އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު... ފޮޓޯ: މިނިސްޓްރީ

ޙާފިޒުންގެ ގްރެޖުއޭޝަން ޙަފްލާ ރަމަޟާންމަހުގެ 27 ވިލޭރޭ

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ޚާއްޞަ ”ޙާފިޒުންގެ ގްރެޖުއޭޝަން ޙަފްލާ“ އަންނަ ރަމަޟާންމަހުގެ 27 ވިލޭރޭ ބާއްވަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑީޔާ ގުރޫޕުގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.

ޝަހީމް ވިދާޅުވީ މި ޙަފްލާ ކޮންމެ އަހަރަކު ވެސް ބޭއްވެވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި ޙަފްލާއަށް ޚާއްޞަ ގައުނެއް ފަރުމާކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް އިއްޔެ ވަނީ މިއަހަރު 26 ޙާފިޒުން ޙާފިޒުކަމުގެ ޢިމްތިޙާން ފުރިހަމަކޮށް ސަނަދު ޙާޞިލްކޮށްފައިކަން ހާމަކުރައްވާފައެވެ. އަދި އެ 26 ޙާފިޒުންގެ އިތުރުން، ދެ ފަރާތަކުން އިމްތިޙާން ނިންމާފައިވާ ކަމަށާއި، 3 ފަރާތަކުން އިމްތިޙާން ހަދަމުންދާ ކަމަށާއި، 2 ފަރާތަކުން އިމްތިޙާން ހަދަން ތައްޔާރުވެފައިކަންވެސް ޝަހީމް އިއްޔެ ވިދާޅުވިއެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ސަރުކާރުން މިހާރު ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ދައުލަތުން މިހާރު ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢެއްވެސް މިހާރު ވަނީ އިފްތިތާޙްކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!