ރައީސް ޑރ މުޢިއްޒު މި ދިވެހި ގައުމުގެ ވެރިކަމާ ޙަވާލުވީ ގާތްގަނޑަކަށް މީގެ އަހަރެއް ކުރިންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ މުޅިން އާ މިންގަނޑަކަށް އުފުލާލުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި ރައީސް "އިބޫ ނޫންގޮތެއް" ހޯދަން ކުރި ދަތުރުގައި ޑރ މުޙައްމަދު މުޢިއްޒު ރައީސްކަމަށް ގެނައުމަށާއި، ޙުސައިން މުޙައްމަދު ލަޠީފު ނާއިބުރައީސްކަމަށް ގެނައުމަށް ފެންނަކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އާއެކޭ ބުނެ ވޯޓު ކަރުދާސްކޮޅުގައި ޖެހި ހެޔޮފާހަގަތަކުގެ ތިލަފަތް ބަރުކުރުވައިގެންނެވެ.
އެ ތިލަފަތް ރައީސް ޑރ މުޢިއްޒާއި ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފުގެ ކޮޅަށް ބަރުވުމުގައި، ރިޔާސީ ކެމްޕެއިން މުހިއްމު ދައުރެއް އަދާކުރިއެވެ. މާލެ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާތަކާއި އަތޮޅުތެރޭގެ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައީސާއި ނާއިބު ރައީސް ވެވަޑައިގެންނެވި ވަޢުދުތަކަކީ ލިބުނު ކާމިޔާބީގެ އެންމެ ބޮޑު "ޙިއްސާދާރު" އެވެ.
އެގޮތުން ބަލާއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ޙައިސިއްޔަތުން މިއަދުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުތަކުގެ ތެރޭގައި 12 އޮގަސްޓް 2023 ގައި ހދ. ނޮޅިވަރަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.
އެރަށުގައި ބޭއްވެވި ޖަލްސާ ފެއްޓެވީ ރައީސް ޔާމީން މިނިވަންކުރެއްވުމަށްޓަކައި ކުރާ މަސައްކަތް އިތުރު ގިޔަރަކަށް ލައިގެން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއްކަމަށާއި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ޤާނޫނޫއަސާސީން ކަށަވަރުކޮށްދޭކަމަށާއި، އެހެންނަމަވެސް އެންމެ ގިނަ ރައްޔިތުން ތިބި ތަނަކަށް އެންމެ އިސްކަންދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އެ އުޞޫލުން ބަލާއިރު ނޮޅިވަރަމަކީ 3000 މީހުން ދިރިއުޅޭ ރަށެއްކަމަށްވާތީ ސަރުކާރުން ކޮންދޭންޖެހޭ ކަންކަމުގައި ނޮޅިވަރަމަށްވުރެ އިސްކަންދޭންޖެހޭ އެހެން އެއްވެސް ރަށެއް ހދ ގައި އޮވެގެންވާނެކަމަށް ޤަބޫލުނުކުރެވޭކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ފުރަތަމަ ވަޢުދު: ރަށުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅައިގެން ރަނގަޅު ފެންވަރެއްގައި މަގުތައް ހަދައިދިނުން
ރައީސް ވިދާޅުވީ ނޮޅިވަރަމުގެ މަގުތައް އޮތް ހާލު ފެނިވަޑައިގެންފި ކަމަށާއި، އެއަށްވުރެ މާ އާބާދީ ކުޑަ ރަށްތަކުގައި ރަނގަޅު ފެންވަރުގައި ތާރު އަޅައިގެން މަގު ހަދަމުންދާކަމަށެވެ. އެފަދަ މަގުތަކަކީ ކޮންމެ ރަށެއްގައި ހެދެންޖެހޭނެ މަގުތައް ކަމަށާއި، އެންމެންނަށްވެސް ސަރުކާރުން ޚިދުމަތް ދޭންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި އާބާދީ ބޮޑެތި ރަށްތައް ދޫކޮށްލާފައި އެންމެ ކުދި ރަށްތަކުގައި އެކަންތައް ފަހި ކޮށްދިނީމާ ތަރުތީބުގައި އޮޅުމެއް
އެބަ އަރާކަމަށްވެސް ވިދާޅުވިއެވެ. އެ ސަބަބަށްޓަކައި އަދި ނޮޅިވަރަމަކީ އާބާދީގެ ގޮތުން ބޮޑު ރަށަކަށްވާތީ ނޮޅިވަރަމުގެ ރައްޔިތުން އެދޭފަދައިން ރަށުގައި ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅައިގެން ރަނގަޅު ފެންވަރެއްގައި މަގުތައް ހައްދަވައިދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.
