ޑޮލަރު މާރުކުރަން މަޖުބޫރުކުރާގޮތަށް ބައްޓަންކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
އެ ބިލަކީ ރައްޔިތުންގެ މަޖްލީހުގެ ނިމިދިޔަ ދައުރުގައި ފާސްކޮށް ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވާ ބިލެކެވެ.
ތަޞްދީޤު ކުރެވުނު ބިލު ގެޒެޓްކޮށްފައިވާއިރު، އެ ގާނޫނުގައި ވަނީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅާ, ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާ ބެހޭ އުސޫލުތަކާއި އެނޫންވެސް ބޭރު ފައިސާާ އާއި ބޭރު ފައިސާ އާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަންކަން ހިމަނާފައެވެ.
އެ ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުން ވަކި މުއްދަތުތަކެއްގައި އެމްއެމްއޭގައި ރަޖިސްޓްރީކުރަން ޖެހެ އެވެ. އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ, ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާކުރާ ގޮތަށްވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އެގޮތުން 2 ކެޓަގަރީއެއް ކަނޑައަޅާފައިވާއިރު، ކެޓަގަރީ އޭ ގައި ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓްތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިސޯޓް ހޮޓާތައް ހިމެނޭއިރު، ކެޓަގަރީ ބީ ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކެވެ.
ކެޓަގަރީ އޭއަށް ލިބޭ ފައިސާ މާރުކުރެވޭނެ ދެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެއް ގޮތަކީ އެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 އިންސައްތަ މާރުކުރުމެވެ.
އަދި ކެޓަގަރީ ބީ އަށް ލިބޭ ފައިސާ މާރުކުރަންޖެހެނީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 އިންސައްތައިގެ ރޭޓުންނެވެ.
އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަކުން 15 މިލިއަން ލިބޭ ފަރާތްތަކުން އެ ފައިސާގެ ތެރެއިން ކޮންމެ އަހަރަކު ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހެ އެވެ.
އެ ގާނޫނު ހިންގައި ތަންފީޒުކުުރުމުގެ މައި އިދާރާއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކަމަށްވާއިރު، މިއަދުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދައި އެކުލަވާލަން ޖެހެ އެވެ.