ﷲގެ ފޮތާއި ކައުރަސޫލާގެ ސުންނަތަކީ ﷲގެ އަޅުންނަށް އެންމެ ސީދާ މަގު ދައްކައިދޭ މަނާރުތަކެވެ. މި ދެ މަޞްދަރުގައި ހިފަހައްޓައިފިނަމަ ގެއްލެނިވެގެން ނުދާނެތެވެ. ބުއްދީގެ އަހްލުވެރިން އެމީހުންގެ ވިސްނުމުގެ ސަބަބުން މަގުގެއްލިގެންދެއެވެ. ސުލޫކިއްޔާތުގެ މީހުން އެމީހުންގެ ވަހްމުތަކާއި ޝުޢޫރުތަކުގެ ސަބަބުން ހެޔޮމަގުން ކަސިޔާރުވެގެންދެއެވެ. އެހެނަސް ފޮތާއި ސުންނަތަށް ތަބާވާމީހުން ޙައްޤުމަގުގައި ކުރިއަރައިދެއެވެ. ﷲގެ ރުއްސެވުމަށް ޓަކައި ގަދައަޅައި މަސައްކަތް ކުރެއެވެ.އެމީހުންް ދުނިޔެއާއި އާޚިރަތުގައި އަމާންކަން ހޯދައިގެން ހިތްހަމަޖެހިގެންވާ ޙާލުގައި ﷲގެ ޙަޟްރަތަށް ދަތުރުކުރާނެތެވެ.
މި ޙަދީސަކީ ދީނުގައި ބާރުވެރިވުމަށް ގޮވައިލާ ބަސްފުޅެކެވެ.ފައިދާކުރަނިވި މީހަކަށް ވުމަށް ގޮވައިލާ ނަސޭހަތެކެވެ.ޝައިޠާނާގެ މައްޗަށް ސަވާރުވުމަށް ގޮވައިލާ އިރްޝާދެކެވެ. ﷲގެ ޤަޟާޤަދަރަށް ރުހުމަށް ގޮވައިލާ ބަސްފުޅެކެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ.((الْمُؤْمِنُ القَوِيُّ خَيْرٌ وَأَحَبُّ إلى اللهِ مِنَ المُؤْمِنِ الضَّعِيفِ، وفي كُلٍّ خَيْرٌ. احْرِصْ على ما يَنْفَعُكَ، واسْتَعِنْ باللَّهِ وَلا تَعْجِزْ، وإنْ أَصابَكَ شَيءٌ، فلا تَقُلْ: لو أَنِّي فَعَلْتُ كانَ كَذا وَكَذا، وَلَكِنْ قُلْ: قَدَرُ اللهِ وَما شاءَ فَعَلَ؛ فإنَّ لو تَفْتَحُ عَمَلَ الشَّيْطانِ– ﷲގެ ޙަޟްރަތުގައި ބާރުވެރި މުއުމިނާގެ ހޮޔޮކަންބޮޑެވެ. އަދި ނިކަމެތި މުއުމިނާއަށް ވުރެ އޭނާގެ ލޮބުވެތިކަން ބޮޑުމެއެވެ.އެއިން ކޮންމެ މީހެއްގެ ކިބައިގައި ވެސް އޮތީ ހެޔޮކަމެވެ. ތިބާއަށް ފައިދާކުރަނިވި ކަންތައް ކުރުމަށް ދަހިވެތިވާށެވެ!އަދި ﷲގެ ކިބައިން ވާތްގަށް އެދޭށެވެ! އަދި ތިބާ ނުކުޅެދުންތެރިނުވާށެވެ! ތިބާއަށް މުޞީބާތެއް ކުރިމަތިވުމުން އަހުރެން މިވެނި އެވެނި ކަމެއް ކުރިނަމަ މިހެން ނުވާނެއޭ ނުބުނާށެވެ! އެހެނަސް ތިބާ ބުނާށެވެ! އެއީ ﷲގެ މިންވަރުފުޅެވެ .އެކަލާނގެ އިރާދަފުޅުކުރައްވާ ކަމެއް ކުރައްވަތެވެ. ފަހެ ހަމަކަށަވަރުން, "ނަމަ" މި ބަހަކީޝައިޠާނާގެ ޢަމަލުތަކަށް ހުޅެވި ދޮރެކެވެ.))
