ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް ފެށުމަށް އިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒް ތައްޔާރުވެއްޖެއެވެ.
އެ މަޒުކަޒުގައި ފެށުމަށް ހަމަޖެހިފައިވާ ޒަކާތު ޢިލްމުގެ ފުރަތަމަ ކޯހަކީ "ޑިޕްލޮމާ އިން ޒަކާތު މެނޭޖްމަންޓް ސައިންސް" ގެ ނަމުގައި ހިންގާ ކޯހެކެވެ. އަދި މި ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ މިހާރު ވަނީ ހުއްދަ ދީފައެވެ.
"ރިވާޔާ" ނޫހަށް މަޢުލޫމާތު ދެމުން އިލްމް އިންސްޓިޓިއުޓުން ބުނިގޮތުގައި މިއީ 1 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ބަހުން ކިޔަވައިދޭ ޑިޕްލޮމާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ޒަކާތާ ގުޅޭ ޢިލްމީ މަޢުލޫމާތުގެ އިތުރުން ދީނީގޮތުން އެނގެންޖެހޭ އިތުރު މަޢުލޫމާތުތައް ހިމެނޭ މާއްދާތަކާ އެކުގައިކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.
ރާއްޖޭގެ ފުންނާބު އުސް ޢިލްމީ ބޭފުޅުން ކިޔަވައިދެއްވާނޭ މި ކޯހުގައި ކިޔަވައިދެވޭނެ މާއްދާތަކުގެ ތެރޭގައި އިސްލާމީ އަޚްލާޤާއި ޢަޤީދާއާއި، ޒަކާތު ޢިލްމުގެ އާންމު މަބްދައުތަކާއި، ޒަކާތް ބެހުމުގެ ފިޤުހީ ޙުކުމްތަކާއި، ދިވެހިރާއްޖޭގެ ޒަކާތު ނިޒާމާއި، ޒަމާނީ ޒަކާތު ހައުސްތައް ހިންގުމުގެ ޢިލްމާއި، ޒަކާތުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފައިދާތަކާއި، ޒަކާތް ހިސާބުކުރުމުގެ ޢިލްމާއި، އިސްލާމީ ފައިނޭންސާއި، ޒަކާތުގެ ޒަމާނީ މައްސަލަތަކާއި، ޒަކާތް ނެރެވޭ މުދަލަކީ ކޮބައިކަން ހިމެނެއެވެ.
އިލްމް އިންސްޓިޓިއުޓުން ބުނީ މި ކޯހަކީ ރާއްޖޭގައި ޒަކާތު ޢިލްމުގެ ދާއިރާއިން ފަށާ ފުރަތަމަ ކޯސް ކަމަށްވުމާއެކު ރާއްޖޭގެ އިސްލާމީ އިޤުތިޞާދުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މި ކޯސް ވަރަށް މުހިންމުވާނެ ކަމަށާއި، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ވަރަށް އަވަހަށް ފުރުޞަތު ހުޅުވާލާނެކަމަށެވެ.
އިލްމު އިންސްޓިޓިއުޓުން ދަނީ ހުޅުމާލޭގައިވެސް ކެމްޕަހެއް ހިންގަމުންނެވެ. ފަސް ކްލާސްރޫމާއި، ރިސާރޗް ރޫމަކާއި، އެގްޒެކެޓިވް އޮފީސްވެސް ހިމެނޭ މި ކެމްޕަސް ހުންނަނީ ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ ރެނަޓަސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައެވެ. އެއީ ބޭންކް އޮފް މޯލްޑިވެސް ޑޮލަރު އޭޓީއެމް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގި ފިލާއެވެ.
މި މަރުކަޒުގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކާއި، ކުޑަކުދިންނަށް ޚާއްޞަ ޤުރުއާން ކިޔަވައިދިނުމުގެ ކްލާސްތަކާއި، އަދި ޢަރަބި ބަހުގެ ކްލާސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ ޤުރުއާނުގެ ދާއިރާގެ ކޯސްތަކާއި ޢަރަބި ބަހުގެ ކޯސްތައްވެސް ކުރިއަށްގެންދާނެ ކަމަށް އެ މަރުކަޒުން ބުނެއެވެ.