"ހިޔާވެހި ފައިނޭންސިންގ – ރަށްވެހި" ސްކީމަށް ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ، ޢިމާރާތުގެ ފާސްކުރެވިފައިވާ ކުރެހުން އަދި އެ ކުރެހުމަށް ބިނާކޮށް ހަދާފައިވާ ބީ.އޯ.ކިއު (BOQ) ހައްދަން ޖެހުމަކީ ރާއްޖެތެރޭގެ ފުދުންތެރިކަން ކުޑަ ޢާއްމު ފަރުދުންނަށް ވަރަށްބޮޑު ކަމެކެވެ.
އެ ކުރެހުމާއި ބީ.އޯ.ކިއު ހެއްދުމަށްޓަކާ، ވިޔަފާރީގެ އުޞޫލުން އެފަދަ މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދީ އަގު ސާފުކޮށްލުމުން 2 ކޮޓަރީގެ ސިންގަލް ސްޓޯރީ އެޕާރޓްމަންޓެއްގެ ކުރެހުމާއި ބީ.އޯ.ކިއުއަކަށް ފަސް ހާހާއި ދިހަ ހާހާއި ދެމެދުގެ އަގުތަކެއް ކިޔަމުންދާއިރު، މިއީ ވަރަށްބޮޑު ޢަދަދަކަށް ވުމުގެ ސަބަބުން މިކަން ކުރުވުން މިވަނީ މާލީ ބުރަޔަކަށްވެފައެވެ.
މިބުރައިގެ ސަބަބުން މި ސްކީމަށް އެދި ހުށަހެޅުންމިވަނީ ހުރަހަކަށް ވެފައެވެ.
ރާއްޖެތެރޭގެ ގިނަ މީހުން ބޭނުންވާނީ އާދައިގެ ގޮތަކަށް އެއްބުރިއަށް (ސިންގަލް ސްޓޯރީ) ގެ ހަދާށެވެ. ނަމަވެސް، އާދައިގެ ގޮތަކަށް ގެ ހަދަން ވެސް މި ސްކީމަށް ހުށަހެޅުމަށްޓަކާ، އެއްބުރިއަށް (ސިންގަލް ސްޓޯރީ) ޢިމާރާތްކުރާ ތަނެއް ވިޔަސް، ރަޖިސްޓްރީ ވެފައިވާ އާކިޓެކްޓެއްގެ ނުވަތަ ސިވިލް އިންޖިނިއަރެއްގެ ހުއްދައިގެ ނަންބަރާއި ސޮއި އޮންނަންވާނެކަމަށާއި މިގޮތުން ކުރަހާ ކުރެހުންތައް އެޕްރޫވްކުރާކަށް ނުޖެހޭނެކަމަށް "ހިޔާވެހި ފައިނޭންސިންގ އުޞޫލު-ރަށްވެހި" ގެ މާއްދާ 5 ގެ (ހ) ގެ 1 ގައި އޮވެއެވެ.
އެހެންކަމުން، ރަޖިސްޓްރީ ވެފައިވާ އާކިޓެކްޓެއްގެ ނުވަތަ ސިވިލް އިންޖިނިއަރެއްގެ ހުއްދައިގެ ނަންބަރާއި ސޮއި ކޮންމެހެންވެސް ހޯދަން ޖެހެއެވެ. އެ ނަންބަރާއި ސޮއި ލިބޭނީ އެފަދަ ފަރާތެއް މެދުވެރިކޮށްގެން ކުރަހާ ކުރެހުމަކަށެވެ. އަދި އެ ކުރެހުމަށް ބިނާކޮށް ބި.އޯ.ކިއު ހައްދަން ޖެހޭނީ ވެސް އެ ފަރާތެއް މެދުވެރިކޮށެވެ. މި ކުރެހުމާއި ބީ.އޯ.ކިއު ބޮޑު އަގުގައި ހައްދަން ޖެހުމަކީ މި ސްކީމަށް އެދި ހުށަހެޅުމުގައި މާލީ ޙާލަތު ދަށް ރާއްޖެތެރޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ހުރަހެކެވެ.
މީގެ ބަދަލުގައި، އާދައިގެ ގޮތަކަށް އެއްބުރިއަށް (ސިންގަލް ސްޓޯރީ) ގެ ހަދަން ބޭނުންވާ ފަރާތްތަކުން ބީ.އޯކިއު ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައި، ގޭގެ ފްލޯ ޕްލޭނެއް ކުރަހައި އެ ރަށެއްގެ ކައުންސިލަށް ހުށަހެޅުމުން، އެ ކައުންސިލަކުން އެ ކުރެހުމަށް ގެ ޢިމާރާތްކުރާ ބިމެއް ނުވަތަ ގޯތި ބަލައި، އެ ކުރެހުމަކީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުރަހާފައިވާ ކުރެހުމެއް ނަމަ އެ ކުރެހުމެއްގައި އެ ރަށެއްގެ ކައުންސިލުގެ ތައްގަނޑާއި ސޮއި އޮންނަ ކުރެހުމަކާއެކު، އެޕްލައި ކުރެވޭނެ ގޮތަކަށް ހަމަޖެހިގެން ދިއުމަކީ، މާލީ ޙާލަތު ދަށް ރާއްޖެތެރޭގެ ރައްޔިތުންނަށް މި ސްކީމަށް އެޕްލައިކުރުމަށް ލިބިގެންދާނެ ފަހި ފުރުޞަތެއްކަމުގައި ފެނެއެވެ."
1 Comment
ވަޒީފާގަ 1 އަހަރު ނުވަންޏާވެސް ލޯނު ނުލިބޭ