ހެޔޮ ކަމަކަށް ހެޔޮ ކަމެކެވެ. ނުބައި ކަމަކަށް ނުބައި ކަމެކެވެ. މި ބަސްފުޅުގެ މާނައަކީ އެ ކަން ކުރާ މީހާއަށް ހަމަ އެ މިންވަރުން ޖަޒާ ލިބޭނެއެވެ. ﷲގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުން ހެޔޮ ކަމެއް ކުރުމަށް ނިޔަތްގަންނަ މީހާއަށް އެ ކަމެއް ނުކުރިޔަސް އެ ހެޔޮކަމާ އެއްވަރަށް ހެޔޮ ޖަޒާދެއްވާނެތެވެ. މިއާޚިލާފަށް ނުބައި ކަމެއް ކުރުމަށް ހިތަށް އެރިޔަސް އެ ކަމަށް ޖަޒާނުދެއްވާނެއެވެ. ޖަޒާދެއްވާނީ އެ ނުބައި ކަން ކުރީމައެވެ. رَسُولُ اللَّهِ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((مَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كُتِبَتْ لَهُ حَسَنَةً وَمَنْ هَمَّ بِحَسَنَةٍ فَعَمِلَهَا كُتِبَتْ لَهُ عَشْرًا إِلَى سَبْعِمِائَةِ ضِعْفٍ وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا لَمْ تُكْتَبْ وَإِنْ عَمِلَهَا كُتِبَتْ – ހެޔޮކަމެއްކުރުމަށް ގަސްތުކުޅަ މީހާ އެ ކަން ނުކުރިޔަސް މި ހެޔޮ ކަމެއްކުރިކަމުގެ ސަވާބު ލިޔުއްވާނެއެވެ. ހެޔޮކަމެއް ކުރުމަށް ގަސްތުކޮށްއެކަން ކުރިނަމަ އޭނާއަށް ދިހަ ހެޔޮކަމުން ފެށިގެން ގޮސް ހަތްސަތޭކަ ގުނައާ އެއްވަރަށް ހެޔޮކަމުގެ ސަވާބު ލިޔުއްވޭނެއެވެ. އެހެނަސް ނުބައި ކަމެއް ކުރުމަށް ގަސްތު ކުޅަ މީހާ އެކަންނުކުރާނަމަ ނުބައިކަމެއް ނުލިޔުއްވޭނެތެވެ. އެ ކަމެއް ކުރިނަމަނުބައި އެންމެ ކަމެއް ލިޔުއްވޭނެތެވެ.))
އިސްވެ ބަޔާންކުރި ޙަދީސުގައި އައިސްފައިވާ ޢަމަލުގެ ބާވަތްތަކުގައި ހިމެނޭ ހަތަރުވަނަ ބާވަތަކީ ނުބައި ކަމެއް ކުޅަ މީހާއަށް ހަމަ އެންމެ ނުބައި ކަމެއް ކުރި ކަން ލިޔުއްވުމެވެ. އެއީ ﷲގެ ޢަދްލުވެރިކަމެވެ. ނުބައި ކަމެއް ކުރުމުން އެކަމަށް ޖަޒާ ދެއްވުމުގައި އިތުރެއް ނުކުރައްވައެވެ. އެއީ ހަމަ ކަމަކަށް ކަމެކެވެ. (مِثْلٌ بِمِثْلٍ) އެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً [1]– އަދި މީހަކު ނުބައި ކަމެއް ކުރުމަށް ގަސްތުކޮށް އެކަމެއް ނުކުރިނަމަ ހެޔޮކަމެއް ފުރިހަމައަށް ކުރި ކަމުގެ ސަވާބު ﷲ ލިޔުއްވާނެއެވެ. އަދި އޭނާ އެ ނުބައި ކަން ކުރުމަށް ގަސްތުކޮށް އެ ކަން ކުރިނަމަ އޭނާގެ މައްޗަށް ނުބައި ކަމެއް ކުރި ކަން ލިޔުއްވާނެއެވެ.))
