މުއާޒް މުހައްމަދު ރަޝީދު

ޕީއެންސީގެ އެކްޓިވިސްޓުންނަށް މުއާޒުގެ ރައްދު: މާތްކަލާއްކޯ، ފިލަންޖެހޭ ވަރުކަމެއް ކޮށްފައެއް ނޯންނާނެ!

ފެނަކައިން އިސްތިއުފާ ދެއްވުމަށްފަހު ޤައުމުދޫކޮށް ފިއްލަވައިގެން ދިޔަ ކަމަށް ދެކެވޭ ވާހަކަތަކަށް ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ރައްދު ދެއްވައިފިއެވެ.

 މުއާޒު ގުޅޭގޮތުން ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ގެންދަނީ އޭނާއަށް ނިސްބަތްކުރައްވައި ތަފާތުއެކިއެކި ތުހުމަތުތައް ކުރައްވަމުންނެވެ. އެގޮތުން އެއްބަޔަކު ވަނީ ފެނަކައިން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ފިއްލަވާފައިވާކަމަށް ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ ފިލަންޖެހޭވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށާއި، އޭނާ މިވަގުތު ހުންނެވީ އާއިލާއާއެކު ބޭސްފަރުވާއަށް އަވައްޓެރި އިންޑިއާގައި ކަމަށެވެ. ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނޭކަމަށްވެސް މުއާޒް ވަނީ ވިދާޅުވެފައެވެ.

https://x.com/muazmr/status/1872144207814779344

ފެނަކައިން މިދިޔަ ހޯމަދުވަހު މުއާޒު އިސްތިއުފާދެއްވީ އޭނާގެ ކޮރަޕްޝަން ކަންތައްތަކެއް ފެންމަތިވުމުންކަމަށް އިސްތިއުފާ ދެއްވި ދުވަހުން ފެށިގެން ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންނެވެ. މީގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުން ހިމެނެއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން މުއާޒު މީގެކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްތިއުފާދިނީ ސަރުކާރުން އޭނާގެ މައްޗަށް އެފަދަ އެއްވެސްކަމެއް ތުހުމަތުކޮށްގެން ނޫންކަމަށެވެ. ބައެއް ފަރާތްތަކުން މުއާޒަށް ނިސްބަތްކޮށް ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން އޭނާ ވިދާޅުވީ، ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާނެކަމެއް ނެތްކަމަށާއި، ދައްކަން ޖެހިއްޖެއްޔާ ލައްކަ ވާހަކަ އެބަހުރިކަމަށެވެ.

މުއާޒުގެ މި ވާހަކަ ތަކުން ދޭހަވަނީ ސަރުކާރުގެ ބައެއް ފަރާތްތަކާއި އޭނާ އާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތްކަމެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނޮއްވި ސީޓީގައި މުއާޒު ވިދާޅުވެފައިވަނީ ކުންފުނީގެ މާލީ ހާލަތު އޮތްގޮތުންނާއި، އަދި ކަންކަން ދާގޮތުން ފެނަކައިުގެ މުސްތަގްބަލު ފަހިވާނޭކަމަށް ނުބެލެވޭކަމަށެވެ. އަދި ސަރުކާރުން ދޭންޖެހޭ އެއްބާރުލުން އެކަށީގެންވާ ގޮތުގައި ނުލިބޭކަން ވެސް މުއާޒުވަނީ ފާހަގަ ކުރައްވައިފައެވެ.

މުއާޒުގެ މައްޗަށް ސަރުކާރާ އިދިކޮޅު ފަރާތްތަކާއި އަދި ސަރުކާރު އެކްޓްވިސްޓުން ކޮރަޕްޝަންގެ އިނގިލި ދިގުކުރަމުންދާއިރު ގދ. ތިނަދޫއަށް އާޖެންޓުކޮށް ކަމަށް ބުނެ ނުއަގުގައި ފެންޕްލާންޓެއް ގަތުމުގެ ތުހުމަތު ވެސް ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!