ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަނިކޮށް ޖަޕާނުގެ ޕާލަމެންޓް މެމްބަރ ޓޮޝިޔުކީ އަޑާޗީ ނިޔާވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދެވި ޖަޕާނުގެ ވެރިކަން ކުރާ ޕާޓީކަމަށްވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް ނިޞްބަތްވެވަޑައިގަންނަވާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓޮޝިޔުކީ އަޑާޗީ ނިޔާވެއްޖެ އެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި ސްނޯކްލިންއަށް ވަޑައިގެން އުޅުއްވަނިކޮށް ޓޮޝިޔުކީ މޫދުގައި ނިޔާވެފައި އޮއްވާ ފެނިގެން އެކަން ފުލުހުންނަށް ރިޕޯރޓްކޮށްފައިވަނީ 27 ޑިސެމްބަރ ގެ ހެނދުނު 8:30 ހާއިރުއެވެ.

ޓޮޝިޔުކީ ފާހަގަކުރެވެނީ ރާއްޖެއާ ޖަޕާނާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މިދަތުރުގައި އޭނާ ރާއްޖެ ވަޑައިގެންނެވީ 2 ހަފްތާގެ ޗުއްޓީ ދަތުރުފުޅެއްގައެވެ.

އެލްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޓޮޝިޔުކީ ވަނީ ޖަޕާނުގެ އިންޖިނިއަރިން އެފެއާޒް މިނިސްޓްރީގެ ނައިބުގެ މަގާމާއި މިނިސްޓްރީ އޮފް ލޭންޑް, އިންފްރާސްޓްރަކްޗާ, ޓްރާންސްޕޯޓް އަދި ޓޫރިޒަމްގެ ވެސް ނައިބުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ފުލުހުން ދަނީ ޓޮޝިޔުކީގެ މަރުގެ މައްސަލަ ތަޙްޤީޤުކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!