ލޮބުވެތި رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((قَالَ اللهُ عَزَّ وَجَلَّ: إِذَا هَمَّ عَبْدِي بِسَيِّئَةٍ فَلَا تَكْتُبُوهَا عَلَيْهِ، فَإِنْ عَمِلَهَا فَاكْتُبُوهَا سَيِّئَةً[2] –ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ އަޅާ ނުބައި ކަމެއް ކުރުމަށް ގަސްތުކުޅައަސް ތިޔަބޭކަލުން އެ ކަން ނުލިޔުއްވާށެވެ. އެހެނަސް އޭނާ އެކަން ކޮށްފިނަމަ ތިޔަބޭކަލުން އެ ކަން ނުބައި ކަމެއް ކަމުގައި ލިޔުއްވާށެވެ!)) ﷲ ސުބްޙާނަހޫ ވަ ތަޢާލާ ގެ ފަޟްލުވަންތަކާއި ދީލަތިވަންތަކަމުގެ ތެރޭގައި މުއުމިނަކު ނުބައި ކަމެއް ކުރުމަށް ގަސްތުކުރިއަސް އޭނާ އެ ކަން ނުކުރާނަމަ ހެޔޮކަމެއް ކަމުގައި ލިޔުއްވާދެއްވުން ވެއެވެ. رَسُولَ اللَّهِ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إِذَا أَرَادَ عَبْدِى أَنْ يَعْمَلَ سَيِّئَةً فَلاَ تَكْتُبُوهَا عَلَيْهِ حَتَّى يَعْمَلَهَا ، فَإِنْ عَمِلَهَا فَاكْتُبُوهَا بِمِثْلِهَا وَإِنْ تَرَكَهَا مِنْ أَجْلِى فَاكْتُبُوهَا لَهُ حَسَنَةً [3]– ތިމަންރަސްކަލާނގެ އަޅާ ނުބައިކަމެއް ކުރުމަށް ގަސްތު ކުޅައަސް އޭނާ އެ ކަން ކޮށްފުމަށް ދާނދެން ތިޔަބޭކަލުން އޭނާގެ މައްޗަށް އެ ކަން ނުލިޔުއްވާށެވެ! ފަހެ އޭނާ އެ ކަން ކޮށްފިނަމަ ތިޔަބޭކަލުން އެ ފަދަ ކަމެއް ލިޔުއްވާށެވެ! އޭނާ ތިމަންރަސްކަލާނގެ ވަޖްހުފުޅަށް ޓަކައި އެ ކަން ނުކޮށް ދޫކޮށްލައިފި ނަމަ ތިޔަބޭކަލުން އޭނާއަށް ހެޔޮކަމެއް ލިޔުއްވާށެވެ!)) ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި މުސްލިމަކި ނުބައި ކަމެއް ކުރުމުން ވާތު ފަތުގެ މަލާއިކަތާ އެކަން ނުލިޔުއްވަވާ 6 ގަޑިއިރުގެ މުހްލަތެއް އޭނާއަށް ދެއްވާނެއެވެ. އޭނާ ތައުބާވެ ﷲގެ ޙަޟްރަތަށް އިސްތިޣްފާރުކޮށް މާފަށް އެދުމަށް ޓަކައެވެ. އޭނާ އިސްތިޣްފާރުކޮށް އެ ކަމާމެދު ދެރަވެ ތައުބާވެއްޖެނަމަ އެކަމެއް އެ ފަތުގައި ނުލިޔުއްވާނެއެވެ. ތައުބާނުވެއްޖެނަމަ ފާފައެއް ކުރިކަމަށް ލިޔުއްވާނެއެވެ.
ލޮބުވެތި ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ صاحبَ الشِّمالِ ليرفَعُ القلَمَ سِتَّ ساعاتٍ عنِ العبدِ المسلمِ المخطئِ، فإنْ ندِمَ واستغفرَ اللَّهَ منها ألقاها عنهُ، وإلّا كتبَها واحدةً [4]– ހަމަކަށަވަރުން ވާތް ފަރާތުގެ މަލާއިކަތާ ކުށްކުރާ މުސްލިމުގެ ފަތުގައި އެ ކުށް ނުލިޔުއްވާ 6 ގަޑިއިރަށް ގަލަން އުފުއްލަވާނެއެވެ. އެ ކުށަށް އޭނާ ދެރަވެ އިސްތިޣްފާރުކޮށްފިނަމަ ފަތުން ބޭރަށް އެ ކުށް އެއްލައިލައްވާނެއެވެ. އެހެންނޫނީ އެއް ކުށް ކުރި ކަމުގައި ލިޔުއްވާނެއެވެ.)) މި ބަސްފުޅުން އެނގޭ ގޮތުގައި މާތް ﷲ ކުށް ކުރާ މުސްލިމު އިންސާނާއަށް އެ ކަމަށް ދެރަވެ އިސްތިޣްފާރު ކުރުމަށް މުހްލަތެއް އެބަ ދެއްވައެވެ. ވަގުތުން އެ ނުބައިކަން އޭނާގެ ފަތުގައި ރެކޯޑެއް ނުކުރައްވައެވެ. އެ ކުރި ފަތުގައި ރެކޯޑު ކުރައްވާނީ އޭނާއަށް ވަގުތު ދެއްވުމަށް ފަހުގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيْلِ إِنَّ ٱلْحَسَنَٰتِ يُذْهِبْنَ ٱلسَّيِّـَٔاتِ ذَٰلِكَ ذِكْرَىٰ لِلذَّٰكِرِينَ [5]– އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް وعظ އާއި نصيحة އެކެވެ.))
