ހިޖުރަ ގުރޫޕުން ޢުމްރާއަށް ގެންދިޔަ 24 މީހުން ސަޢޫދީގައި ތާށިވެ އެނބުރި ނާދެވިފައިވާ މައްސަލައިގައި އެގްރޫޕާމެދު ސަރުކާރުން ފިޔަވަޅު އަޅައިފިއެވެ.
މި ކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އެ ކުންފުނީގެ 2024 ޑިސެމްބަރު ޢުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ޢުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައި ވީނަމަވެސް އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން އިޢުތިރާފުވެފައިވާތީއާއި، މައްކާއިން ރާއްޖެ އައުމަށް ޓިކެޓު ނަގާފައި ނެތުމުގެ ސަބަބުން ރާއްޖެ ނާދެވިގެން އެ ޢުމްރާވެރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމަށް އެދިފައިވުމާ އެކު، ހާލުގައި ޖެހިފައި ތިބި 23 ޢުމްރާވެރިން ވަނީ 09 ޖަނަވަރީ 2025 ގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އުސޫލު ނަންބަރު: 30-ޖީ/2024 (ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު)އާ ޚިލާފުވެފައިވާތީ މި އުޞޫލުގެ ދަށުން "އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑް"އާ މެދު އަންނަނިވި ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ. އެއީ
1- ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން، އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.
2- އެއްލައްކަ (-/100،000) ދިވެހި ރުފިޔާއިން އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުން.
3- އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑަށް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން.
4- އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢުމްރާއަށް ގެންގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރި ޚަރަދު އެ ކުންފިން ހޯދުން.
5- އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން "ޢުމްރާއަށް ގެންދިޔުމުގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު"އާ ޚިލާފުވެފައިވާތީ މި މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައެޅުން.
މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.