އީމާންކަމުގެ ސަބަބުން ނިކަމެތި މުއުމިނާއަކީ ވެސް ހެޔޮރަނގަޅު މީހެކެވެ. އެހެނަސް އީމާންކަމަކީ މީސްތަކުންގެ މެދުގައި ފަތުރަންޖެހޭ ކަމެކެވެ. އެކަމަށް ޓަކައި މީސްތަކުންނަށް ގޮވައިލަން ޖެހޭ ކަމެކެވެ. އެކަމަށް ޓަކައި ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރަންޖެހޭ ކަމެކެވެ. ބާރުގަދަ މުއުމިނަކަށް ނޫނީ މި ކަން ނުކުރެވޭނެއެވެ. ﷲގެ ޙަޟްރަތުގައި ބާރުވެރި މުއުމިނާގެލޮބުވެތިކަން ބޮޑީ މިހެންވެގެންނެވެ.
މުއުމިނާގެ ބާރު ގަދަވި ވަރަކަށް އޭނާގެ ޤާބިލުކަން ބޮޑުވެ، އޭނާގެ ފުށުން އިސްލާންދީނަށް ކުރާ ފައިދާ ބޮޑުވާނެއެވެ. އޭނާގެ ސަބަބުން ޙައްޤަށް ލިބޭ ބާރު ، އަޅުވެރިކަމަށް ލިބޭ ބާރު، ދަލީލުލު ދެއްކުމަށް ލިބޭ ބާރު ބޮޑުވާނެއެވެ.
ބާރަކީ އެއަށް ތާރީފު ލިބިގެންވާ އެއްޗެކެވެ.ﷲގެ ފޮތުގައި ވަޙީކުރެއްވިއެވެ. ﴿ وَٱذْكُرْ عِبَٰدَنَآ إِبْرَٰهِيمَ وَإِسْحَٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَٰرِ – އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيم ގެފާނާއި، إسحاقގެފާނާއި، يعقوب ގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ عمل ކުރެއްވުމަށް ބާރުގަދަ، ބުއްދީގެ أهل ވެރިންނެވެ.﴾ މާތް ﷲ ވަނީ ބާރު ލިބިގެންވާ ބައަކަށް މުއުމިނުން ވުމަށް އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ .﴿ وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ – އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ.﴾
ﷲ سُبْحَانَهُ وَتَعالَى ގެ ސިފަފުޅުތަކުގެ ތެރޭގައި ٱلْقَوِىُّ – ބާރުވެރިވަންތަކަން – ވެއެވެ. މިހެންވެ މުއުމިނުން ވެސް ބާރުވެރިވުމަށް އެކަލާނގެ އެންގެވިއެވެ. އޭނާގެ ބާރުން އިސްލާންދީނަށާއި މުސްލިމުންނަށް ފައިދާ ކުރާނެތީއެވެ.
ރަސޫލާ صلى الله عليه وسلم އެއަށް ތާރީފުކުރައްވާ ބާރަކީ އީމާންކަމުން ފަޅައިފައިވާ ބާރެވެ. ނަފުސަށް ހިތްހަމަޖެހުން ލިބިދޭ ، މުޖްތަމަޢުގައި އަމާންކަން ފަތުރާ ބާރެވެ.އެއީ ނަސްލާއި ބިންފަސާދަކުރާ ބާރެއްނޫނެވެ. އެއީ ނިރުބަވެރިކަން ފަތުރާ ބާރެއްނޫނެވެ. އެއީ މީސްތަކުން އަޅުވެތިކުރާ ބާރެއްނޫނެވެ.
