ދުރު ރާސްތާ ދަތުރުތައް ފެށުމަށްޓަކައި މޯލްޑިވިއަންއަށް ގެނައުމަށް ހަމަޖެހިފައިވާ ވައިޑް ބޮޑީ އެއަރކްރާފްޓްތަކުގެ ފުރަތަމަ ބޯޓު ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ ގެނެވޭނެކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަންގެ ސްޓެރެޓެޖީ މެނޭޖަރ އިސްމާޢީލް އާޠިފް ވިދާޅުވީ ވައިޑް ބޮޑީ އެއަރކްރާފްޓް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެކުންފުނިން ކުރަމުންދާތާ 6 މަސްދުވަސް ވެއްޖެކަމަށެވެ. އެގޮތުން ލެޓަރ އޮފް އިންޓެންޓް (އެލްއޯއީ) ގައި ސޮއިކޮށް، ބޯޓުގެ އިންސްޕެކްޝަން ނިންމާ، ލިވަރީ ޕެއިންޓިންގ ވެސް މިހާރު ނިމިފައިވާކަމަށް ޢާޠިފް ވަނީ ވިދާޅުވެފައެވެ.
ޢާޠިފް ވިދާޅުވީ، ލިތުއޭނިޔާއިން ބޯޓު މިހާރު ވަނީ ސިންގަޕޫރަށް ގެންގޮސްފައި ކަމަށާއި، ޖެނުއަރީ މަހުގެ 6 ނުވަތަ 7 ވަނަ ދުވަހު ބޯޓު ރާއްޖެ ގެނެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި ބޯޓަށް މަރުޙަބާ ކިޔުމަށްޓަކައި ޚާއްޞަ އިވެންޓެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެއަރ ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ޢާޠިފް ވިދާޅުވިއެވެ.
މި ބޯޓަކީ އެއްފަހަރާ 264 ފަސިންޖަރުންނަށް, ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެ ބޯޓެކެވެ. އެގޮތުން މިބޯޓާއެކު ރާއްޖެއިން ޔޫރަޕުގެ މަންޒިލްތަކަށް ދަތުރުކުރުމުގެ ޤާބިލްކަން މޯލްޑިވިއަންއަށް ލިބިގެންދާނެއެވެ.