ފަސްވަނަ ބާވަތް
އިސްވެ ބަޔާންކުރި ޙަދީސުގައި އައިސްފައިވާ ޢަމަލުގެ ފަސްވަނަ ބާވަތަކީ: مَنْ عَمِلَ حَسَنَةً كُتِبَتْ لَهُ بِعَشْرِ أَمْثَالِهَا – މީހަކު ހެޔޮ ކަމެއް ކުރުމުން އެކަމަށް އޭނާއަށް ދިހަ ސަވާބު ދެއްވާ ބާވަތުގެ ހެޔޮ ޢަމަލެވެ. ލޮބުވެތި ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إِذَا أَسْلَمَ الْعَبْدُ فَحَسُنَ إِسْلاَمُهُ يُكَفِّرُ اللَّهُ عَنْهُ كُلَّ سَيِّئَةٍ كَانَ زَلَفَهَا، وَكَانَ بَعْدَ ذَلِكَ الْقِصَاصُ، الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، وَالسَّيِّئَةُ بِمِثْلِهَا إِلاَّ أَنْ يَتَجَاوَزَ اللَّهُ عَنْهَا[6] – އަޅާ އިސްލާންވެ އޭނާގެ އިސްލާންކަން ރިވެތިކޮށްފި ނަމަ އޭނާ އޭގެ ކުރިން ކޮށްފައިވާ ހުރިހާ ފާފަތަކެއް ﷲ ފުއްސަވާދެއްވާނެއެވެ. އެއަށްފަހު އޮންނާނީ ޤިޞާޞެވެ. ކޮންމެ ހެޔޮ ކަމަކަށް އެ ފަދަ ދިހަ ހެޔޮކަމުން ފެށިގެން ހަތްސަތޭކަ ހެޔޮކަމުގެ މިންވަރާ ހަމައަށެވެ. އަދި ނުބައި ކަމަކަށް އެފަދަ މިންވަރެވެ. ﷲ އެ ކަން ފުއްސަވާ ނުދެއްވާ ނަމަ އެވެ.))
ހަވަނަ ބާވަތް
އިސްވެ ބަޔާންކުރި ޙަދީސުގައި އައިސްފައިވާ ޢަމަލުގެ ހަވަނަ ބާވަތަކީ (وَمَنْ أَنْفَقَ نَفَقَةً فِي سَبِيلِ اللَّهِ فَحَسَنَةٌ بِسَبْعِمِائَةٍ – އަދި ﷲގެ މަގުގައި އެއްޗެއް ހޭދަކުރި މީހާގެ ހެޔޮކަން 700 މިންވަރަށް އިތުރުކުރައްވާނެއެވެ.)) މި ކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍ مِّا۟ئَةُ حَبَّةٍ وَٱللَّهُ يُضَٰعِفُ لِمَن يَشَآءُ وَٱللَّهُ وَٰسِعٌ عَلِيمٌ[7] – اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.))
رَسُولُ اللَّهِ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((مَنْ أَنْفَقَ نَفَقَةً فِي سَبِيلِ اللَّهِ كُتِبَتْ لَهُ بِسَبْعِمِائَةِ ضِعْفٍ[8] – ﷲގެ މަގުގައި ހޭދައެއް ކުރި މީހާއަށް 700 ހެޔޮކަމުގެ ސަވާބު ލިޔުއްވޭނެތެވެ.)) މީހަކު ﷲގެ މަގުގައި ލަގަން އަޅުވައިފައިވާ ޖަމަލެއް ޞަދަޤާތްކުރުމުން ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((لَيَأْتِيَنَّ يَوْمَ الْقِيَامَةِ بِسَبْعِمِائَةِ نَاقَةٍ مَخْطُومَةٍ [9]–ޤިޔާމަތްދުވަހުން ލަގަން އެޅުވިގެންވާ 700 ޖަމަލު އޭނާއަށް ދެއްވޭނެތެވެ.)) ބައެއް ޢަމަލުތަކުގެ ސަވާބު މާތް ﷲ ހަތް ސަތޭކަ އަށް ވުރެ އިތުރު ކުރައްވަތެވެ. މާތްﷲ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އިރާދަކުރައްވާ މިންވަރަކަށް އިތުރުކޮށް ދެއްވަތެވެ. މިސާލަކަށް ރޯދައަކީ އެކަލާނގެ ޒާތުފުޅަށް ޚާއްޞަ ޢަމަލެކެވެ.
