ރައީސް ޑރ މުޢިއްޒު މި ދިވެހި ގައުމުގެ ވެރިކަމާ ޙަވާލުވީ ގާތްގަނޑަކަށް މީގެ އަހަރެއް ކުރިންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ މުޅިން އާ މިންގަނޑަކަށް އުފުލާލުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި ރައީސް "އިބޫ ނޫންގޮތެއް" ހޯދަން ކުރި ދަތުރުގައި ޑރ މުޙައްމަދު މުޢިއްޒު ރައީސްކަމަށް ގެނައުމަށާއި، ޙުސައިން މުޙައްމަދު ލަޠީފު ނާއިބުރައީސްކަމަށް ގެނައުމަށް ފެންނަކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އާއެކޭ ބުނެ ވޯޓު ކަރުދާސްކޮޅުގައި ޖެހި ހެޔޮފާހަގަތަކުގެ ތިލަފަތް ބަރުކުރުވައިގެންނެވެ.
އެ ތިލަފަތް ރައީސް ޑރ މުޢިއްޒާއި ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފުގެ ކޮޅަށް ބަރުވުމުގައި، ރިޔާސީ ކެމްޕެއިން މުހިއްމު ދައުރެއް އަދާކުރިއެވެ. މާލެ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާތަކާއި އަތޮޅުތެރޭގެ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައީސާއި ނާއިބު ރައީސް ވެވަޑައިގެންނެވި ވަޢުދުތަކަކީ ލިބުނު ކާމިޔާބީގެ އެންމެ ބޮޑު "ޙިއްސާދާރު" އެވެ.
އެގޮތުން ބަލާއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ޙައިސިއްޔަތުން މިއަދުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުތަކުގެ ތެރޭގައި 23 އޮގަސްޓް 2023 ގައިށ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.
އެރަށުގައި ބޭއްވެވި ޖަލްސާ ފެއްޓެވީ ރައީސް ޔާމީން ނުޙައްޤުން ޖަލުގައިހޭދަކުރައްވަމުން އެދަނީ 1011 ވަނަ ދުވަސް ކަމަށާއި، 23 އޮގަސްޓްގެ ޝަރީޢަތްވެސް ކެންސަލްކޮށްފިކަމަށާއި، ޙައްޤުލިބުމުން ރައީސް ޔާމީން މަޙްރޫމްކުރަމުންދާކަމަށް ވިދާޅުވަމުންނެވެ. އެސަބަބަށްޓަކައި އެންމެން އެކަތިގަނޑަކަށްވެ، އެކައްޗެއް ކިޔައިގެން ޤައުމީ ވިސްނުމެއްގައި މަސައްކަތްކޮށް ރައީސް ޔާމީން މިނިވަންކުރެވޭނެކަމަށާއި، އިތުބާރުކުރައްވައިފިނަމަ އެކަން ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ށ.ކަނޑިތީމުގެ ތަރައްޤީގެ 5 އަހަރު ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ ވަޢުދުތަކެއް ވެވަޑައިގެންނެވިއެވެ.
ފުރަތަމަ ވަޢުދު: ބަަނދަރުގެ ސައިޒު ބޮޑުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
ރަައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ރައީސް ޔާމީންގެ ސަރުކާރުގައި ކަނޑިތީމުގެ ބަނދަރުގެ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އާބާދީ ބޮޑުވުމާއި ރަށަށް އަންނަ ކުރިއެރުންތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި މޫސުމީ ބަދަލުތަކަކީ ބަަނދަރުތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ އަށްވެސް ބަދަލުގެންނަންޖެހޭ ސަބަބެއްކަމަށް ވިދާޅުވިއެވެ.
އެގޮތުން ރަށުގެ ތަރައްޤީއަށްޓަކައި އަދި ރަށުގެ ލަފާފުރުމުގެ މައްސަލައަށް ޙައްލު ގެނައުމަށްޓަކައި ބަނދަރުގެ ސައިޒު ބޮޑުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ބަނދަރުގެ ފަސޭހަކަން ރަށަށް ހޯދައިދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.
