ބައްޕައާއި ބައްދަލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނޯޓުކޮޅެއް ދިން ކުއްޖާގެ ބައްޕައާއި ބައްދަލުކުރެވޭގޮތް ހަމަޖެއްސީ އޮންނަ އުސޫލުގެ ތެރެއިންކަމުގައި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ތުއްތު ކުއްޖާ ރައީސަށް ދިން ގަނޑުކޮޅެއްގައި އެ ކުއްޖާގެ ބައްޕަ މަތިން ހަނދާން ވާކަމަށް ލިޔެފައިވުމުންނާއި، އެ ކުއްޖާއަށް އުމުރުން އެއް އަހަރުން ފެށިގެން ބައްޕަ ރަށުން ބޭރުގައިވުމުން، ރައީސް އެ ރަށުން ވަޑައިގަތުމުގެ ކުރިން އެކަން ހަމަޖެހޭތޯ ބެލުމަށް ރައީސް ބޭނުންފުޅުވެލެއްވި ކަމަށެވެ.
”އެގޮތުން ތުއްތު ކުއްޖާގެ ބައްޕަ ހުރީ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި ކަމުން އެވަގުތަށް އެކަން މި މުއައްސަސާއިން ވަނީ ހަމަޖައްސައިދީފައި“ ޝިފާން ވިދާޅުވިއެވެ.
ޝިފާން އިތުރަށް ވިދާޅުވީ އެކަމުގައި ފުލުހުންގެ މުވައްޒަފުންނާމެދު އަމަލުކުރަމުންދާ އުސޫލުތަކާއި ތަފާތުގޮތަކަށް އަމަލުކޮށްފައިނުވާނެކަމަށެވެ.