ޙުރްމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ރަޖަބު މަސް

ރަޖަބުމަހަކީ ޖާހިލީ ޒަމާނުއްސުރެ ޢަރަބީންގެ ގާތުގައި ޙުރްމަތްތެރިވެގެންވާ މަހެކެވެ. އެއީ މާތްﷲ ޙުރްމަތްތެރިކުރެއްވި ހަތަރު މަހުގެ ތެރެއިން މަހެކެވެ.

މި މަސް މުސްލިމުންގެ ގާތުގައި ޚާއްޞަ މަހަކަށް ވި ސަބަބުތަކުގެ ތެރޭގައި މާތްﷲ ކީރިތި ރަސޫލާއަށް ދެއްވި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ވެއެވެ. އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތައް ޤަބޫލުކުރާގޮތުގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ކުރެއްވީ ރަޖަބުމަހުގެ 27 ވިލޭރޭގައެވެ. އެތައް މުޢުޖިޒާތްތަކެއް ހިމެނޭ މި ދަތުރުފުޅުގައި ކައު ރަސޫލާ الله ގެ ޙަޟްރަތަށް ވަޑައިގެންނެވިއެވެ. އެކަލާނގެ މަތިވެރި ޙަޟްރަތުން އެކަލޭގެފާނަށާއި އިސްލާމީ އުންމަތަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ ފަރްޟު ފަސްނަމާދެވެ. މިއީ އިސްލާންދީނުގެ ދެވަނަ ރުކުނެވެ. އިސްލާންކަމާއި ކާފިރުކަމުގެ ސިމަ ވަކިކޮށްދޭ ފަރީޟާއަކީ ނަމާދެވެ.

ޢަރަބީންނަކީ ރަޖަބުމަސް އައުމުން ލޮންސިތަކުން ތިލަތައް ލުހެ ހަތިޔާރު ބަހައްޓައި ހަނގުރާމަތައް ހުއްޓައިލި ބައެކެވެ. މިހެންވެ މި މަހަށް "އަޞައްމު" އޭ ކިޔުނެވެ. އެބަހީ ބީރު މަހެވެ. މި މަހުގައި ކަނޑިތައް އެކަތި އަނެކަތީގައި ކޭތޭ އަޑު ނީވޭތީއެވެ. އަސްތައް ހަޅޭއްލަވާ އަޑު  ނީވޭތީއެވެ.

ޖާހިލީ ޒަމާނުގައި ރަޖަބު މަހަށް "އަޙްލަކު" ކިޔާ ކަމަށް އަލްމަސްޢޫދީ އޭނާގެ ފޮތް "މުރޫޖުއްޛަހަބި" ގައި ވިދާޅުވެފައިވެއެވެ.

އިބްނު ދިޙްޔަތުލްކަލްބީ ވިދާޅުވެފައިވާ ގޮތުގައި ޖާހިލީ ޒަމާނުގައި މުޟަރީން މި މަހަށް"އަޞައްބު" ކިޔައިފައި ވެއެވެ. އެއީ މި މަހުގައި ހެޔޮކަމާއި ބަރަކާތްތައް ބާވައިލެއްވޭތީއެވެ.

ރަޖަބު މަހަކީ މާތް ﷲ ޙުރްމަތްތެރިކުރައްވައިފައިވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((إِنَّ عِدَّةَٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ.)) މި ހަތަރު މަހުގެ ތެރެއިން 3 މަހަކީ ވިދިވިދިގެން އަންނަ ތިން މަހެވެ. އަނެއް މަހަކީ އެކަހެރިކޮށް އަންނަ މަހެކެވެ. ވިދިވިދިގެން އަންނަ ތިން މަހަކީ ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމު މަހެވެ. ވަކިން އެކަހެރިކޮށް  އަންނަ މަހަކީ ރަޖަބުމަހެވެ.

އަރަބިބަހުގައި "ރަޖަބު" މި ލަފުޒުގެ މާނަތަކުގެ ތެރޭގައި މާތްކުރުމާއި މަތިވެރިކުރުން ވެއެވެ. އަރަބިން ރަޖަބުމަސް މާތްކޮށް އެ މަހުގައި ހަނގުރާމަކުރުން ޙަރާންކުރިއެވެ. މި މަސް  ޙައްޖުގެ މައްސަރުތަކާ ދުރުގައި އޮންނާތީ ޙައްޖުގެ މަތިން ހަނދުމަކުރުމަށް ޓަކައި މި މަހުގައި ޢުމްރާވުން ޢަރަބިން ގިނަ ކުރިއެވެ.

