މަތީ ތަޢްލީމް ޙާޞިލްކުރުމަށް ޒަކާތު ފަންޑުން ސްކޮލަޝިޕް ދިނުމުގައި ޢަމަލު ކުރާނެ އާ އުޞޫލެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
"ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީދިނުމުގެ އުސޫލު"އިއްޔެ ގެޒެޓުގައި އާންމުކޮށްފައިވާއިރު، މި އުޞޫލުގެ މަޤްޞަދަކީ ޝަރުއީ ގޮތުން ހުއްދަ ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ދިވެހި ދަރިވަރުންގެ ތެރެއިން މާލީ ގޮތުން ފުދުންތެރިކަން ނެތް ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީތެރިކަން ދިނުން ކަމަށް ބުނެފައިވެއެވެ. އަދި މި ފަންޑުގެ އެހީގައި ސްކޮލަޝިޕް ދޭނީ އިސްލާމީ ދާއިރާތަކުން ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ކަމަށާއި ސްކޮލަޝިޕަށް އެދި ހުށަހެޅޭނީ ހަމައެކަނި އެމްކިޔުއޭއިން ގަބޫލުކުރާ މަރުކަޒު ތަކުގައި ކިޔެވުމަށްކަމަށްވެސް އުޞޫލުގައި ބުނެފައިވެއެވެ.
އެގޮތުން ސްކޮލަޝިޕަށް އެދި ހުށަހެޅޭނެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
1) އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި،
2) މާލީ ފުދުންތެރިކަން ނެތުމާއި،
3) ކޯހަށް ވަނުމަށް ބޭނުންވާ ކްރައިޓީރިއާ ހަމަވުމާއި،
4) އެހެން ފަރާތެއްގެ ހިލޭ އެހީގައި ކިޔަވަމުންދާ ދަރިވަރަކަށް ނުވުމާއި،
5) މީގެ ކުރިން ސްޓޫޑެންޓް ލޯނެއް ނަގާފައިވާނަމަ ޚާއްޞަ ހާލަތެއް މެދުވެރިވެގެން މެނުވީ ފައިސާ ދައްކާ ޚަލާޞްކޮށްފައިވުމާއި ނުވަތަ ގަވާއިދުން ފައިސާ ދައްކަމުން ދިއުމާއި،
6) މަތީ ތައުލީމާ ބެހޭ ދައުލަތުގެ ވުޒާރާއިން ބްލެކްލިސްޓްކު ކޮށްފައިވާ ދަރިވަރަކަށް ނުވުމާއި،
7) ފުލްޓައިމް ކޯހެއްގައި ތައުލީމް ހާސިލް ކުރުމަށް އެދޭ ދަރިވަރެއް ކަމުގައިވުމާއި،
8) ޙާޞިލްކޮށްފައިވާ ސެޓްފިކެޓަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތައުލީމް ޙާޞިލްކުރުމަށް އެދޭ ދަރިވަރަކަށްވުމެވެ.
މީގެ އިތުރުން ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި އިސްކަންދީ ބަލާނެ ކަންކަންވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ:
1) ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވުމާއި،
2) މާލީ ފުދުންތެރިކަން ނެތް މިންވަރާއި،
3) ތައުލީމީ ފެންވަރާއި،
4) ގައުމަށް ހިދުމަތް ކޮށްދީފައިވާ މުއްދަތެވެ.
ޒަކާތު ފަންޑުގެ ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ރާއްޖޭން ބޭރަށް ކިޔަވަން ދިއުމަށް ދެކޮޅު ޓިކެޓުގެ ޚަރަދާއި، ކޯހުގެ ޓިއުޝަން ފީ އާއި ވިސާގެ ޚަރަދާއި، ކޯސް ރަޖިސްޓްރޭޝަން ޚަރަދާއި، ހެލްތު އިންޝުއަރެންސްގެ އިތުރުން އެސްޓެބްލިޝްމެންޓް އެލަވަންސް ދޭނެ އެވެ. އަދި ސްޓައިޕެންޑާއި ބުކް އެލަވަންސް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
މީގެއިތުރުން ރާއްޖޭގައި ކިޔެވުމަށް ހޮވޭ ދަރިވަރުންނަށް، އެ ދަރިވަރަކު ހުންނަ ރަށަކުން، ކިޔަވަންދާން އެދޭ ރަށަކަށް ދިއުމަށް ދެކޮޅު ޓިކެޓުގެ ޚަރަދު ދޭނެ ކަމަށް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.