ސާކް ސްކޮލާޝިޕްސްގެ ދަށުން ތަނަވަސްވާ ފުރުޞަތުތަކުގެ ތެރެއިން ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ލިބިފައިވާ 7 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނު ގައިވާ ގޮތުން މި ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ބެޗްލަރ އޮފް މެޑިސިން ބެޗްލަރ އޮފް ސާޖަރީ (އެމްބީބީއެސް) ކިޔެވުމުގެ 6 ފުރުސަތާއި އަދި ބެޗްލަރ އޮފް ޑެންޓަލް ސާޖަރީ (ބީޑީއެސް) ކިޔެވުމުގެ އެއް ފުރުސަތެވެ.
މި ކޯސްތަކުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ:
1) ކެމިސްޓްރީ, ބައިލޮޖީ އަދި ފިޒިކްސް ހިމެނޭހެން ޖީސީއީ އޯލެވެލް/ އައިޖީސީއެސްސީ/ އެސްއެސްސީ އިމްތިހާނުގެ 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް 2021 ގައި ނުވަތަ އޭގެފަހުން ހާސިލުކޮށްފައިވުން ނުވަތަ ކެމިސްޓްރީ, ބައިލޮޖީ އަދި ފިޒިކްސް ހިމެނެހޭހެން ޖީސީއީ އޭ ލެވެލް 3 މާއްދާއިން 'ސީ' ގްރޭޑެއް, 2023/2024 ގައި ހާސިލުކޮށްފައިވުން
2) އިނގިރޭސި ފާހެއް ހިމެނުމާއި
3) މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވުމެވެ.
އިއުލާނުގައި ވަނީ އެދޭ ކޯހުގެ ޝަރުތުތަކުގެ އިތުރުން ތިން ޝަރުތެއް ފުރިހަމަވާން ޖެހޭނެކަން ފާހަގަކޮށްފަ އެވެ. އެއީ:
1) މިނިސްޓްރީން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާ ނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއި،
2) އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށްވުމާއި،
3) އެދޭ ކޯހާ އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުމެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިނިސްޓްރީން ނޮމިނޭޓްކުރާނެ ކަމަށާއި ދަރިވަރުން ހޮވާނީ ބަންގްލަދޭޝް ހެލްތް ޕްރޮޓެކްޝަން އިންސްޓިޓިއުޓް (ބީއެޗްޕީއައި) ގެ ފަރާތުން ކަމަށެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާން އެދޭ ދަރިވަރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް މި މަހުގެ 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.