ގއ. ވިލިނގިލި ހޮސްޕިޓަލުން ބަލި މީހަކާމެދު އިންސާނިއްޔަތާ ޚިލާފަށް އަމަލު ކުރި ވާހަކަ އެ ރަށު ކައުންސިލުން ދޮގުކޮށްފިއެވެ.
"ރިވާޔާ" ނޫހަށް މައުލޫމާތު ދެއްވަމުން ގއ. ވިލިނގިލި ކައުންސިލްގެ ރައީސް ވިދާޅުވީ ހޮސްޕިޓަލުން ކައުންސިލަށް މައުލޫމާތު ދީފައިވާ ގޮތުން ބަލިމީހާ ޑިސްޗާޖް ކުރުމަށްފަހު ދެ ދުވަސް ވަންދެން އެމީހާ ހޮސްޕިޓަލުގައި ބޭއްވި ކަމަށެވެ. ބަލި މީހާގެ އެހީތެރިޔާ އެދިފައިވަނީ އެންސްޕާއިން ބަލި މީހާގެ ދަތުރު ހަމޖެހެންދެން ހޮސްޕިޓަލުގައި ބާއްވައި ދިނމަށެވެ.
ނަމަވެސް ބަލި މީހާ ހޮސްޕިޓަލުން ޑިސްޗާޖު ކުރުމަށްފަހު ހޮސްޕިޓަލުގައި ބޭއްވުމަކީ ހޮސްޕިޓަލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދެން ކަންކަން ކުރަންވީ ކިހިނެއްތޯ ބަލިމީހާގެ އެހީތެރިއާ ކައިރިން އެހުމުން އެބޭފުޅުން ބޭނުންވަނީ ހޮސްޕިޓަލުން ދާން ކަމަށް ބުނެ ދިޔައީ ކަމަށް ހޮސްޕިޓަލުން ބުނެ ފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ހޮސްޕިޓަލުގެ މެނޭޖަރާ މި ނޫހުން ސުވާލު ކުރުމުން ވިދާޅުވީ އެވާކަހަ އަކީ ހަގީގަތާ ޚިލާފު ވާހަކަ އެއް ކަމަށާއި އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން ގެންދާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
ފޭސްބްކް ގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ލޯބިވާ ބައްޕަ (ހަސަން އަލީ- A112335) ވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުން ފަރުވާހޯދި، ބަލީގެ ސަބަބުން ބައްޕަގެ ވާތުފައި ވަނީ ބުރިކޮށްލި ކަމަށެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާގެ ބައްޕަ ގޮވައިގެން ރަށަށް (ގދ. ނަޑެއްލާ)އަށް ދިޔުމަށް 11.01.25 ގަ ދަތުރު ކުރަމުން ދަނިކޮށް އޮކްސިޖަން ލެވެލް ދަށްވެގެން ގއ.ކޫއްޑޫ އެއާރޕޯޓުން އެމެޖެންސީކޮށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި 11.01.25 – 15.01.25 އާ ހަމަޔަށް އޭނާގެ ބައްޕަ އެޑްމިޓު ކޮށްފައި ވަނީ ގއ.އަތޮޅު ހޮސްޕިޓަލުގަކަމަށެވެ.