ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރްސީގެ މި އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އއ. އުކުޅަހުގައި ބާއްވައިފި އެވެ.
ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ އެެއް ރަށް ކަމަށްވާ އުކުޅަހުގައި ބޭއްވި މި ބައްދަލުވުން ބާއްވާފައިވަނީ އެ ރަށު ކޮންވެންޝަން ސެންޓަރުގަ އެވެ.
އެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ޗެއާމަން ޢަބްދުﷲ އިޔާސް ރިޔާޒާއި ބޯޑު ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުގައި ތެރެއިން އެމްއެމްޕީއާރްސީގެ ޓީމުން ވަނީ އުކުޅަހު ކައުންސިލާއި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އެމްއެމްޕީއާރްސީން ބުނީ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އުކުޅަހުގައި ބޭއްވީ ލޯކަލް ޓުއަރިޒަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭކަން ހާމަކޮށްދިނުމާއި، ކުންފުނި އޮތީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ފަރާތްތަކާ ވެސް އެކީގައި ހާމަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.