ރަޖަބު މަސް އަޞައްމު ކަމަށް ސިފަކުރީ އެމަހުގައި ހަތިޔާރުތައް އެކަތި އަނެކަތީގައި ކޭތޭ އަޑު ނީވޭތީއެވެ. ހަނގުރާމައަށް ނުކުތުމަށް ގޮވައިލާ އަޑު ނީވޭތީއެވެ. އަލްޤުރްޠުބީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. "ޢަރަބިން ރަޖަބު މަހަށް ލޮންސީގެ ތިލަ އުފުރާ މަހޭ ކިޔެވެ." ރަޖަބުމަހަށް ހަނދުބަލައިފިނަމަ ޢަރަބިން އެމީހުންގެ ލޮންސިތަކުގެ ތިލަތައް އުފުރައިލައެވެ. ދުނިދަނޑިތަކުން ތީރުތައް ނަގައެވެ. އެމަހުގެ ޙުރްމަތް ކެނޑިދާނެ ފަދަ ޢަމަލެއް ކުރެވިދާނެތީއެވެ. ޢިމްރާން ބުނު މިލްޙާނުގެ އަރިހުން ބުޚާރީ ރިވާކުރެއްވިއެވެ." އަހުރެމެން އަޅުކަންކޮށް އުޅުނީ ހިލައަށެވެ. އަޅުކަންކުރަން ގެންގުޅޭ މި ހިލަގަނޑަށް ވުރެ ރީތި ރަނގަޅު ހިލަގަނޑެއް ފެނިއްޖެނަމަ އެ ހިލަގަނޑު އެއްލައިލާ މި ހިލަގަނޑަށް އަޅުކަންކުރަން ފަށަމެވެ. ހިލަގަނޑެއް ނުލިބިއްޖެނަމަ ވެލިފުންޏެއް ޖަހައި ބަކަރި ގެނެސް އޭތީގެ ކިރު އެއަށްފެލަމެވެ. ދެން އެއަށްފަހު މި ވެލިފުނީގެ ވަށައިގެން ޠަވާފުކުރަމެވެ. ފަހެ ރަޖަބުމަސް އަތުވެއްޖެނަމަލޮންސިތަކުގެ ތިލަތައް އުފުރައި ދުނިދަނޑިތަކުން ތީރުތައް ނަގަމެވެ."

ޢަރަބީންނަކީ އެބައިމީހުންގެ މެދުގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓައިނުލައި ކުރިއަށް ގެންދިޔުމަށް ޓަކައި މަސްތައް ފަސްކުރަމުންދިޔަ ބައެކެވެ. މި ކަމުގައި މައްކާގައި އެންމެ އިސް ޒަޢީމަކީ ޤަލައްމަސު ބުނު އުމައްޔަތު ބުނު ޢައުފެވެ. މި ގޮތަށް މަސްތައް އޮޅުވައިނުލުމަށް ﷲ ޢައްޒަ ވަ ޖައްލަ ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((إِنَّمَا ٱلنَّسِىٓءُزِيَادَةٌ فِى ٱلْكُفْرِ ۖ يُضَلُّ بِهِ ٱلَّذِينَ كَفَرُوا۟ يُحِلُّونَهُۥ عَامًاوَيُحَرِّمُونَهُۥ عَامًا لِّيُوَاطِـُٔوا۟ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّوا۟ مَا حَرَّمَٱللَّهُ ۚ زُيِّنَ لَهُمْ سُوٓءُ أَعْمَٰلِهِمْ ހަމަކަށަވަރުން، (حرمة ތެރި މައްސަރެއް) ފަސްކޮށްލުމަކީ، كافر ކަން އިތުރު ކުރުމެކެވެ. كافرވި މީހުން އެކަމުގެ ސަބަބުން (އިތުރަށް) މަގުފުރެދިގެންދެތެވެ. އެއުރެން އެއްއަހަރު އެއްމައްސަރެއްގެ حرمة ކަނޑައި، އަނެއްއަހަރު އެ މައްސަރެއް حرمة ތެރި ކުރެތެވެ. އެއީ اللَّه، حرمة ތެރި ކުރައްވާފައިވާ މައްސަރުތަކުގެ عدد ހަމަކުޅައުމަށްޓަކައެވެ. ފަހެ، އެގޮތުން، اللَّه حرمة ތެރި ކުރައްވާފައިވާ މައްސަރުތަކުގެ حرمةކަނޑަތެވެ. އެއުރެންގެ ނުބައި عمل ތައް، އެއުރެންނަށް ޒީނަތްތެރި ކުރެއްވިއެވެ.))

