ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާތީ، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ.މުޢިއްޒު، މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ.މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ނެރުނު ދެންނެވުން ބާތިލުކޮށްފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ފެށުމަށް ނިންމާފައިވާއިރު، އޭގެ ކުރިން މި މަހު ދައުރުން ބޭރުން ދެ ޖަލްސާއެއް ކުރިޔަށް ގެންދަން ނިންމައި، އޭގެ ތެރެއިން ފުރަތަމަ ޖަލްސާ މާދަމާ ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.