އަނެއްކާވެސް ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މައުލޫމާތު ލިބުނުގޮތުގައި މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލާ ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ.އަލީ ހައިދަރު ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބާރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މިނިސްޓަރަކަށް އައްޔަންކޮށްފައެވެ.

މީގެއިތުރުން، މިހާރު ހަޔަރ އެޑިޔުކޭޝަންގެ މިނިސްޓަރުކަމުގައި ހުންނެވި ޑރ.މަރިޔަމް މާރިޔާ ވަނީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފަޔަރއަށް ބަދަލުކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ އެގްރިކަލްޗަރ މިނިސްޓްރީއަށް ބަދަލުކުރައްވާފައިވާއިރު، އެ މިނިސްޓްރީގެ ކުރީގެ މިނިސްޓަރ ޑރ.އައިޝަތު ރަމީލާ އިސްތިއުފާ ދެއްވުމާއި ގުޅިގެން މާރިޔާ އަންނަނީ މިހާރުވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން އެގްރިކަލްޗަރ މިނިސްޓްރީގެ ކަންކަން ވެސް ބަލަހައްޓަވަމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ކެބިނެޓަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ފިނެންސް މިނިސްޓަރު އިސްތިއުފާ ދިނުމުން އެމަގާމަށް ފޮރިން މިނިސްތަރަކަށް ކުރިން ހުންނެވި މޫސާ ޒަމީރު ވަނީ އައްޔަނު ކުރައްވައިފައެވެ. އަދި ފޮރިން މިނިސްޓަރަކަށް ހެލްތު މިނިސްޓްރު އަބްދުﷲ ޚަލީލް ވަނީ އައްޔަނު ކުރައްވާފައެވެ. ހެލްތު މިނިސްޓަރަކަށް އައްޔަނު ކުރެއްވީ ރައީސް ޔާމީންގެ ދައުރުގައި އެމިނިސްޓްރީ ބެލެހެއްޓެވި އަބްދުﷲ ނާޒިމް އައްޔަނު ކުރައްވައިފައެވެ.

advertisement
ހިޔާލު ދެއްވާ!