ދެވަނަ ވަޢުދު: ބަަނދަރުގެ ސައިޒު ބޮޑުކޮށް ނެރަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ބަނދަރުގެ ފަސޭހަކަން ހޯދައިދިނުން.
ރަައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ރައީސް ޔާމީންގެ ސަރުކާރުގައި ނޮޅިވަރަމުގެ ބަނދަރުގެ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އާބާދީ ބޮޑުވުމާއި ރަށަށް އަންނަ ކުރިއެރުންތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި މޫސުމީ ބަދަލުތަކަކީ ބަަނދަރުތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ އަށްވެސް ބަދަލުގެންނަންޖެހޭ ސަބަބެއްކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 108 ރަށެއްގައި ބަނދަރުގެ އެކިކަހަލަ މަސައްކަތް ކުރިކަމަށާއި އޭގެތެރޭގައި ނޮޅިވަރަމް ހިމެނިފައިވީނަމަވެސް، ނޮޅިވަރަމުގެ ބަނދަރު ބޮޑުކުރުމާއި ވަންނަން އޮންނަ ނެރަށް ގެންނަންޖެހޭ ބަދަލުތަކަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވެފައިވާ ކަމެއްކަން ޤަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. އެ ސަބަބަށްޓަކައި ނޮޅިވަރަމުގެ ބަނދަރުގެ ސައިޒު ބޮޑުކޮށް ނެރަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ބަނދަރުގެ ފަސޭހަކަން ރަށަށް ހޯދައިދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.
ތިންވަނަ ވަޢުދު: ފުޓްބޯޅަ ދަނޑެއް އަޅައިދިނުން
ނޮޅިވަރަމުގެ ޒުވާނުންނަށް އެންމެ މުހިއްމު އެއްކަމަކީ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމްކުރުންކަމަށާއި، ނޮޅިވަރަމަކީ 3 ވަނަ ޑިވިޝަނުން ގޮސް ޕްރިމިއަރ ލީގާ ހަމައަށް ފުޓުބޯޅަ ކުޅޭ ކުޅުންތެރިން އުފެދިފައިވާ ރަށެއްކަމަށްވާތީ ނޮޅިވަރަމުގައި ފުޓުބޯޅަ ދަނޑެއް ނެތި، އެހެން ރަށެއްގައި އޮވެގެންވާނެކަމަށް ޤަބޫލު ނުކުރެވޭތީ ފުޓްބޯޅަ ދަނޑެއް އަޅުއްވައިދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.
