ޑރ. އަބްދުالله މުއްޠަލިބު

ވެރިފައި ކުރުމަށް ނިންމާފައިވަނީ ފްލެޓް ލިބުނު ކަމަށް ކުރީ ސަރުކާރުން ނިންމި 4000 މީހުންގެ ފޯމު އެކަނި: މިނިސްޓަރު މުއްތަލިބު

އިވެލުއޭޓު ކުރުމަށް ނިންމާފައިވަނީ ފްލެޓް ލިބުނު ކަމަށް ކުރީ ސަރުކާރުން ނިންމި 4000 މީހުންގެ ފޯމު އެކަނި ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއްތަލިބު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައެވެ.

އެމްޑީޕީ ސަރުކާރުން ކުރިޔަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓަށް އެދި 20،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާރު ޝަރުތު ހަމަވި ކަމަށް ނިންމާ މި ބުރުގައި ފްލެޓް ލިބޭނެ ކަމަށް ނިންމީ 4000 މީހުންނެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ އޭސީސީއިން ނިންމާފައިވަނީ އޭގެ ތެރެއިން ޝަރުތު ހަމަވަނީ 27 ޕަސެންޓް މީހުންނެވެ. އެހެންވެ މި ސަރުކާރުން ނިންމާފައިވަނީ ފްލެޓް ލިބުނު 4000 މީހުންގެ ފޯމުތައް އެކަނި ކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަލުން ވެރިފައި ކުރާއިރު ފޯމު ހުށަހެޅިފަރާތް މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ކަށަވަރު ކުރުމަށް ހުށަހެޅިދާނެ ލިޔުންތައް ކަމަށް ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔުންތަކަށް ބައްލަވާނެ ކަމަށެވެ. އެ ލިޔުން ތަކުގެ ތެރޭގައި ހިމެނެނީ؛

ހ) ވޭތުވެދިޔަ 15 އަހަރު މާލޭގައި ވަޒީފާ އަދާކުރި، އަދި މިހާރުވެސް ވަޒީފާ އަދާކުރާކަމުގެ ލިޔުން.

ށ) ހުށަހަޅާފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވަޒީފާ އަދާކުރި، އަދި އަދާކުރަމުންދާ ތަންތަނުގެ ލިޔުން

ނ) ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް، ކޮލެޖް، ޔުނިވާސިޓީއެއްގައި ކިޔެވިކަން، ކިޔަވަމުންދާކަން އަންގައިދޭ ލިޔުން.

ރ) ހުށަހަޅާފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް ކޮލެޖް ނުވަތަ ޔުނިވާސިޓީއެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާކަން އަންގައިދޭ ލިޔުން.

ބ) ހުށަހަޅާފަރާތުގެ ދަރިން، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި މާލޭގެ ސްކޫލް، ކޮލެޖް ނުވަތަ ޔުނިވާސިޓީއެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާކަން އަންގައިދޭ ލިޔުން

ޅ) ހުށަހަޅާ ފަރާތުގެ ޕެންޝަނާ ބެހޭ ލިޔުންތައް

މިއާއެކު ވަޒީރު ވިދާޅުވީ، ބައެއް ފަރާތްތަކުން ފޯމު ހުށަހެޅިއިރު، އުސޫލުތަކާއި އިރުޝާދު ތަކަށް ނުފެތޭ ލިޔުންތައް ހުށަހަޅާފައިވާ ކަމަށާ، އަދި ޝަކުވާގެ މުއްދަތުގައުވެސް އެކި ކަހަލަ ލިޔުންތައް ހުށަހަޅާފައިވާކަން އޭސީސީން ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އޭސީސީގެ ތަހުގީގުގައި އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ މާލޭގައި ”މެދުނުކެނޑި“ އުޅެމުންދާކަން މުއްދަތު ބެލުމުގައި އެއް ހަމައެއް ގެންގުޅެފައި ނެތުން ކަމަށެވެ. އެގޮތުން ”މެދު ނުކެނޑި މާލޭގައި ދިރިއުޅުން“ މާނަކޮށްފައި ނުވާތީ، ފޯމު އިވެލުއޭޓް ކުރި ފަރާތްތަކުން އެކިގޮތްގޮތަށް އަމަލުކޮށްފައިވާކަން އޭސީސީން ފާހަގަކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އަލުން އިވެލުއޭޓް ކުރާއިރު، މެދުކެނޑުން ކަމަށް ބަލާނީ އެއް އަހަރު ދުވަހަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމެއް އައުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތިން ހާލަތެއްގައި މެދުކެނޑުން އިސްތިސްނާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެއީ؛

1) މާލޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވަކި މުއްދަތަކަށް މާލެއިން ބޭރުގައި ވަޒީފާ އަދާކޮށްފައުވާ މުއްދަތު

2) މަތީ ތަޢުލީމް ހާސިލް ކުރުމަށް މާލެއިން ނުވަތަ ރާއްޖެއިން ބޭރުގައި ހޭދަކޮށްފައިވާ މުއްދަތު

3) މާލޭގައު އާއިލާ ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައިވާ މުއްދަތު

advertisement
ހިޔާލު ދެއްވާ!