ފެނަކައިގެ ކުރީގެ އެމްޑީ، ސައީދު އަދި ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު އަދި ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ނިމިގެންދިޔަ ވެރިކަމުގައި ފެނަކައިގެ ތެރެއިން ކޮރަޕްޝަން ހިމެނޭ ކަންކަން ހިންގާފައިވާކަމަށް ބުނެ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވަނީ، އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޕީޖީ އޮފީހުން ބުނީ ދައުވާކުރަނީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގައި މަސައްކަތް ފުރިހަމަ ނުކުރަނީސް މަސައްކަތުގެ އަގު ދީ ނިންމުމުންނެވެ. މި މައްސަލާގައި އެ ދެ ފަރާތަށް ދައުވާކުރަނީ ބްލޭޒަން ކުންފުންނަށް ނަހަމަގޮތެއްގައި މާލީމަންފާއެއް ހޯދައިދިނުމަށް، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްފައިވާތީއެވެ. ދައުވާގައި ބަޔާންކޮށްފައިވާގޮތުން އެ މުއާމަލާތާ ގުޅިގެން ފެނަކައަށް 848،000 ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.

މި މައްސާލަ ސާބިތުވެއްޖެނަމަ، އެއް އަހަރާ ހަތްމަހާއި ހަ ދުވަހުގެ ޖަލުހުކުމެއް އަންނާނެއެވެ. އޭސީސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސައީދުގެ ޕާސްޕޯޓްވެސް ވަނީ މިދިޔަ އޮކްޓޯބަރުމަހު ހިފަހައްޓާފައެވެ.

ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ 25 މައްސަލަ ހިމެނޭކަމަށް މިފަހުން އިސްތިއުފާދެއްވި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ މީޑިއާގައި ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!