ހަތަރުވަނަ ވަޢުދު: ފުޓްސަލް ދަނޑެއް އަޅައިދިނުން
ނޮޅިވަރަމުގެ ފުޓްސަލް ދަނޑުގައި ޓާރފް ނެއްޓި ވީރާނާވެގެން ގޮސްފައި އޮވެގެން ވާނެކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ނުކުރެއްވޭކަމަށާއި، އެއީ އިންސާފުވެރިގޮތެއްކަމަށްވެސް ޤަބޫލުފުޅު ނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޢަދުލުވެރިވަންޏާ އެކަންކަމަށްވެސް ޢަދުލުވެރިވާންޖެހޭ ކަމަށާއި، އެ ސަބަބަށްޓަކައި ނޮޅިވަރަމުން އެމަނިކުފާނު ހޮއްވެވުމަށް މަސައްކަތްކޮށްދީ އެމަނިކުފާނުގެ ސަރުކާރެއް ޤާއިމުވެގެން އައިސްފިނަމަ ރަށުގެ ޒުވާނުންނަށް ފުޓްސަލް ދަނޑެއް އަޅުއްވައިދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
ފަސްވަނަ ވަޢުދު: ފުޓްބޯޅައާއި ފުޓްސަލްގެ އިތުރުން އެހެން ކުޅިވަރުތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްދިނުން
ރައީސް ޔާމީންގެ މެނިފެސްޓޯގައި، އެންމެ އިސްކަމެއްދެއްވަނީ ޒުވާނުންނަށްކަމަށާއި، ޒުވާނުންނަށް އެމަނިކުފާނުގެ ފުރަތަމަ ވެރިކަމުގައިވެސް 90 ހާސް ވަޒީފާ އުފެެއްދެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންނަކީ ކުރިޔަށްއޮތް ދައުރަށްވެސް ޕްރޮޕޯސްކޮށްފައި އޮތް މެނިފެސްޓޯގައި އެންމެ އިސްކަންދޭ ބައިކަމަށްވެސް ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ރަނިންމޭޓަކީ ވަރަށް ޒުވާން، ހީވާގި، ޚިދުމަތްތެރި ތަޢުލީމީ ބޭފުޅަކަށްވުމަކީ ޒުވާނުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ރައީސް ޔާމީންވެސް ބޭނުންފުޅުވި ގޮތްކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ޒުވާނުންނަށް އެންމެ މުހިއްމު އެއްކަމަކީ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމްކުރުންކަމަށް ވިދާޅުވެ، ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑުގެ އިތުރުންވެސް ދެން ހުރި ކުޅިވަރުތަކަށް ބޭނުންވާ ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
ހަވަނަ ވަޢުދު: ނޮޅިވަރަމް ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުން
ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ ޖީލަކީ ކުޑަކުދިންކަމަށާއި، އެކުދިންނަށް ދޭންޖެހޭ ތަރުބިއްޔަތު ދިނުމާއި ސުކޫލުތަކުގެ ނިޒާމު އަދި ސުކޫލުތަކުގެ ފެންވަރަށް ވަރަށް ސަމާލުކަން ދޭންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން 600 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ނޮޅިވަރަމް ސްކޫލުގައި ކިޔަވައިދެވެމުންދަނީ ދެ ދަންފަޅިއަށްކަމަށްވާތީ އެއް ދަންފަޅިއަށް ބަދަލުކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. އަދި އެއްދަންފަޅިއަކަށް ބަދަލުވެގެން ދިޔުމުން ދެން އެ ލިބޭ ވަގުތުތަކުގައި އެކުދިންގެ ތަރުބިއްޔަތަށް ވަގުތުދެވި، އާއިލާ އެކީގައި ވަގުތު ހޭދަކުރެވޭކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާޢީ ދުޅަހެޔޮކަމަށް ވަގުތު ހުސްކޮށްދެވޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެސަބަބަށްޓަކައި ނޮޅިވަރަމުގެ ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދެވޭ ސްކޫލަކަށް ބަދަލުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
ހަތްވަނަ ވަޢުދު: 12 ކްލާސްރޫމް ހިމެނޭ ސްކޫލް ޢިމާރާތެއް މަލްޓިޕާރޕަސް ހޯލާއެކު ޤާއިމުކުރުން
ނޮޅިވަރަމް ސުކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި، ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދެވޭނެ ފަދަ ވަސީލަތްތައް ޤާއިމްކުރެވިފައި ހުރި ސްކޫލަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި 12 ކުލާސް ރޫމް މަދުވެގެން ހިމެނޭ ކުލާސްރޫމް އިމާރާތެއް ޤާއިމުކުރައްވާނެކަމަށާއި، އެ ޢިމާރާތުގައި މަލްޓި ޕާރޕަސް ހޯލާއި، ސައިންސް ލެބާއި، ސްކޫލަކަށް ބޭނުންވާނޭ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.
