ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ރާއްޖެ ވަޑައިގެންފި އެވެ.

ވެންޔް ޔީ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ވަނީ  ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއުތައް އަވަސްކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ރައީސް ވަނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާގެ އެހީއަށް އެދިވަޑައިގަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވެންގް ޔީ ވަނީ ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވާފަ އެވެ. ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ޗައިނާގެ ފޮރިން މިނިސްޓަރު މިއަދު ފުރާވަޑައިގަންނަވާނެ އެވެ.

advertisement
ހިޔާލު ދެއްވާ!