ރަބީޢަތު ބުނު ނިޒާރަކީ ރަޖަބު މަސް ފަސްކޮށް އެ މަހުގެ ބަދަލުގައި ރަމަޟާން މަސް ގެނައި ޢަރަބި ޒަޢީމެކެވެ. މުޟަރަކީ ރަޖަބު މަސް އަބަދުވެސް ޙުރްމަތްތެރިކުރި ޢަރަބި ޒަޢީމެކެވެ. ނަބިއްޔާ ޙިއްޖަތުލްވަދާޢުގައި ދެއްވި ޚުޠުބާގައި ބަޔާންކޮށްދެއްވި ގޮތުގައި އެ ދުވަހަކީ (ހިޖްރައިން 10 ވަނަ އަހަރުގެ ޙައްޖުމަހުގެ 9ވަނަ ދުވަހަކީ) މާތް ﷲ އުޑުތަކާއި ބިން ހެއްދެވި ދުވަހުގެ ތާރީޚާ އެއްގޮތަށް ދައުރުވަމުން އަނބުރައި އަލުން އައި ދުވަހެވެ. އެކަލޭގެފާނު ޙުރްމަތްތެރި މައްސަރުތައްބަޔާންކޮށްދެއްވި އިރު ޙަދީސްކުރެއްވި ގޮތުގައި ރަޖަބު މަހަކީ ޖުމާދަލްއާޚިރާ މަހާއި ޝަޢުބާން މަހާ ދެމެދުގައި ވާ މަހެވެ. އެއީ މުޟަރުގެ ރަޖަބު މަހެވެ.

ރަޖަބުމަހު ރޯދަހިފުން

ރަޖަބުމަހަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން މަހެކެވެ. އެ މަހުގައި ރޯދަހިފުމަކީ މަންދޫބު ކަމެކެވެ. ނަބިއްޔާ عليهالصلاة والسلام ޙަދީސްކުރެއްވިއެވެ. ((صُمْ من الحُرُمِ واتْرُكْޙުރްމަތްެރިވެގެންވާ މައްސަރުތަކުގައި ތިބާ ބޭނުން ދުވަހަކު ރޯދަހިފާށެވެ! އަދި ތިބާ ބޭނުން ދުވަހަކު ރޯދަނުހިފާ ދޫކޮށްލާށެވެ!)) ނަބިއްޔާގެ ބަސްފުޅުތަކުން އެނގޭގޮތުގައި ކޮންމެ މަހެއް ކަމުގައި ވިޔަސް އެމަހުގެ މެދު ފޮއި ދުވަސްތަކުގައްޔާއި ކޮންމެ ހަފުތާއެއްގެ ހޯމަބުރާސްފަތީގައި ރޯދަހިފުމަކީ ސުންނަތެކެވެ. ރަޖަބު މަހުގެ ވަކި ދުވަހެއްގައި ރޯދަހިފުމަށް އަންގަވައިފައެއް ނުވެއެވެ. އަދި މި މަހުގައި ވަކި ޢަދަދަކަށް ރޯދަހިފުމަށް އަންގަވައިފައެއް ވެސް ނުވެއެވެ. މިކަމާ ބެހޭގޮތުން އަނަސުގެފާނުގެ އަރިހުންނާއި އިބްނު ޢައްބާސުގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީސްތަކަކީ ޞައްޙަ ބަސްފުޅުތަކެއްނޫނެވެ. މިހެންވެ މި ބަސްފުޅުތައް ދޫކޮށްލީއެވެ.

advertisement
ހިޔާލު ދެއްވާ!