ކީރިތި ޤުރްއާނުގައި ވާރޭ

ވާރޭއަކީ ދިރުމުގެ ސިއްރެވެ. އެއީ ﷲ ޢައްޒަ ވަ ޖައްލަގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމުގެ ޢަލާމާތްތަކުން ޢަލާމާތެކެވެ. ވާރޭއާ މެދު ވިސްނައިލެވުނު ބާވައެވެ؟ ކީރިތި ޤުރްއާނުގައި ވާރޭއާ ބެހޭގޮތުން އައިސްފައިވާ އާޔާތްތައް ކިޔާލައި އެ އާޔަތްތަކާ މެދު ފިކްރުހިންގައިލެވުނު ބާވައެވެ!

ވާރޭއަކީ އުޑުން ވެހޭ ފެންފޮދެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިންސާނާއަށް ފޮނުއްވާ މެސެޖެކެވެ. ބައެއްފަހަރަށް އެއީ ރަޙްމަތެވެ. އަނެއްބައިފަހަރަށް އެއީ ޢަޒާބެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ވާރޭއަކީ ހަމައެކަނި ޠަބީޢީ ޡާހިރާއެއް ނޫނެވެ. މީގެއިތުރުން އެއީ ބިމުގެ ދިރުން ރަމްޒުކޮށްދޭ އެއްޗެކެވެ. އެއީ ﷲގެ ތަދްބީރުކުރެއްވުމުގެ ޙިކްމަތްފުޅުތަކުގެ ސިއްރުތަކުން ސިއްރެކެވެ.

ކީރިތި ޤުރްއާނުގައި ވާރޭއާ ބެހޭ ގޮތުން ޙައިރާންކުރުވަނިވި އެތައް ކަންތައްތަކެއް އައިސްފައިވެއެވެ. ބައެއްފަހަރަށް ވާރޭ އަންނަނީ ބިން ދިރުވައި ގަސްގަހާގެހި ހެއްދުމަށެވެ. މާތް ﷲ ވަޙީކުރެެއްވިއެވެ. ( وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَسْمَعُونَ  اللَّه، އުޑުން ފެން ބާވައިލެއްވިއެވެ. ފަހެ، ބިންގަނޑު މަރުވެ އޮތުމަށްފަހު، އެ ފެނުގެ ސަބަބުން، އެކަލާނގެ އެ ބިންގަނޑު ދިރުއްވިއެވެ. ހަމަކަށަވަރުން، އަޑުއަހާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.)

އަނެއްބައިފަހަރަށް ނުކިޔަމަންތެރީންނަށް ޢުޤޫބާތްދެއްވުމަށްޓަކައި ވެސް ވާރޭ ވެއްސަވައެވެ. އަރަހުށި ﷲ ވަޙީކުރެއްވިއެވެ. (وَأَمْطَرْنَا عَلَيْهِمْ مَطَرًا فَسَاءَ مَطَرُ الْمُنذَرِينَއަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭއެއް ވެއްސެވީމެވެ. ފަހެ، إنذار ކުރައްވާފައިވާ މީހުންގެ (މައްޗަށްވެހުނު) ވާރޭގެ ނުބައިކަމާއެވެ! )

ކީރިތި ޤުރްއާނުގައި ބައެއްފަހަރަށް  ވާރޭއަށް مطر، އަނެއްބައިފަހަރަށް غيث އައިސްފައިވެއެވެ. މި ދެ ލަފުޒުގެ ފަރަގަކީ ކޮބައިހެއްޔެވެ؟ ގިނަފަހަރަށް مطر އައިސްފައި ވަނީ ޢަޒާބަށެވެ. އެހެނަސް غيث އައިސްފައިވަނީ ރަޙްމަތަށާއި ނިޢުމަތަށެވެ.

