އެޗްޑީސީގެ ކޮރަޕްޝަންތަކެއް ރައްޔިތުންނަށް ފަޅާއަރައި ރައްޔިތުން އެކަމާމެދު އަޑުއުފުލަން ފެށުމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ޕާސްޕޯޓު އެކަނި ފުރަތަމަ ހިފެހެއްޓީ އެއަމަލުތައް ހިންގާފައިވަނީ ޕާސްޕޯޓު ބޭނުންކޮށްގެންތޯ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް، ފުލުހުންނާ ސުވާލު ކުރައްވައިފިއެވެ.
ޕީއެންއެފް ޖަގަހަ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ކޮރަޕްޝަން ހިންގާ އެއްވެސް މީހަކާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅު އަޅަން ބޭނުން ނުވާކަން އެމަނިކުފާނުގެ އަމަލުފުޅުތަކުން އެނގި ހާމަ ވާހަކަމަށެވެ.
އެގޮތުން އެންމެ ބޮޑު އެއް ކޮރަޕްޝަން ހިންގި އެއްކުންފުނި ކަމަށްވާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުވެސް ވަކިކުރައްވަން ކެރިވަޑައި ނުގަތް ކަމަށެވެ. އާންމުންގެ ޕްރެޝަރާ ހެދި ފަޒުލް އިސްތިއުފާ ދެއްވަން ޖެހުނީކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ފަޒުލް އަށް ހެކި ނައްތާލުމަށް ރައީސް މުއިއްޒު އާއި ފުލުހުން ވަގުތު ދިން ކަމަށެވެ.
އެގޮތުން އެކަމުގައި މުއާމަލާތުކުރަން ގެންގުޅުނު އިލެކްޓްރޯނިކް ސާމާނު ނައްތައިލުމަށް ފުލުހުން ފުރުސަތު ދީފައިވާކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެންމެ ކުރިން ކުރަންވީ ކަންކަން ނުކޮށް ޕާސްޕޯޓް ހިފެހެއްޓުމަކީ މިކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަން ސާބިތުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވެސް ރައީސް ޔާމީން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.