އެޗްޑީސީއާއި މަދީނާ އިންވެސްޓްމެންޓްސްއިން ސްކޫލް ޕްރޮޖެކްޓްގައި ސޮއިކުރަނީ.. ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި އަޅާ ސްކޫލުގެ އެގްރީމެންޓްގައި ސޮއިކުރީ ނިމިދިޔަ ސަރުކާރުގައި: މަދީނާ އިންވެސްޓްމެންޓްސް

މަދީނާ އިންވެސްޓްމަންޓްގެ ސްކޫލް އަޅާ ބިން ހޯދާފައިވަނީ ނުހައްޤުން ކަމަށް ބުނެ ފަތުރަމުން ދަނީ މުޅިން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށާއި ހުޅުމާލޭގައި އަޅާ ސްކޫލުގެ އެގްރީމެންޓްގައި ސޮއިކުރީ ނިމިދިޔަ ސަރުކާރުގައިކަމަށް މަދީނާ އިންވެސްޓްމެންޓްސް އިން ބުނެފިއެވެ.

މި ސްކޫލުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ޑރ. ޝަހީމްގެ އާއިލީ ކުންފުންޏަކަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ އަޑު ފަތުރަމުންނެވެ. އަދި މިއީ އޮޅުވާލައިގެން ނުފޫޒުގެ ބޭނުން ކޮށްގެން ހޯދި މަޝްރޫއެއްކަމަށްވެސް ވަނީ އަޑު ފެތުރިފަ އެވެ. އެހެންނަމަވެސް މިކަމާ ގުޅޭގޮތުން މަދީނާ އިންވެސްޓްމެންޓްސްގެ ސީއީއޯ ޢަލީ އަޙްސަން ވިދާޅުވީ ސްކޫލް އަޅާ ބިމަކީ އޮންނަ އުސޫލުން ހުރިހާ އިޖްރާއާތުތައް ފުރިހަމަކޮށް ކުރީގެ ސަރުކާރުން އެވޯޑު ކުރި މަޝްރޫއެއް ކަމަށާއި ބިމަކީ ކުލި ދައްކާގޮތައް އޮތް ބިމެއް ކަމަށެވެ.

"ރިވާޔާ" ނޫހަށް މަޢުލޫމާތު ދެމުން އަޙްސަން ވިދާޅުވީ އެކުންފުނިން ހުޅުމާލޭގައި އަޅާ ސްކޫލުގެ ބިން ހޯދާފައިވަނީ ކޮރަޕްޝަން ހިމެނޭހެން ކަމަށްބުނެ ފަތުރަމުން ދަނީ މުޅިން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. އެގޮތުން  އެ ކުންފުނީގެ ސްކޫލް އަޅަން ބިން ހަމަޖައްސާފައިވަނީ ނިމިދިޔަ ސަރުކާރުގައި އޮތް އެޗްޑީސީގެ މެނޭޖްމަންޓުންކަމަށާއި އަދި ސްކޫލްގެ ބިމުގެ ފްރޭމްވޯކް އެގްރީމެންޓްގައި ސޮއިކުރީވެސް އޭރުގެ މެނޭޖްމަންޓުންކަމަށް އަޙްސަން ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލްގެ ޑިޒައިން އެޕްރީވްކޮށްފައިވަނީ ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ކަމަށްވެސް އަޙްސަން ވިދާޅުވިއެވެ.

އަޙްސަން ވިދާޅުވީ އެ ކުންފުނީގެ ސްކޫލުގެ ޕްރޮޖެކްޓަކީ މި އަހަރު ފެށި މަސައްކަތެއް ނޫންކަމަށާއި، މަސައްކަތްތައް ކުރިޔަށްދާތާ މިހާރު 3 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށެވެ.

"ހުޅުމާލެގައި ސްކޫލް އަޅަން މަދީނާ އިންވެސްޓްމަންޓްއިން އެޗްޑީސީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކުރީ މި ދިޔަ ސަރުކާރު ދުވަސްވަރު. އެއީ އެއްވެސް ކޮރަޕްޝަނެއް ހިމެނޭ ކަމެއްނޫން." ޢަލީ އަޙްސަން

 

އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ކިޔަވައިދެވޭނެ ސްކޫލެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށް މަދީނާ އިންވެސްޓްމެންޓާއެކު އެޗްޑީސީން ވެފައިވާ އެއްބަސްވުމުގެ ދަށުން  ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީ ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެމިސްކިތަކީ 2000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތައް ލައިބްރަރީއަކާއެކު 2 ބުރިއަށް އަޅާ މިސްކިތެކެވެ. 

advertisement
ހިޔާލު ދެއްވާ!