ޑރ ޝަހީމް ކޮންފަރެންސްގައި ތަޤްރީރު ކުރައްވަނީ.. ފޮޓޯ: މިނިސްޓްރީ

އިސްލާމް ދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން: ޑރ ޝަހީމް

އިސްލާމް ދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ތަޤުރީރު ކުރައްވައިފިއެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތައުލީމުދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގެ ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ކޮންފަރެންސްގެ ޢިލްމުވެރިންގެ ސެޝަންގައި ތަޤްރީރު ކުރައްވަމުންނެވެ.

ޑރ ޝަހީމްގެ ތަޤްރީރުގައި އެމަނިކުފާނު ވަނީ އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމުކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމްދީން އިލްމު އުނގަންނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް އިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމަށް ޝަހީމް ވިދާޅުވިއެވެ.

މި މޭރުމުން ތަޤްރީރު ކުރިޔަށް ގެންދަވަމުން ޑރ ޝަހީމް ވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ އިލްމުވެެރި ނަމޫނާއެއްކަމަށް ވިދާޅުވެފައެވެ. އަދި ރަސޫލާގެ ޙަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ޚާއްޞަ ކުރެއްވިކަން ސާބިތުވާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ ޝަހީމް ވަނީ އިލްމު ފެތުރުމަށް މުސްލިމް ވޯލްޑް ލީގާއި ސައުދީއަރަބިއްޔާގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތް ޚާއްޞަ ގޮތެއްގައި ޑރ ޝަހީމް ފާހަގަކުރެެއްވިއެވެ.

ޑރ ޝަހީމަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.

advertisement
ހިޔާލު ދެއްވާ!