ދެވަނަ ވަޢުދު: ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ހިންގުން
ކުނި މެނޭޖް ކުރުމަކީ ވަރަށް ބޮޑަށްވެސް އަސާސީ
ކަމެއްކަމަށާއި ކަނޑިތީމަކީވެސް ކުނި މެނޭޖްކުރުމުގައި މައްސަލަތަކެއް ހުރި ރަށެއްކަމަށްވާތީ އެކަމަށް ސަމާލުކަން ދެއްވާނެކަމަށާއި، އެކަމާ ގުޅޭ ވުޒާރާގެ ތެރެއިން ސަމާލުކަން ދީގެން ކުނި މެނޭޖްކުރުމުގެ މައްސަލަ ޙައްލުކުރުމަކީ ވަރަށް އިސްކަން ދޭނެ ކަމެއްކަމަށާއި ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ތިންވަނަ ވަޢުދު: ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުން
ރަށް ގިރުމުގެ މައްސަލަ އަކީ ކޮންމެހެންވެސް ޙައްލު ކުރަންޖެހޭކަމަކަށްވާތީ އެކަމަށް ސަމާލުކަން ދެއްވާނެކަމަށާއި، އެކަމާ ގުޅޭ ވުޒާރާގެ ތެރެއިން ސަމާލުކަން ދީގެން ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަކީ ވަރަށް އިސްކަން ދޭނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ހަތަރުވަނަ ވަޢުދު: މާބަނޑު އަންހެނުންނަށާއި ކުޑަކުދިންނަށް ޚިދްމަތް ލިބޭނެހެން ޞިއްޙީ ޚިދްމަތް ތަރައްޤީކުރުން
ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށާއި، އެގޮތުން ކަނޑިތީމުގެ ރައްޔިތުންނަށް އެކަށީގެންވާ ޞިއްޙީ ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި ދުވަސްވީ މީހުންނަށާއި، މާބަނޑު އަންހެނުންނަށާއި، ކުޑަކުދިންނަށް ޚިދްމަތްދެވޭނެ ފެންވަރަށް ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ފަސްވަނަ ވަޢުދު: މައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން
ރަށަށް ތަރައްޤީ އަންނަ އިރުގައި ރަށުގެ މައި މަގުތައް ހެދެންވާނެކަމަށާއި، އެއީ އަސާސީ ކަމެއް ކަމުގައި ވިދާޅުވަމުން ރައީސް ވަނީ ކަނޑިތީމު ކަހަލަ 1800 އެއްހާ މީހުންގެ އާބާދީއެއްގައި މައި މަގުތައް ރަނގަޅަށް ހެދުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މަގުތައް ހެދިފައި ހުރުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި އެކަމަކީ ރަށުގައި މީހުން އާބާދުވެ ރަށުގައި އިންވެސްޓު ކުރާނެ މީހުން ލިބޭނޭ ސަބަބެއްކަމަށް ވިދާޅުވަމުން ރަށަށް ކުރެވޭ އިޤްތިޞާދީ އިންވެސްޓްމެންޓެއްގެ ގޮތުގައި ބަލައިގެން އެމަނިކުފާނުގެ ރިޔާސަތެއްގައި ކަނޑިތީމުގެ މަގުތައް ހެދުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
ހަވަނަ ވަޢުދު: ބޭންކުގެ ފުނަދޫ ބްރާންޗްގެ ސެލްއެއް ޤާއިމުކުރުން
ށ.ފުނަދޫގައި ހުރި ބޭންކްގެ ބްރާންޗްގެ ސެލްއެއް ކަނޑިތީމުގައި ހުރުމަކީ ކޮންމެހެންވެސް މުހިއްމުކަމެއްކަމަށް ވިދާޅުވަމުން ކަނޑިތީމު ހިމެނޭ ބިތުގެ ރަށްރަކަށް ފަސޭހަވާނެހެން ބޭންކުގެ ބްރާންޗްގެ ސެލްއެއް ކަނޑިތީމުގައި ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
އަށްވަނަ ވަޢުދު: ގޮނާފަރުގައި ރިސޯޓެއް ޤާއިމުކުރުން
އިޤްތިޞާދީ ގޮތުން ބަލާއިރުގައި ކަނޑިތީމު ކައިރީގައި އޮތް ގޮނާފަރު ގައި ބިންހިއްކައިގެން ތަރައްޤީ ކުރެވޭ ރިސޯޓެއް ޤާއިމްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެމަޝްރޫޢަކީ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގައި އަދި އެކި އުމުރު ފުރައިގެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި މުހިއްމު މަޝްރޫޢަކަށް ވާނެކަމަށް ވިދާޅުވަމުން ރައީސް ވަނީ ގޮނާފަރުގައި ރިސޯޓެްް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ނުވަވަނަ ވަޢުދު: ކުޑަދޫގައި ރިސޯޓެއް ޤާއިމުކުރުން
ކަނޑިތީމާ އިންވެގެން އޮތް ކުޑަދޫއަކީ ކަނޑިތީމުގެ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ތަނެއްގެ ގޮތުގައި ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ލާފައި އޮތްތަނެއްކަމަށް ޤަބޫލުކުރެވޭ ކަމަށާއި، ނުލާ އޮތްނަމަ ލައިގެންނަމަވެސް އަދި ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ރަށުގެ އިޚްތިޞާޞް ތެރޭގައި ހިމަނައިގެން ކުޑަދޫ ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީ އިޤްތިޞާދީ ގޮތުން ފައިދާ ހޯދައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ދިހަވަނަ ވަޢުދު: އާބާދުވި ސަރަޙައްދަށް ފެނާއި ނަރުދަމާއާއި ކަރަންޓް ފޯރުކޮށްދިނުން
ކުރީގެ ސަރުކާރުގައި ގޯތި ދީފައި ނުވަތަ ބިން ހިއްކާފައިވެސް އެބަހުރިކަމަށާއި، އެހެންނަމަވެސް އިތުރުކުރެވޭ ބަޔަށް މާބޮޑަށް އަޅާލާ އަދި އެތަނުގެ ބޭނުން މާބޮޑަށް ކުރެވޭނެހެން ކަންކަން ރާވާފައި ނުހުންކަމަށް އެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ. އެބީދައިން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ކަނޑިތީމުގައިވެސް އަލަށް އާބާދުވަމުންދާ ސަރަޙައްދަކީ އަޅާލުން ކުޑަ ސަރަޙައްދެއްކަމަށާއި، ފެނާއި ނަރުދަމާއާއި ކަރަންޓް ނެޓްވޯކް އެ ހިސާބަށް ނުފޯރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އެމަނިކުފާނުގެ ސަރުކާރެއްގައި އެމަސައްކަތް ފުރިހަމަކުރައްވާނެކަމަށް ވިދާޅުވިއެވެ.
