ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި، މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އެސްޓޯނިއާގެ ޓަލިން ބައިނަލްއަޤްވާމީ ވައިގެބަނދަރުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި، އެ ޤައުމުގެ އެކި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް ކްރިސްޓީނާ ކެލަސް، މިނިސްޓަރ އޮފް ކްލައިމެޓް، ޔޯކޯ އަލެންޑަރ، މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް، މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް، ލީސާ-ލީ ޕަކޮސްޓާ އަދި ސެކްރެޓަރީ ޖެނެރަލް އޮފް ފޮރިން އެފެއާޒް، ޖޮނަތަން ސެވިއޮވް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާގެ ޓާރްޓޫއަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެ ސިޓީން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވާނީ، މޭޔަރ އަރްމަސް ކްލާސްއެވެ. ޓާރްޓޫ އަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ކްލިނިކަލް މެޑިސިންގެ ދާއިރާގައި މުޅި ދުނިޔޭގައިވެސް ހަވާލާދެވޭ ޔުނިވަރސިޓީތަކާއި ސައިންޓިފިކް މުއައްސަސާތަކުގެ ތެރެއިން އެންމެ މަތީގިންތީގައި ހިމެނޭ ޔުނިވަރސިޓީ އޮފް ޓާރްޓޫވެސް ހުންނަނީ ޓާރްޓޫގައެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، އެ ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގެ ދިރާސާތައް ބައްލަވާލައްވައި، އެސްޓޯނިއަން ޖީނޯމް ސެންޓަރާއި، ގްރީނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރައްވާނެއެވެ. ‎

އެސްޓޯނިއާއަކީ ޑިޖިޓަލް ވެރިކަމުގެ ރޮނގުން ދުނިޔެއަށް ނަމޫނާއެއް ދައްކުވައިދޭ ޤައުމެކެވެ. އެޤައުމުން ވަނީ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ގަވަރނަންސް ނިޒާމު ތަޢާރަފުކޮށްފައެވެ. އެގައުމުގައި ސަރުކާރުގެ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެނީ އޮންލައިންކޮށެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެމަނިކުފާނުގެ ވައުދުފުޅާއެއްގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު އެކަށައެޅުމެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާއިން އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.

advertisement
ހިޔާލު ދެއްވާ!