ގެއްލުނު ޢުމްރާވެރިޔާ ފެނިއްޖެ. ޙާލު ރަނގަޅު.

ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިޔަ ޏ. ފުވައްމުލަށް/ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ ހެޔޮ ޙާލުގައި ހުއްޓާ ފެނިއްޖެކަމަށް އެ ގުރޫޕުން ބުނެފިއެވެ.

"ރިވާޔާ" ނޫހަށް މަޢުލޫމާތު ދެމުން އެ ގުރޫޕުގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވީ މިއަދު ހެނދުނު 10 ޖަހާކަންހާއިރު ގެއްލުނު ޙުސައިން މުޙައްމަދު ދީދީ ފެނިފައިވަނީ ޙަރަމްފުޅު ތެރޭގައި އުޅުނު އެ ގުރޫޕުގެ ބަޔަކަށް ކަމަށެވެ. އަދި ފެނުނުއިރު އޭނާގެ ޙާލު ރަނގަޅުކަމަށާއި، ޢުމްރާގެ އަޅުކަންވެސް ފުރިހަމަކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް އޭރުއްސުރެ އެއްޗެއް ނުކައިހުރުމުގެ ސަބަބުން ގައިގެ ވަރުދެރަވެފައިވާކަމަށާއި، އޭނާ މިހާރު ހުރީ ގުރޫޕުގެ މީހުން ތިބޭ ހޮޓަލުގައިކަމަށާއި އޭނާގެ ޙާލު ވަރަށް ގާތުން ބަލަމުން ދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، ޙުސައިން މުޙައްމަދު ހޯދަން ކުރި މަސައްކަތުގައި ފެނުން ލަސްވެފައިވަނީ ޙަރަމްފުޅުގައި މަޑުނުކޮށް ހޮޓަލަށް އައުމަށްޓަކައި އޭނާ މަސައްކަތްކުރުމުގެ ސަބަބުން ކަމަށެވެ. އެގޮތުން، ޙުސައިން މުޙައްމަދާ ޙަވާލާދީ އޮފިޝަލް ވިދާޅުވީ ގުރޫޕުގެ މީހުން ތިބޭ ހޮޓަލާ ހިސާބަށްވެސް އޭނާ އައިކަމަށާއި އެހެންނަމަވެސް ހޮޓާ ވަކިކުރަން ނޭނގުމުގެ ސަބަބުން އަނެއްކާވެސް ޙަރަމަށް ދިޔަ ކަމަށެވެ. އަދި އެގޮތަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ޙަރަމާއި ހޮޓަލާ ދޭތެރޭ އޭނާ ހިނގާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޙުސައިން މުޙައްމަދު ގެއްލުނީއްސުރެ، ގުރޫޕުގެ ފަރާތުން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާ ހޯދުމަށްޓަކައި ޙަރަމްފުޅާއި ޙަރަމްފުޅުގެ ވަށައިގެންވާ ސަރަޙައްދުގެ ބޮޑުބައެއް ގުރޫޕުން ދިޔައީ ތަކުރާރުކޮށް ބަލަމުންނެވެ.

ޢުމްރާގެ އަޅުކަމަށް ދާ މީހުން ގެއްލުމަކީ ކޮންމެ އަހަރަކުވެސް ދިމާވާ ކަމެކެވެ. އެކަމަށްޓަކައި އެފަދަ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ޢުމްރާވެރިންނަށް ގުރޫޕުތަކުން ފޯރުކޮށްދެއެވެ.

advertisement
ހިޔާލު ދެއްވާ!