އަށްވަނަ ވަޢުދު: އޭޓީއެމް ބަހައްޓައިދިނުން
ނޮޅިވަރަމަށްވުރެ އާބާދީ 3 ބައިކުޅަ އެއްބައި މަދު ރަށްރަށުގައިވެސް އޭޓީއެމް ބަހައްޓާފައިވާކަމަށާއި، އެ ސަބަބަށްޓަކައި ނޮޅިވަރަމުގައި އޭޓީއެމްއެއް ބެހެއްޓުމަކީ ހަމަ ޔަޤީނުންވެސް ކޮށްދެއްވާނެކަމަށް ވިދާޅުވެ ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ
ނުވަވަނަ ވަޢުދު: ދަނޑުވެރިކަން ކުރާ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދިނުން
ނޮޅިވަރަމުގެ ސިނާޢަތުގައި ދަނޑުވެރިކަމަކީ އެންމެ އިސްކަންދޭ ސިނާޢަތްކަމަށާއި، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވަރަށް ގިނަ ކަންތައް ފަހިކޮށްދޭން ޖެހޭކަމަށް ވިދާޅުވެ ދަނޑުވެރިކަން ކުރާ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ
ދިހަވަނަ ވަޢުދު: ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ސާމާނު ނޮޅިވަރަމުން ލިބޭނެގޮތް ހަމަޖައްސައިދިނުން
ނޮޅިވަރަމުގެ ސިނާޢަތުގައި ދަނޑުވެރިކަމަކީ އެންމެ އިސްކަންދޭ ސިނާޢަތްކަމަށާއި، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވަރަށް ގިނަ ކަންތައް ފަހިކޮށްދޭން ޖެހޭކަމަށް ވިދާޅުވެ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ އެކިކަހަލަ ކާނާއާއި އެކިކަހަލަ ސާމާނުތައް އެހެންތަނަކަށް ނުގޮސް ލިބޭނޭ މަގުފަހިކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
އެގާރަވަނަ ވަޢުދު: ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުކޮށްދިނުން
ކުޅުދުއްފުށި ސިޓީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހިންގިނަމަވެސް، ނޮޅިވަރަމާ އެކަށީގެންވާ ސައިޒެއްގެ ހޮސްޕިޓަލެއް ހުންނަަންޖެހޭކަމަށް ވިދާޅުވެ، ނޮޅިވަރަމަށް އެކަށީގެންވާ ސައިޒުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ނޮޅިވަރަމުގައި ޤާއިމުކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
ނޮޅިވަރަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު ދިރާސާކޮށް ބަލާއިރު އެރަށަށް ޚާއްޞަ 11 ވަޢުދެއް ވަނީ ވެވަޑައިގެންފައެވެ. އެހުރިހާ ވަޢުދަކީ ވަގުތުން ވަގުތަށް ފުއްދައިދެވޭނޭ ވަޢުދުތަކަކަށް ނުވާނެއެވެ. އެހެންނަމަވެސް އެ ވަޢުދުތަކުގެ ތެރޭގައި ފުރަތަމަ އަހަރުގެ ތެރޭގައި ފުރިހަމަވާންޖެހޭނެކަމަށް ރައްޔިތުން ޤަބޫލުކުރާ ވަޢުދުތަކެއްވެސް ހުންނާނެއެވެ. އަދި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރިނަމަ ފުއްދޭނެ ވަޢުދުތައްވެސް ހުންނާނެއެވެ. ސުވާލަކީ، ނޮޅިވަރަމުގައި ޑރ މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުތަކުގެ ތެރެއިން މިހާތަނަށް ފުއްދިފައިވަނީ ކިތައް ވަޢުދުތޯއެވެ؟
ބަސްކޮށާރު:
ވުޢޫދު: ވަޢުދުގެ ގިނަގޮތް (އަޞްލު: ޢަރަބިބަސް)
ރިޔާސީ ވުޢޫދުގެ އެހެނިގެން ލިޔުންތައް:
ރިޔާސީ ވުޢޫދު: ހއ.އިހަވަންދޫއަށް ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް
ރިޔާސީ ވުޢޫދު: ށ.ކަނޑިތީމަށް ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް