙާފިޒުކަމުގެ އިމްތިޙާނު ކޮށްދިނުމަށް އެދި، ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ނުވަތަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅައިފައިވާ ކޮމިޓީއަށް ހުށަހެޅުމުން، އެ ދަރިވަރަކު އިމްތިޙާނު ކޮށްދެއެވެ. އަދި އިމްތިހާންކުރުމަށްފަހު ހާފިޒުކަމުގެ ސަނަދުދެއެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ސަރުކާރުން މިހާރު ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ދައުލަތުން މިހާރު ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު ޙާފިޒުންނަށް މަހަކު 2000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދެއްވައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢެއްވެސް މިހާރު ވަނީ އިފްތިތާޙްކޮށްފައެވެ.

ޑރ ޝަހީމް ފާހަގަކުރެވެނީ ރައީސްގެ އިސްލާމީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ވަޒީރެއްގެ ގޮތުގައެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ ޝަހީމް މަގާމާ ޙަވާލުވެވަޑައިގަތްފަހުން އެމަނިކުފާނު ގެންދަވަނީ ދީނީ ދާއިރާތަކުން މި ފަދަ ކާމިޔާބީ ހޯދާ ދަރިވަރުންނާ ބައްދަލުކުރައްވާ ހިތްވަރު ދެއްވަމުންނެވެ.

advertisement
ހިޔާލު ދެއްވާ!