އެގާރަވަނަ ވަޢުދު: އިންޑޯ ކުޅިވަރު ކުޅެވޭގޮތަށް ޒުވާނުންގެ މަރުކަޒެއް ޤާއިމުކުރުން
ޒުވާނުންނަށް ޚާއްސަކޮށް ޒުވާނުންގެ މަރުކަޒެއް ޤާއިމްކޮށްދިނުމަކީ ޒުވާނުންނަށް ބޭނުންވާ ކޮޮންމެހެންވެސް މުހިންމު ކަމަށާއި، މެނިފެސްޓޯގައި އަދި ރައީސް ޔާމީންގެ ސިޔާސަތުގައި، މުޖުތަމަޢުގެ އެންމެ އިސްކަންދޭ ސެކްޓަރ އަކީ ޒުވާނުންކަމަށާއި، ޒުވާނުންނަކީ ޤައުމުގެ މުސްތަޤުބަލްކަމަށް ރައީސް އެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ. އެސަބަބަށްޓަކައި އަދި ޒުވާނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ތެރެއިން ކަނޑިތީމުގައި ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދީ އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އަދި އެކި ކަހަލަ ބޭނުންތައް ހިފޭނޭ ޒުވާނުންގެ މަރުކަޒެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގާރަވަނަ ވަޢުދު: ބިލެތްފަހީ އެއަރޕޯރޓާއެކު ކަނޑިތީމަށް ޓޫރިޒަމް ގެނައުން
ބިލަތްފަހީ ފަޅުތެރޭގައި އެއާޕޯޓު އެޅުމުގެ މަސައްކަތަކީ ދާއިރާއަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމުގެ ސަބަބުން މި ދާއިރާގައި
އޮތް ފަސް ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ވިދާޅުވެފައެވެ. އެގޮތުން، އެއަރޕޯރޓާއެކު ފަހިވެގެންވާ ދަތުރުފަތުރުގެ ވަޞީލަތްތަކާއެކު ކަނޑިތީމަށް ޓުއަރިޒަމް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކަނޑިތީމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު ދިރާސާކޮށް ބަލާއިރު އެރަށަށް ޚާއްޞަ 11 ވަޢުދެއް ވަނީ ވެވަޑައިގެންފައެވެ. އަދި އޭގެ އިތުރުން މާލޭގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތެއް އަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ. މިހުރިހާ ވަޢުދަކީ ވަގުތުން ވަގުތަށް ފުއްދައިދެވޭނޭ ވަޢުދުތަކަކަށް ނުވާނެއެވެ. އެހެންނަމަވެސް އެ ވަޢުދުތަކުގެ ތެރޭގައި ފުރަތަމަ އަހަރުގެ ތެރޭގައި ފުރިހަމަވާންޖެހޭނެކަމަށް ރައްޔިތުން ޤަބޫލުކުރާ ވަޢުދުތަކެއްވެސް ހުންނާނެއެވެ. އަދި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރިނަމަ ފުއްދޭނެ ވަޢުދުތައްވެސް ހުންނާނެއެވެ. ސުވާލަކީ، ކަނޑިތީމުގައި ޑރ މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުތަކުގެ ތެރެއިން މިހާތަނަށް ފުއްދިފައިވަނީ ކިތައް ވަޢުދުތޯއެވެ؟
ބަސްކޮށާރު:
ވުޢޫދު: ވަޢުދުގެ ގިނަގޮތް (އަޞްލު: ޢަރަބިބަސް)
ރިޔާސީ ވުޢޫދުގެ އެހެނިގެން ލިޔުންތައް:
ރިޔާސީ ވުޢޫދު: ހދ.އިހަވަންދޫއަށް ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް
ރިޔާސީ ވުޢޫދު: ހދ.ނޮޅިވަރަމަށް ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް