ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރ ނުކުރާ 101 މަރުކަޒެއްގެ ޕްރޮގްރާމްތައް މިއަދުން ފެށިގެން ބާޠިލުކޮށްފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ "މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ގެ ދަށުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިންގޭނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓަރ ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ރީ-ރަޖިސްޓަރ ކޮށްފައިނުވާ 101 މަރުކަޒުގެ މަޢުލޫމާތު ވުޒާރާއިން އެ އޮތޯރިޓީއާ ޙިއްސާ ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައިގެ ދަފްތަރު (ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފްތަރު) ގައި ރަޖިސްޓަރ ކޮށްފައިނުވާ މަރުކަޒުތަކުގެ ލިސްޓްގައި ހިމެނޭ އެ 101 މަރުކަޒުން ކުރިން ހުއްދަދީގެން ހިންގަމުން އައި ޕްރޮގްރާމްތައް މިއަދުން ފެށިގެން "މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން އެ އޮތޯރިޓީން ޤަބޫލުނުކުރާނެ ކަމަށް ބުނެފައިވެއެވެ.
އެމްކިޔުއޭއިން ބުނީ އެ މަރުކަޒުތަކުގެ ޕްރޮގްރާމްތައް ބާޠިލްކުރިނަމަވެސް، ކުރިން އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތަކުން ކިޔަވާފައިވާ އަދި އެމް.ކިއު.އޭ އަށް ބެޗް އޮޑިޓަށް ފޮނުވާފައިވާ ދަރިވަރުންގެ ސަނަދުތައް ޤަބޫލުކުރާނެކަމަށެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ވެބްސައިޓްގެ "ޕްރޮގްރާމް އެކްރެޑިޓޭޝަން" ބައިގައިވާ "Previously Approved Programs" ލިސްޓުގައި ހުއްދަ ބާޠިލްކުރެވުނު މަރުކަޒުތަކުގެ މަޢުލޫމާތުވެސް ހިމަނާފައިވާނެ ކަމަށެވެ.