އާރުޑީސީގެ ކުރީގެ އެމްޑީ މޫސާޢަލިމަނިކު

އާރްޑީސީގެ ކުރީގެ އެމްޑީ މޫކޭ އާއި ސީއެފްއޯ ޔާސިރުގެ ޕާސްޕޯރޓް ހިފަހައްޓައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔަނާތުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ގެ މަޤާމު އަދާކުރެއްވި ޔާސިރު ޙަސަން ފުރުން މަނާކޮށް ޕާސްޕޯރޓް ހިފަހައްޓައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ދެ ބޭފުޅުން ފުރުން މަނާކޮށްފައިވަނީ އެ އިދާރާއިން ކުރިޔަށް ގެންދާ ތަޙްޤީޤަކާ ގުޅިގެންކަމަށެވެ. އަދި ފުރުން މަނާކޮށް އެ ފަރާތްތަކަށް އެކަން އަންގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ އާރުޑީސީގެ ޕޭޔަބަލްސް މެނޭޖަރުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތުކޮށްފައިވާ ތުހުމަތު ކުރެވޭ މައްސަލައަކާއި، އާރުޑީސީއަށް ލިބޭ ފައިސާ ކުންފުނީގެ އިސްވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ބަލަމުންނެވެ.

މި މައްސަލަތަކާ ގުޅިގެން ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ ތިން ތަނަކަށް ވަދެ، ބަލައި ފާސްކޮށްފަ އެވެ. އެގޮތުން މޫކޭ ދިރިއުޅޭ ގަލޮޅުގައި ހުންނަ ގެޔަކާއި ޔާސިރަށް ނިސްބަތްވާ ވިނަރެސް ފްލެޓަކާއި ހުޅުމާލޭގައި ހުންނަ ގެޔެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއްވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ބަލަމުން އަންނަ މި މައްސަލައިގައި އާރްޑީސީގެ އޮފީހަށް މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ވަދެ، ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ލިޔެކިޔުންތައްވެސް ގެންގޮސްފައިވެ އެވެ.

advertisement
ހިޔާލު ދެއްވާ!