ބޮންޑެޑް ވެއަރހައުސްއަކުން ސިނގިރޭޓްތަކެއް ގެއްލުނު ވާހަކައަކީ ޞައްޙަ ވާހަކައެއް: ވަޒީރު އިޙްސާން

ބޮންޑެޑް ވެއަރހައުސް އަކުން ސިނގިރޭޓްތަކެއް ގެއްލުނު ވާހަކައަކީ ޞައްޙަ ވާހަކައެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިޙްސާން މިފަދައިން ވިދާޅުވީ މާލޭގައި ހުންނަ ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ގިނަ ޢަދަދެއްގެ ސިނގިރޭޓް ކަސްޓަމްސަށް ނޭނގި އެތަނުން ބޭރުކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް މީޑިޔާގައި ރިޕޯރޓްކުރުމުން އެކަމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިޙްސާން ވިދާޅުވީ، މާލޭގެ އެކި ގެތަކުގައި އަދި އެޕާރޓްމެންޓްތަކުގައި ބޮންޑެޑް ވެއަރހައުސްތައް ހިންގަމުން އަންނަކަމަށާއި އެގޮތަށް ހިންގާ ވެއަރހައުސްތަކުގައި 2 ތަޅުލާފައި ހުންނަކަމަށެވެ. އަދި އޭގެ ތެރެއިން 1 ތަޅުގެ ތަޅުދަނޑި އޮންނާނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ކަމަށާއި އެގޮތަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެއް ތަޅުދަނޑި ބާއްވައިގެން ހިންގަމުން އައި ވެއަރހައުސްއެއް ހިންގި ތަނުގައި އެހެން މަސައްކަތްތަކެއް ކުރަމުން އަންނަ މަޢުލޫމާތު ކަސްޓަމްސަށް ލިބުމުން ބެލިއިރު އެ ވެއަރހައުސްގައި ހުންނަންޖެހޭ ސިނގިރޭޓްތައް އެތަނުގައި ނެތްކަމަށެވެ

ވަޒީރު ވިދާޅުވީ އެކަން ފާހަގަވުމުން އެ ވެއަރހައުސްގައި ހުންނާނެކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކާ މުދަލަށް ޑިޔުޓީ ދެއްކުމަށް ވެރިފަރާތަށް އަންގާފައިވާކަމަށެވެ. ގާނޫނު ބުނާގޮތުން ބޮންޑު ކޮށްފައި ހުންނަ މުދަލަކަށް ޑިއުޓީ ދައްކަން ޖެހޭނީ އެ މުދަލެއް ނެރުމުން ނުވަތަ ހަލާކުވުމުންނާއި، މުދާތައް ގެއްލޭ ފަދަ ހާލަތެއް މެދުވެރިވުމުންނެވެ.

އިޙްސާން ވަނީ އެކަން ހިނގިގޮތް ބެލުމަށްޓަކައި ފުލުހުންނާއި ކަސްޓަމްސް އިން މިހާރު ދަނީ ތަޙްޤީޤުކުރަމުންކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ޤާނޫނި ފިޔަވަޅު އަޅުއްވާނެކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން އިތުރަށް ވިދާޅުވީ ގެތަކުގައި އަދި އެޕާރޓްމެންޓްތަކުގައި ބޮންޑެޑް ވެއަރހައުސް ހިންގުމަކީ ސަލާމަތީގޮތުން ބެލިޔަސް އަދި އެތަންތަނުގައި ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ މިންވަރަށް ބެލިޔަސް އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ސަބަބަށްޓަކައި ބޮންޑެޑް ވެއަރހައުސް ދެން ހިންގޭނީ ހަމައެކަނި "ކަސްޓަމްސްގެ ފުލް ކޮންޓްރޯލް" އޮންނަ ސަރަޙައްދުތަކުގައި އެކަނިކަމަށް މިހާރު ވަނީ ކަނޑައަޅާފައިކަމަށާއި، އެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ.

ސަރުކާރުގެ އޮފިޝަލަކާ ޙަވާލާދީ މީޑިޔާތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި އެ ވެއަރހައުސްގައި ހުރި 575 ކޭސް ސިނގިރޭޓް ވަނީ ގެއްލިފައެވެ. ބާޒާރުގައި ސިނގިރޭޓުގެ މިހާރު ވިއްކާ އަގުން ބަލާނަމަ މިތަކެތީގެ އަގު 80 މިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. އަދި އެތަކެތީގެ ޑިޔުޓީއާއި ރެވެނިޔު ސްޓޭމްޕްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޢަދަދުވެސް 47 މިލިއަން ރުފިޔާއަށް އަރައެވެ.

ފުލުހުންނާއި ކަސްޓަމްސް އިން މި މައްސަލަ ތަހުގީގުކުރަމުންދިޔަ ނަމަވެސް މިހާތަނަށް މިކަމާ ގުޅިގެން އެއިން އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

advertisement
ހިޔާލު ދެއްވާ!