އެއަށްފަހު ނަބިއްޔާ صلى الله عليه وسلَّم މި ކުރައްސަވާދެއްވަނީ ބާރުވެރިކަން ޙާޞިލުކުރާނެ ޢަމަލީ ރޭވުމެކެވެ. އެކަލޭގެފާނު މި ޙަދީސްކުރައްވަނީ ((احْرِصْ على ما يَنْفَعُكَ– ތިބާއަށް ފައިދާކުރަނިވި ކަންތައް ކުރުމަށް ތިބާ ދަހިވެތިވާށެވެ.)) އެވެ. އިބްނުލް ޤައްޔިމު ވިދާޅުވާ ގޮތުގައި އިންސާނާގެ ބާއްޖަވެރިކަން އޮންނާނީ އޭނާގެ ދުނިޔެއަށާއިއާޚިރަތަށް ފައިދާހުރި ކަންތައް ކުރުމަށް ދަހިވެތިވުމުގައެވެ. "އެހެނަސް މުއުމިނާ އޭނާގެ އަމިއްލަ ބާރުގެ މައްޗަށް އެކަނި ބަރޯސާވެ ބޮޑާނުވުމަށް ރަސޫލާ މި ވަނީ އަންގަވައިފައެވެ. ޙަޤީޤަތަށް ބަލާއިރު ބާރުގެ އަސްލު މަސްދަރަކީ ﷲ ތަޢާލާއެވެ. މިހެންވެ ލޮބުވެތި ރަސޫލާ މުއުމިނާއަށް ނަސޭހަތް ދެއްވައި މި ޙަދީސްކުރައްވަނީ ((واسْتَعِنْ بِالله – ތިބާ ﷲގެ ކިބަފުޅުން ވާތްގަށް އެދޭށެވެ!)) މުއުމިނުން ކޮންމެ ނަމާދެއްގައި ކޮންމެ ރަކްޢަތެއްގައި ﷲގެ ޙަޟްރަތުން ވާތްގަށް އެދެއެވެ. ﴿ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ – އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ حضرة ންނެވެ.﴾ ނަބިއްޔާ صلى الله عليهوسلم މުޢާޛުގެފާނަށް ފަރްޟު ފަސްނަމާދު ކުރެއްވުމަށް ފަހު މި އަންނަ ދުޢާ ކުރެއްވުމަށް ވަޞިއްޔަތް ކުރެއްވިއެވެ.((اللهُمَّ أَعِنّي على ذكرك وشكرك وحُسْنِ عبادتك –ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ރަސްކަލާނގެ ހަނދުމަކުރުމަށާއި އިބަރަސްކަލާނގެއަށް ޝުކްރުކުރުމަށާއި އިބަރަސްކަލާގެއަށް ރިވެތިކޮށް އަޅުކަންކުރުމަށް މި އަޅާއަށްވާގިދެއްވާނދޭވެ! )) ﷲގެ ޙަޟްރަތުން ވާގިވެރިކަން ނުހޯދާ ކުރާ އެއްވެސް ޢަމަލެއްގައި އެކަލާނގެ ބަރަކާތެއް ނުލައްްވާނެއެވެ.
ﷲގެ ޙަޟްރަތުން ވާގިވެރިކަން ހޯދުމާއި އެކަލާގެއަށް ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފަހައްޓަން ނުޖެހޭ ކަމެއްކަމަށް މީހަކު ދެކެފާނެއެވެ.މިހެންވެ ނަބިއްޔާ r ޙަދީސްކުރެއްވިއެވެ. ((ولا تَعْجِزْ – އަދި ތިބާ ނުކުޅެދުންތެރިނުވާށެވެ! )) އެކަލާނގެ ޙަޟްރަތުން ވާގިހޯދާ ވާހަކަ ދުލުން ބުނެލުމަކުން ނުފުދެއެވެ. ސަބަބުތަކުގައި ހިފަހައްޓަން ޖެހޭނެއެވެ. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. " ނުކުޅެދުންތެރިކަމަކީ ފައިދާހުރި ކަންކަން ކުރުމަށް ދަހިވެތިވާ ދަހިވެތިވުމާ އަރާރުންވާ ކަމެކެވެ. އެއީ ﷲގެ ޙަޟްރަތުން ވާތްގަށް އެދޭއެދުން ނަފީކުރާ ކަމެކެވެ.
ﷲގެ އަޅާ ފައިދާކުރަނިވި ކަމެއް ކުރުމަށް ދަހިވެތިވެ، ﷲގެ ޙަޟްރަތުން ވާގިވެރިކަމަށް އެދި ނުކުޅެދުންތެރިނުވެ މަސައްކަތްކުރުމުން ވެސް އޭނާގެ މަންޒިލްމަޤްޞޫދާ ހަމައަށް ނުދެވޭ ޙާލަތްތައް ކުރިމަތިވެއެވެ. މި ޙާލަތުގައި ލޮބުވެތި ނަބިއްޔާ މުއުމިނުތަކުންނަށް އަމުރުކުރައްވަނީ ކެތްތެރިވުމަށެވެ. އެކަމާމެދު ދެރަނުވުމަށެވެ. އެކަމުގެ ޒިންމާ އެހެން މީހެއްގެ ބޮލުގައި ނޭޅުވުމަށެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ ((وإنْ أَصَابَكَ شَيْءٌ فلا تَقُلْ: لَوْ أَنّي فعلت كان كذا وكذا، ولكن قل: قَدَّرَ الله وما شاء فعل فإنَّ لَوْ تفتح عمل الشيطان – ތިބާއަށް މުޞީބާތެއް ކުރިމަތިވުމުން އަހުރެން މިވެނި އެވެނި ކަމެއް ކުރިނަމަ މިހެން ނުވާނެއޭ ނުބުނާށެވެ! އެހެނަސް ތިބާ ބުނާށެވެ! އެއީ ﷲގެ މިންވަރުފުޅެވެ. އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ. ފަހެ ހަމަކަށަވަރުން, "ނަމަ" މި ބަހަކީޝައިޠާނާގެ ޢަމަލުތަކަށް ހުޅެވި ދޮރެކެވެ.))
ކޮންމެ މީހެއްގެ މައްޗަށް ވެސް އޮތީ ދުރާލައި ރާވައިގެން ﷲގެ ވަޖްހުފުޅު އަދައިގެން ހެޔޮ އަމާޒަށް ވާޞިލުވެވޭތޯ މަސައްކަތްކުރުމެވެ. އެދޭ ފޮނި ނަތީޖާ ނުނުކުމެދާނެއެވެ.ﷲގެ މިންވަރުފުޅަކީ ތަފާތު އެއްޗެކެވެ. އެކަލާނގެ އިރާދަކުރައްވާ ކަމެއް މެނުވީ ނުވާނެތެވެ. އެކަލާނގެ ނިޔާފުޅު ތަންފީޒުވެގެންދާނެތެވެ. ހިތާމަކުރުމަކީ އޮތް ކަމެއްނޫނެވެ. އޮތީ ކެތްތެރިވުމެވެ. ﷲގެ ޙަޟްރަތުން ދަރުމައަށް އެދުމެވެ. އަހުރެން މިވެނި ކަމެއް ކުރި "ނަމަ" އެ ކަމެއް ނުވާނެއޭ ނުބުނާށެވެ. "ނަމަ " އަކީ ޝައިޠާނާގެ އަތުގައި ވާ ތަޅުދަނޑިއެކެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴿٢٢﴾ لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ – އެއްވެސް مصيبة އެއް، ތިމަންރަސްކަލާނގެ އެ مصيبة އެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ حال ގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ اللَّه އަށް ދާދިފަސޭހަ ކަމެކެވެ. (އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. ﴾
އަޅުގަނޑުމެން މީސްތަކުނގެ ޙާލަތަށް ބަލާއިރު ރަސޫލާގެ މި ނޫރުފުޅުގެ އަލިން ފެންނަ ފެނުންތަކާއި މީސްތަކުންގެ ޙާލަތު ވަރަށް ތަފާތެވެ. މިއަދު ގިނަ ބައެއްގެ ހިތަށް ވަނީ ނިކަމެތިކަން ވަދެފައެވެ.އެއީ ސިންދަފާތު ނިކަމެތިކަމެކެވެ.ވަރަށް ފުނަށް ފައިބައިފައިވާ ނިކަމެތިކަމެކެވެ.އީމާންކަމުގެ ނިކަމެތިކަމެކެވެ. ޢިބާދާތާއި ޢަމަލުގެ ނިކަމެތިކަމެކެވެ. ޞައްޙަ ޢަޤީދާގެ ނިކަމެތިކަމެކެވެ. ދުނިޔެއާއި ދުނިޔޭގެ އޮފުދާރުކަމާއި ޒީނަތްތެރިކަމުގެ ސަބަބުން ނިކަމެތިވެފައިވާ ނިކަމެތި ކަމެކެވެ.
ނިކަމެތިކަމުގެ މަޒާހިރުތަކުގެ ތެރޭގައި އާޚިރަތުގެ މަތިން ޣާފިލުވެހުރެ ދުނިޔަވީ ކަންތައްތަކުން ލާބަހޯދުމަށް މަސައްކަތްކުރުން ވެއެވެ. މިހާލަތުގައި އޭނާ ކަންބޮޑުވާނީ ދުނިޔަވީ ކަމެއް ބީވެގެން ދިޔުމުންނެވެ. އާޚިރަތުގެ ކަމެއް ފާއިތުވިޔަސް އޭނާ އެކަމާމެދު ދެރައެއް ނުވާނެއެވެ.
އީމާންކަން ނިކަމެތިވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ކަންތައްތައް ކުރުމުގައި ﷲގެ ޙަޟްރަތުން ވާގި ހޯދުމަށްއިސްކަންނުދިނުން ވެއެވެ. އޭނާ ކަންކަން ކުރުމުގައި ބަރޯސާވާނީ އާރަށާއި ބާރަށެވެ. ފައިސާއަށާއި ރަޙްމަތްތެރީންނަށެވެ.އޭނާއަށް ލިބޭ އެއްވެސް ކަމިޔާބީއަކީ ﷲ ދެއްވި ނިޢުމަތެއްކަމަކަށް ނުދެކޭނެއެވެ. އެ ކަން ނިސްބަތްކުރާނީ އޭނާގެ ނަފްސަށާއި އޭނާގެ ޢިލްމަށާއި އޭނާގެ ހުނަރުވެރިކަމަށާއި ތަޖްރިބާއަށެވެ. މި ޒަމާނުގައި ވަރަށް ގިނައިން ތިބާގެ ނަފްސަށް އިތުބާރުކުރާށޭ ބުނެއެވެ. މިވެނި މީހަކަށް ބަރޯސާވާށޭ ބުނެއެވެ. ރަސޫލާ صلى الله عليه وسلمއެކަލޭގެފާނުގެ ދަރިކަނބަލުންނަށް ނަސޭހަތްދެއްވަމުން ޙަދީސްކުރެއްވީ އެހެނެއްނޫނެވެ.ޙަދީސްކުރެއްވީ ހެދުނާއި ހަވިރު މި ދުޢާ ކުރެއްވުމަށެވެ.((يا حيُّ يا قيُّومُ برحمتِكَ أستغيثُ أصلِح لي شأني كلَّهُ ولا تَكلني إلى نفسي طرفةَ عينٍ – ދިރިދެމިވޮޑިގެންވާ ރަސްކަލާކޮ! ކަންތައްތައް ހިންގަވާ ބަލަހައްޓަވާ ރަސްކަލާކޮ! އިބަރަސްކަލާނގެ ރަޙްމަތްފުޅަށް އެދި މިއަޅާ އާދޭސް ދަންނަވަމެވެ. މިއަޅާގެ ހުރިހާ ކަންތައްތަކެއް ރަނގަޅު ކޮށްދެއްވާނދޭވެ! މިއަޅާ އެންމެ ހިނދުކޮޅަކަށް ވެސް މިއަޅާގެ އަމިއްލަ ނަފްސަށް ދޫކޮށް ނުލައްވާނދޭވެ! ))