ވާރޭ ވެހޭ ވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ. އުންމުލްމުއުމިނީން ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ވާރޭ ވެހެން ފަށައިފިނަމަ ކީރިތި ރަސޫލާ (اللَّهمَّ صيِّبًا نافعًا ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ފައިދާހުރި ވާރޭ ވިލާގަނޑެއް ކަމުގައި ލައްވާނދޭވެ!) މިހެން ވިދާޅުވެ ދުޢާކުރައްވަތެވެ.

ކީރިތި ޤުރްއާނުގައި ކިތައް ފަހަރު ވާރޭގެ ވާހަކަ އައިސްފައިވޭތަ؟

ކީރިތި ޤުރްއާނުގައި މަޠަރު (ވާރޭ) މި ލަފުޒާއި މި ލަފުޒުން މޫވެފައިވާ ލަފުޒުތައް 11 ތަނެއްގައި އައިސްފައިވެއެވެ. މީގެއިތުރަށް ވާރޭގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ބައެއް ލަފުޒުތައް، ޣައިޘު، ވަދްޤު، ޠައްލު، ވާބިލް، މާއު ފަދަ ލަފުޒުތައް ތަފާތު ތަންތާނގައި އައިސްފައިވެއެވެ. މި ލަފުޒުތައް ތަކްރާރުކޮށް ވާރިދުވުމުން ވާރޭގެ އަހައްމިއްޔަތު އެނގެއެވެ. މި ކައުނުގައި ވާރޭގެ ދައުރުގެ މުހިންމުކަން ވެސް އެނގެއެވެ.

مطر އާއި غيث ގެ ތަފާތު

ކިރިތި ޤުރްއާނުގައި މި ދެ ލަފުޒަށް ތަފާތު ދެ އިސްތިޢުމާލެއް ވެއެވެ.

ޢާންމު ގޮތެއްގައި مطر  ބޭނުންކުރެވިފައި ވަނީ ޢުޤޫބާތަށާއި ޢަޒާބަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَٱنظُرْكَيْفَ كَانَ عَٰقِبَةُ ٱلْمُجْرِمِينَ އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!)

މިއާޚިލާފަށް غيث ބޭނުންކުރެވިފައިވަނީ ރަޙްމަތާއި އެހީގެ މާނައިގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢبَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ އެކަލާނގެއީ، އެއުރެންގެ އުންމީދު ކެނޑުމަށްފަހު، ވާރޭވެއްސަވައި، އެކަލާނގެ رحمة ފަތުރުއްވާ ރަސްކަލާނގެއެވެ.)

ވާރޭގެ ބާވަތްތައް

ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ވާރޭގެ ތެރޭގައި ރަޙްމަތުގެ ވާރޭއާއި ޢަޒާބުގެ ވާރޭއާއި އެހީގެ ވާރޭ ހިމެނެއެވެ. ރަޙްމަތުގެ ވާރޭއާ ބެހޭ ގޮތުން ވަޙީކުރެއްވިއެވެ. (وَنَزَّلْنَا مِنَ ٱلسَّمَآءِ مَآءً مُّبَٰرَكًا فَأَنۢبَتْنَابِهِۦ جَنَّٰتٍ وَحَبَّ ٱلْحَصِيدِ ﴿٩﴾‏ وَٱلنَّخْلَ بَاسِقَٰتٍ لَّهَا طَلْعٌ نَّضِيدٌ ﴿١٠﴾‏ رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِۦ بَلْدَةً مَّيْتًا  އަދި ތިމަންރަސްކަލާނގެ އުޑުން بركات ތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި،ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. (9) އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.) (10) (އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންރަސްކަލާނގެދިރުއްވީމެވެ.) ބިންގަނޑަށް ދިރުންލިބި ގަސްގަހާގެހި ފަޅައި މޭވާއާއި ގޮވާން ހެދެނީ މި ބަރަކާތްތެރި ފެނުގެ ސަބަބުންނެވެ. މިއީ ﷲގެ ރަޙްމަތްފުޅުގެ ތަނަވަސްކަން ހާމަކޮށްދޭ ފެނެކެވެ.

