ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ޤަވާޢިދާ ޚިލާފުވި ދެ ބިދޭސީން ހޯދައި މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
"އެކްސް" ގައި އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސީރިޔާގެ ރައްޔިތެއްކަމަށްވާ އީމާން ކަރަމާން (19އ) އާއި އުރުދުންގެ ރައްޔިތެއްކަމަށްވާ ރަބީޢު ޙައިޘަމް އަޙްމަދު ޖުމްޢާ (24އ) އެތަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަން އިން ބުނީ މި ދެމީހުން ހިފަހައްޓާފައިވަނީ އާމުންގެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އެ ދެމީހުންނަކީ ޓޫރިސްޓް ވިސާގައި ތިބެ ހުއްދަނެތި ވިޔަފާރީގެ ޙަރަކާތްތަކުގައި ބައިވެރިވެ، އާންމު ތަންތަނުގައި ޤާނޫނުތަކާއި ޤަވާޢިދާ ޚިލާފަށް ދިރިއުޅެމުންދިޔަ ދެމީހުން ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. އަދި މިހާރު ކުރިޔަށްދަނީ އެމީހުން ރާއްޖެއިން ޑިޕޯޓްކުރުމުގެ މަސައްކަތްކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ ބިދޭސީން މިހާރު ވަނީ ރާއްޖެއިން ފުރުވާލާފައެވެ. އޭގެތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީންވެސް ހިމެނެ އެވެ.
އިމިގްރޭޝަނުން ވަނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ލިބޭނަމަ، އިމިގްރޭޝަންގެ ޕޯޓަލް މެދުވެރިކޮށް އެކަން ހިއްސާ ކުރުމަށް އެދިފަ އެވެ.