މާލޭގައި އިއްޔެ ފެންބޮޑުވި ސަރަހައްދެއްގެ ފެން ހިންދާފައި/ ފޮޓޯ: އެމްއެންޑީއެފް

މާލޭ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދައިފި

ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި ވެރިރަށް މާލެއަށް ވާރޭވެހި ބޮޑުވި ފެންގަނޑު ހިންދުމަށްޓަކައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފި އެވެ.

އިއްޔެ ހެނދުނުން ފެށިގެން ބޯކޮށް ވެހެމުންދިޔަ ވާރޭގައި މާލޭގެ ބައެއް ގެތަކަށާއި ފިހާރަތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. 

އެމްއެންޑީއެފުން މަޢުލޫމާތުދޭ ގޮތުގައި މާލޭގެ މަގުތަކުން ފެން ހިންދުމަށް އިއްޔެ 11:37 ހާއިރުން ފެށިގެން ކުރަމުން ދިޔަ މަސައްކަތުން މިއަދު 08:30 ހާއިރު މަގުތައް ވަނީ އާންމު ޙާލަތަށް ގެނެވިފައެވެ. އެމްއެންޑީއެފުން ބުނީ އެ އިދާރާއިން ކުރިޔަށްގެންދިޔަ ފެން ހިންދުމުގެ އެ އޮޕަރޭޝަންގައި 30569 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށެވެ.

މެޓުން ވަނީ މިއަދުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މަޢުލޫމާތު ދީފައެވެ. އަދި ދެކުނުގެ މަދު ރަށްތަކަކަށް ކެރީގެ އަސަރުކުރި ނަމަވެސް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށް، މެޓުން ބުނީ އާދައިގެ ވަރަކަށް ކަނޑުގަދަވާނެ ކަމަށާ ރާޅުގެ އުސްމިނުގައި 4-6 ފޫޓް ހުންނާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!