ދެވަނަ ބާވަތަކީ ޢަޒާބާއި ޢުޤޫބާތުގެ ވާރޭއެވެ. އަނިޔާވެރިން ހަލާކުކުރެއްވުމަށް ޓަކައި މާތް ﷲ ވެއްސަވަނީ މި ބާވަތުގެ ފެނެވެ. ނޫޙޫގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން ﷲއަށް އުރެދި ނޫޙުގެފާނު ދޮގުކުރި މީހުން ހަލާކުކުރެއްވީ އުޑުން ވެއްސެވި ފެނާއި ބިމުން އެރި ފެނުން އުފެދުނު ސުނާމީގެ ބިޔަ ރާޅުތަކުންނެވެ. މި ރާޅުތައް ބިޔަ އުސް ފަރުބަދަތަކާ ހަމައަށް ބާނި ލައިފައިވެއެވެ. މާތްވަޙީކުރެއްވިއެވެ. (حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَ ۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌ ﴿٤٠﴾‏ ۞ وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ ﴿٤١﴾‏ وَهِىَ تَجْرِى بِهِمْ فِى مَوْجٍ كَٱلْجِبَالِ وَنَادَىٰ نُوحٌ ٱبْنَهُۥ وَكَانَ فِى مَعْزِلٍ يَٰبُنَىَّ ٱرْكَب مَّعَنَا وَلَا تَكُن مَّعَ ٱلْكَٰفِرِينَ ﴿٤٢﴾‏ قَالَ سَـَٔاوِىٓ إِلَىٰ جَبَلٍ يَعْصِمُنِى مِنَ ٱلْمَآءِ ۚ قَالَ لَا عَاصِمَ ٱلْيَوْمَ مِنْ أَمْرِ ٱللَّهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا ٱلْمَوْجُ فَكَانَ مِنَ ٱلْمُغْرَقِينَ ﴿٤٣﴾‏ وَقِيلَ يَٰٓأَرْضُ ٱبْلَعِى مَآءَكِ وَيَٰسَمَآءُ أَقْلِعِى وَغِيضَ ٱلْمَآءُوَقُضِىَ ٱلْأَمْرُ وَٱسْتَوَتْ عَلَى ٱلْجُودِىِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ ٱلظَّٰلِمِينَ ތިމަންރަސްކަލާނގެ أمر ފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާނދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ أهل ވެރިންނާއި، إيمان ވެގެންތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެނެއް ނުވެތެވެ. (40) އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެވެ! އެ ނާކޮޅު ދުވުމާއި، ބަނދަރުކުރުންވަނީ، اللَّه ގެ اسم ފުޅުންނެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (41) އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ! (42) އެ ދަރިކަލުން ދެންނެވިއެވެ. ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه ގެ أمر ފުޅުން (އެބަހީ: اللَّه ގެ عذابން) ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ رحمة ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި غرق ކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ. (43) އަދި އެންގެވިއެވެ. އޭ ބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެއުރެން ހަލާކުވެދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ. އަދި جودىّ ފަރުބަދައިގެ މައްޗަށް އެ (ނާކޮޅު) ބީހި، ހަމަޖެހިއްޖެއެވެ. އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ.) 

ވާރޭގެ ތިންވަނަ ބާވަތަކީ ޣައިޘެވެ. މިއީ ބޭނުންޖެހިފައިވާ ވަގުތުގައި މީސްތަކުންނަށް ވެއްސަވާދެއްވައި ފައިދާހުރި ފެނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِنۢ بَعْدِ مَا قَنَطُوا۟ وَيَنشُرُ رَحْمَتَهُۥ – އެކަލާނގެއީ، އެއުރެންގެ އުންމީދު ކެނޑުމަށްފަހު، ވާރޭވެއްސަވައި، އެކަލާނގެ رحمة ފަތުރުއްވާ ރަސްކަލާނގެއެވެ)

ވާރޭގެ ހަތަރުވަނަ ބާވަތަކީ ވާބިލެވެ. މިއީ ބޯ ވާރޭއެވެ. ގަސްގަހާގެހި ރަނގަޅަށް ހެދުމަށް ޓަކައި ބޯ ވާރޭއަށް ބޭނުންވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةِۭ بِرَبْوَةٍ أَصَابَهَا وَابِلٌ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ އަދި، اللَّه ގެ ރުއްސެވުންއެދި، އަދި، (اللَّه ގެ ثواب އާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ نفسތަކުން يقين ކޮށް ކަށަވަރު ކޮށްގެން ތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، އުސް ބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެގުނައަށް އިތުރުވެގެންދާ ބަގީޗާގެ މިސާލެވެ.)

