ސްޓެލްކޯ ހެޑް އޮފީސް

ސަރުކާރުން އަންގައިގެން ޓާޝަރީ ހޮސްޕިޓަލްތަކަށް ކަރަންޓް ސަބްސިޑީ ދެމުންގެންދާތާ 8 އަހަރު: ސްޓެލްކޯ

ސަރުކާރުން އަންގައިގެން ޓާޝަރީ ހޮސްޕިޓަލްތަކަށް ކަރަންޓް ސަބްސިޑީ ދެމުންގެންދާތާ 8 އަހަރު ވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

"އެކްސް"ގައި މިދުއާމް ސައުދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެން އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލަށް އެއްވެސް ޝަރުތަކާއި  ނުލައި ސަބްސިޑީ ދެމުންގެންދާ ކަމަށެވެ.

މިކަން މިހެން ހިނގާ ކަމުގައި ވާނަމަ ވިޔަފާރި އާއި ޓޫރިޒަމަށް އެތަން ތަނުގެ ފައިދާ އިންވެސްޓްކުރާ، އެންމެ ބޮޑު ދެ ޕްރައިވެޓް ހޮސްޕިޓަލަށް ސަރުކާރުން އެއްވެސް ޝަރުތަކާއި ނުލައި ބިމާއި ޔުޓިލިޓީ ސަބްސިޑީ ދިނުމަކީ އިންސާފެއް ނޫނެވެ.

މިކަމާ ގުޅިގެން "ރިވާޔާ ނިއުސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރުން އަންގައިގެން ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކަށް ކަރަންޓް ސަބްސިޑީ ދެމުން ގެންދާ ކަމަށެވެ.

ސަރުކާރާއި އަމިއްލަ ޓާޝަރީ ހޮސްޕިޓަލެއް ވިޔަސް އެކަން އޮންނަނީ އެހެން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަން މިހެން އޮތް އިރު އެޑީކޭ އަދި ޓްރީޓޮޕަކީ އާންމު އާދައިގެ ރައްޔިތު މީހާއަށް ބޭސްފަރުވާ އަތުފަތު ނުޖެހޭހާ އަގުބޮޑުކޮށް ދެމުންގެންދާ ބައެއްކަން ފާހަގަ ކޮށްލެވެއެވެ.

އަމިއްލަ ކުންފުނިތަކަށް ރައްޔިތުންގެ ބިމާއި ޚިދުމަތްތައް އަގު ހެޔޮކޮށް ދޭނަމަ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހިފޭ އަގެއްގައި ރައްޔިތުންނަށް ލިބެންޖެހޭނެއެވެ.

advertisement
ހިޔާލު ދެއްވާ!