ހެވެއް ނުބައެއް ނުބަލާ، އެއްޗެއް ބުނާ ކޮންމެ މީހަކު "ރޮލާ ކާލާ" ބީދައިން، އެޓެކްކުރީމާ ނޫނީ އެންމެ ދަށު ދަރަޖައިން ދިމާކުރީމާ ގެއްލެނީ ސަރުކާރަށް އޮތް ސަޕޯޓް ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި އަންހެނުން މަދުކަން ފާހަގަ ކުރުމުން ޕީއެންސީގެ އެކްވިސްޓުން ރައްދު ދެމުން ގެންދާ މައްސަލައިގައި ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި އާޒިމާ ވިދާޅުވީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮވެ ކުރިޔަށްދާއިރު، ޤައުމުގައި ހުރީ ޙައްލުކުރަން ކުދި އަދި ފަސޭހަ މައްސަލަތަކެއް ނޫން ކަމަށެވެ. އާޒިމާ ވިދާޅުވީ މިފަދަ މައްސަލަތަކާބެހޭ ގޮތުން، އަދި މިފަދަ ކަންކަމުގައި އަޅަމުންގެންދާ ފިޔަވަޅުތަކަށް ރައްޔިތުން ބަސްބުނަމުން ގެންދާނެ ކަމަށެވެ. ފަންނީ މީހުން އެބައިމީހުންގެ ފަންނުތަކާ ބެހޭ ކަންކަމުގަ އަދި ތަޖުރިބާކާރުން އެބޭފުޅުންގެ އެކްސްޕަރޓިސް ކަމަށެވެ.
އާޒިމާ ވިދާޅުވީ ޤައުމެއްގެ ޙައިސިއްޔަތުން އެ ޤައުމެއްގައި ތިބި ބަސްވިކޭ، އާރުލާ، ތަޖުރިބާ ހުރި ބޭފުޅުން ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކުގައި ބަސްވިދާޅުވާން ޖެހޭނެ ކަމަށެވެ. އަދި އެއީ ޤައުމުކުރިޔަށް ގެންދިޔުމުގައި މުހިންމު ވާހަކަފުޅުތަކެއް ކަމަށެވެ. އެއީ ކޮންމެހެން ސަރުކާރާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ބުނާ އެއްޗިއްސެއް ނޫން ކަމަށެވެ.
އެހެނަސް މިއަދު މިފެންނަނީ ތިމާމެން ނުރުހޭ އެއްޗެއް ބުނާ ކޮންމެ ފަހަރަކު، ހުރިހާ އެކްޓިވިސްޓުންވެގެން އެބޭފުޅަކު "ރޮލާ ކާލާ" މަންޒަރުކަމަށް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ އެކްޓިވިސްޓުން ރައްދު ދެމުން ގެންދާއިރު ފަތުރިވެރިކަމުގެ ދާއިރާގެ މޭސްތިރިންނަށްވިޔަސް، ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެން ތިބި ޚިދުމަތްތެރިންނަށްވިޔަސް، އެކިއެކިފަންނުތަކުގެ މާހިރުންނަށްވިޔަސް ވަރިހަމަކަމަށެވެ.
“ހެވެއް ނުބައެއް ނުބަލާ، އެއްޗެއް ބުނާ ކޮންމެ މީހަކު "ރޮލާ ކާލާ" ބީދައިން، އެޓެކްކުރީމާ ނޫނީ އެންމެ ދަށު ދަރަޖައިން ދިމާކުރީމާ ގެއްލެނީ ސަރުކާރަށް އޮތް ސަޕޯޓެވެ. ތިޔަ އެކްޓިވިސްޓުންގެ ވިސްނުމުގެ ހަނިކަމާއި ހަމަލާގެ ފެންވަރު ރިފްލެކްޓްކުރަނީ ސަރުކާރަށެވެ. ސިޔާސީ ފާޑުކިޔުމާއި ބިނާކުރަނިވި ފާޑުކިޔުން ވަކިކުރަން ދަސްކުރާށެވެ." އާޒިމާ
އާޒިމާ ވިދާޅުވީ ކެބިނެޓުގައި އެންމެ 2 އަންހެން ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގައި އެންމެ 3 އަންހެން ބޭފުޅުންވީމާ، ޤައުމެއްގެ ނިސްބަތުން މާމަދު ކަމަށެވެ.
މިހެން ވިދާޅުވާން ޖެހެނީ ރާއްޖޭގެ ތަޢުލީމީ އަދި ޚިދުމަތްތެރިންގެ އާބާދީއަށް ބަލާފައި ކަމަށް އާޒިމާ ވިދާޅުވިއެވެ.
“މިކަމާ ކަންބޮޑުވެގެން ބަސްބުނަނީ މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ވީމައެވެ. އަދި ރާއްޖޭގެ ހުރިހާ އަންހެނުންނާއި މުސްތަޤްބަލުގެ އަންހެން ދަރިންގެ ޙައްޤުގައި ބަސްބުނެ އިއްވަން ޖެހޭތީއެވެ. ބަސްނުބުނެފިނަމަ، މިބަސް އިއްވާނޭ ވަކި އެހެން ބަޔަކު ނާންނާނޭތީއެވެ. އާޒިމާ
އާޒިމާ މިހެން ވިދާޅުވެފައިވާ އިރު ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކެމްޕެއިންގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިސް މަގާމުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަން އެހެން ނުހިނގާކަން ފާހަގަ ކުރެވެއެވެ.
1 Comment
މީނާ އެހެން މީހުންނާ މުއާމަލާތުކުރާ ރުންކުރު ގޮތް މީނާއަށް އެނގޭތަ؟ ދައުލަތުގެ ބައެއް މުއައްސަސާތަކާ ޖައްސާލައިގެން މީނާ އުޅޭއިރު