ވާރޭގެ ފަސްވަނަ ބާވަތަކީ ޠައްލެވެ. މިއީ ހިމަފޮދު ވާރޭއެވެ. ބިމުގެ ފަސްގަނޑު ރަނގަޅު ނަމަ ހިމަފޮދު ވާރޭއިން ވެސް އެ ބިމުގައި ގަސްހެދޭނެތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ އަދި، ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދުވާރެއެއް ވެހޭ ބަގީޗާއެއްގެ مثال އެވެ.) ހިމަފޮދު ވާރޭއިން ޑަބަލްކޮށް ގަސްގަހާގެހި ނުހެދުނަސް މި ވާރޭގެ ސަބަބުން ވެސް ބަގީޗާތައް އުފެދި ބިމަށް އާރޯކަން ލިބި ގަސްތައް ހެދޭނެތެވެ. އެހެންކަމުން އެއީ ވެސް ފައިދާއާއި ލާބަހުރި ވާރޭއެކެވެ.

ވާރޭ ދުޢާ

ވާރޭއަކީ  އެކަމުގައި ހެވާޢި ބަރަކާތް ހިމެނޭ އެއްޗަކަށް ވާތީ ވާރޭ ވެހޭ އިރު ދުޢާކުރުމަށް އިސްލާންދީން ގޮވައިލައެވެ. މި ކަމަށް ޓަކައި ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުޢާތަކެއް ވެއެވެ.

1) ވާރޭ ވެހެން ފަށައިފިނަމަ ކީރިތި ރަސޫލާ   ވިދާޅުވެއެވެ.(اللَّهمَّ صيِّبًا نافعًا ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ފައިދާހުރި ވާރޭ ވިލާގަނޑެއް ކަމުގައި  ލައްވާނދޭވެ !)

2) اللَّهُمَّ سُقْيَا رَحْمَةٍ ، وَلَا سُقْيَا عَذَابٍ وَلَا بَلَاءٍ ، وَلَا هَدْمٍ وَلَا غَرَقٍ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ރަޙްމަތުގެ ފެނެއް ކަމުގައި ލައްވާނދޭވެ! އަދި ޢަޒާބުގެ ފެނެއް ކަމުގައި ، ހަލާކުކުރަނިވިފެނެއްކަމުގައި، އަދި ޣަރަޤުކުރަނިވި ފެނެއްކަމުގައި ނުލައްވާނދޭވެ!)

ގުގުރި ދުޢާ

ގުގުރިން ރައްކައުތެރިކޮށްދެއްވުން އެދި މި އަންނަ ތަސްބީޙަ ކިޔުމަށް މާތް ﷲ ވަނީ އަމުރުކުރައްވައިފައެވެ. ގުގުރި ތަސްބީޙައަކީ(سُبْحَانَ الَّذِي يُسَبِّحُ ٱلرَّعْدُ بِحَمْدِهِۦ وَٱلْمَلَٰٓئِكَةُ مِنْ خِيفَتِهِۦ ) އެވެ.

