ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުންކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި އެ ޖޫރިމަނާ ފައިސާގެ ތެރެއިން އަދީބު ވަނީ 1 މިލިއަން ރުފިޔާ ނުދައްކައެވެ.
އަދި އެފައިސާ ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ އެ މައްސަލައިގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި، އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ އަދީބުގެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާތީ ހުށަހަޅާފައިވާ އެ މައްސަލައިގައި މިހާތަނަށް ދައްކަންޖެހި ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ ދައުލަތަށް ލިބިދިނުމުގެ ގޮތުން އިއްޔެ އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާޞްކުރުމަށާއި، ކްރިމިނަލް ކޯޓުގެ ހުކުމަށް އިހުތިރާމުކުރުމަށް ދައުވާ ލިބޭ އަދީބަށް އަންގައި ހުކުމްކުރާ ކަމަށެވެ.