ވާރޭ ވެއްސަވާދެއްވާތޯ ކުރާ ދުޢާ  

މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނު އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ  ޚުޠުބާދެއްވަން ހުންނަވަނިކޮށް ރަށްފުށުގެ އަރަތްބަކު މިސްކިތަށް ވަދެ ރަސޫލާއަށް ދެންނެވިއެވެ. ވާރޭ ނުވެހުމުގެ ސަބަބުން  އަޅުގަނޑުމެންގެ ގެރިބަކަރިތައް ހަލާކުވެ ބިންގަނޑު ހަނަފަސްވެއްޖެއެވެ. އަޅުގަނޑުމެންނަށް ވާރޭ ވެއްސަވައިދެއްވާތޯ ދުޢާކޮށްދެއްވާށެވެ! އެހިނދު ރަސޫލުﷲގެފާނު ދެ އަތްޕުޅު އުފުއްލާ ދުޢާކުރައްވާ ވިދާޅުވިއެވެ. (اللَّهُمَّ أغِثْنا، اللَّهُمَّ أغِثْنا، اللَّهُمَّ أغِثْنا  ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ގާތަށް ވާރޭ ވެއްސަވައި އަޅަމެން ސަލާމަތްކުރައްވާނދޭވެ! )

ވިއްސާރަކުރުން ދިގުދެމިގެން ގޮސް ގެއްލުން ލިބޭނަމަ ދުޢާކުރަންވީ ގޮތް

މި ޙާލަތުގައި ރަސޫލާ ގެ ދުޢާފުޅު ކުރެއްވީ މި ގޮތަށެވެ. ( اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا ، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ ، وَبُطُونِ الأَوْدِيَةِ ، وَمَنَابِتِ الشَّجَرِ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ މައްޗަށް ވާރޭ ނުވެއްސަވާ އަޅަމެންގެ ވަށައިގެން ވާރޭ ވެއްސަވާނދޭވެ! ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ދަނޑުބިންތަކަށާއި ފަރުބަދަތަކަށާއި ވާދީތަކަށާއި ގަސްގަހާގެހީގެ ބުޑަށް ވާރޭ ވެއްސަވާނދޭވެ!)

ޚުލާޞާ

ވާރޭއަކީ ޠަބީޢީ ޡާހިރާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ވެހޭނެ މިންވަރާއި ވެހޭނެ ވަގުތާއި ވެހޭނެ ތަން ދެނެވޮޑިގަންނަވަނީ ހަމައެކަނި ﷲއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ ۖ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِى نَفْسُۢ بِأَىِّ أَرْضٍ تَمُوتُ ۚ إِنَّ ٱللَّهَعَلِيمٌ خَبِيرُۢ ހަމަކަށަވަރުން، قيامة ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، اللَّه ގެ حضرة ގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި رحِم ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.)

ވާރޭގައި ﷲގެ ރަޙްމަތާއި ޢަޒާބުވެއެވެ. އޭގައި ދިރުމާއި ފަނާވުންވެއެވެ. އެއީ ﷲގެ ކަށަކުޅަދުންވަންތަކަން ހަނދާންކޮށްދޭ ކަމެކެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި ވާރޭއާ މެދު ވިސްނުމަށް އަންގަވައިފައިވެއެވެ.މާތްﷲ ވަޙީކުރެއްވިއެވެ. ( إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِوَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُمِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍوَتَصْرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَٰتٍ لِّقَوْمٍ يَعْقِلُونَ ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، اللَّهއުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ.)

ވާރޭއަކީ އެކަމަށް ޓަކައި ﷲތަޢާލާއަށް ޝުކްކުރުން ލާޒިމު ނިޢުމަތެކެވެ. ﷲގެ ޚާލިޤުވަންތަކަމުގެ މަތިވެރިކަމާމެދު ވިސްނައި ފިކްރުކުރުމުގެ ވަސީލަތެކެވެ. ވާރޭގެ ސަބަބުން މުއުމިން އިންސާނާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން ދާއިމީ ސިފައެއްގައި ވާޞިލްކޮށް ދަމަހައްޓައެވެ. އެއީ އެކަލާނގެ ފަޟްލުވަންތަކަން ދެނެގަނެ އެކަމަށް އިޢުތިރާފުވުމަށް އެހީވެދޭ ބަހާއެކެވެ.

advertisement
ހިޔާލު ދެއްވާ!