رَسُولُ اللَّهِ صلى الله عليه وسلم ރޯދައާ ބެހޭ ގޮތުން ޙަދީސްކުރެއްވިއެވެ. ((مَن صامَ رَمَضانَ، إيمانًا واحْتِسابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِهِ[10] – މާތްﷲއަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން ރަމަޟާންމަހު ރޯދަހިފި މީހާއަށް އޭނާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައިދެއްވާނެތެވެ.)) ރޯދަވެރިޔާއަށް ދެއްވާ ސަވާބާ ބެހޭގޮތުން ޙަދީސްކުރެއްވިއެވެ. ((كلُّ عملِ ابنِ آدمَ يضاعَفُ الحسَنةُ بعَشرِ أمثالِها إلى سَبعِ مائةِ ضِعفٍ إلى ما شاءَ اللَّهُ يقولُ اللَّهُ إلّا الصَّومَ فإنَّهُ لي وأنا أجزي بِه يدَعُ شَهوَتَه وطَعامَه مِن أجلي[11] – އާދަމުގެ ދަރިޔާގެ ކޮންމެ ހެޔޮ ޢަމަލެއް 10 މިންވަރުން ހަތް ސަތޭކަ މިންވަރަށް އަދި ﷲ އިރާދަކުރައްވާ މިންވަރަކަށް ގުނަ އިތުރުކުރައްވައެވެ. ﷲ ވަޙީކުރެއްވިއެވެ. ރޯދަ މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެއީ ތިމަންރަސްކަލާނގެއަށް ލިބިވޮޑިގެންވާ އެއްޗެކެވެ. އަދި ތިމަންރަސްކަލާނގެ އެކަމަށް ޖަޒާދެއްވަމެވެ. އޭނާ ޝަހްވަތްތަކާއި ކެއިންބުއިން ދޫކޮށްލަނީ ތިމަންކަލާނގެ ޒާތުފުޅަށް ޓަކައެވެ.)) ލަޔިލަތުލްޤަދްރި ވިލޭރޭ އަޅުކަންކުރުމުގެ ސަވާބާއި ހެޔޮ ޖަޒާއާ ބެހޭގޮތުން މާތް ﷲ ވަޙީކުރެއްވި ބަސްފުޅާމެދު ވިސްނާލައްވާށެވެ! އެކަލާނގެ ވަޙީކުރެއްވިއެވެ. ((لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ – ليلةالقدر[12] – ލަޔިލަތުލް ޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.)) ރަސޫލާ صلى الله عليه وسلم ހަތްސަތޭކަ ގުނައަށް ވުރެ ގިނައިން އިތުރުކޮށްދެއްވުމަށް މާތްﷲއަށް ދެންނެވުމުން އެކަލާނގެ ވަޙީކުރެއްވިއެވެ.((إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ [13]– ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.))
މީސްތަކުންގެ ގިންތިތައް
ރަސޫލާ صلى الله عليه وسلم މީސްތަކުން ކުރާ ޢަމަލުތަކުގެ ބާވަތްތައް ބަޔާންކޮށްދެއްވުމަށް ފަހު މީސްތަކުންގެ ގިންތިތައް ބަޔާންކޮށްދެއްވިއެވެ.
ފުރަތަމަ ގިންތި : އަކީ (مُوَسَّعٌ عَلَيْهِ فِي الدُّنْيَا مَقْتُورٌ عَلَيْهِ فِي الآخِرَةِ – ދުނިޔޭގައި ތަނަވަސްކަން ދެއްވައި އާޚިރަތުގައި ދަތިކުރައްވާ މީހާއެވެ.) އެއީ ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލުންތެރިވެފައިވާ މީހާއެވެ. އެއީ ކާފަރުންނާއި ފާސިޤުންނެވެ. އެމީހުންނަށް މާތްﷲ މި ދުންޔަވީ ޙަޔާތުގައި ތަނަވަސްކަންދެއްވައެވެ. އެމީހުންނަށް އުޚްރަވީ ޙަޔާތުގައި އެއްވެސް ނަސީބެއް ނެތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((لَا يَغُرَّنَّكَ تَقَلُّبُ الَّذِينَ كَفَرُوا فِي الْبِلَادِ (196) مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ وَبِئْسَ الْمِهَادُ (197) لَكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِنْ عِنْدِ اللَّهِ وَمَا عِنْدَ اللَّهِ خَيْرٌ لِلْأَبْرَارِ[14] – كافر ވި މީހުން ރަށްތަކުގައި އެގޮތްމިގޮތަށް އުޅޭއުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިއަ ނުދޭހުށިކަމެވެ!(196) (އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. ދެން، އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ! (197) އެހެނެއްކަމަކު އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވި މީހުންނަށް، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ حال ގައެވެ. اللَّه ގެ حضرة ން ލިބޭ شرف އެއްގެ ގޮތުގައެވެ. اللَّه ގެ حضرة ގައިވާ ކަންތައް ހެޔޮލަފާ މީހުންނަށް، މާހެޔޮވެގެން ވެއެވެ. كافر ވި މީހުން ރަށްތަކުގައި އެގޮތްމިގޮތަށް އުޅޭއުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިއަ ނުދޭހުށިކަމެވެ!(196) (އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. ދެން، އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ ! (197) އެހެނެއްކަމަކު އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވި މީހުންނަށް، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. އެތަންތާނގައި، އެއުރެން ދެމިތިބޭ حال ގައެވެ. اللَّه ގެ حضرة ން ލިބޭ شرف އެއްގެ ގޮތުގައެވެ. اللَّه ގެ حضرة ގައިވާ ކަންތައް ހެޔޮލަފާ މީހުންނަށް، މާހެޔޮވެގެން ވެއެވެ.))
ދެވަނަ ގިންތި : އަކީ ( مُوَسَّعٌ عَلَيْهِ فِي الآخِرَةِ مَقْتُورٌ عَلَيْهِ فِي الدُّنْيَا – އާޚިރަތް ދުވަހު ތަނަވަސްކޮށްދެއްވައި ދުނިޔޭގައި ނުތަނަވަސް ކުރައްވާ މީހާއެވެ.) އެއީ ޞާލިޙު ފަޤީރު މީހާއެވެ. ދުނިޔޭގައި ފަޤީރުކަމާއި އަތްމަތި ދަތިކަން ކެތްތެރިކަމާއެކު ތަޙައްމުލުކުރި މީހާއެވެ. އެ ފަދަ މީހާއަށް ﷲ ތަޢާލާ ޤިޔާމަތްދުވަހުން ތަނަވަސްކަން ދެއްވާނެއެވެ. އެމީހުން ޤިޔާމަތްދުވަހުން ވާނީ މުއްސަނދީންނަށެވެ. ކީރިތި ރަސޫލާ ޙަދީސްކުރެއްވިއެވެ. ((يَدْخُلُ فُقَرَاءُ الْمُسْلِمِينَ الْجَنَّةَ قَبْلَ أَغْنِيَائِهِمْ بِنِصْفِ يَوْمٍ وَهُوَ خَمْسُمِائَةِ عَامٍ — މުސްލިމު މުއްސަނދިން ސުވަރުގެ ވަނުމުގެ ބައި ދުވަސް ކުރިން، ފަސް ސަތޭކަ އަހަރު ކުރިން، މުސްލިމު ފަޤީރުން ސުވަރުގެ ވަންނާތެއެވެ.))
ތިންވަނަ ގިންތި : އަކީ (مُوَسَّعٌ عَلَيْهِ فِي الدُّنْيَا وَالآخِرَةِ – ދުނިޔެއާއި އާޚިރަތުގައި ތަނަވަސްކަން ދެއްވައިފައިވާ މީހާއެވެ.) އެއީ މުސްލިމު ޞާލިޙު މުއްސަނދި މީހުންނެވެ. އެބައިމީހުން މާތްﷲއަށް ޝުކުރުވެރިވެ ﷲގެ ޙައްޤުތައް އަދާކުރެއެވެ. އެމީހުން ޒަކާތްދެއެވެ. ފަޤީރުންނަށާއި މުހުތާދުވެރީންނަށް އެހީފޯރުވައެވެ. މައިންބަފައިންނަށް ހޭދަކުރެއެވެ. ﷲގެ މަގުގައި ހޭދަކުރެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ ثُمَّ لَا يُتْبِعُونَ مَا أَنْفَقُوا مَنًّا وَلَا أَذًى لَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ [15]- އެއުރެންގެ މުދާ، اللَّه ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ عمل ން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ثواب) އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.)) ﷲ ޢައްޒަ ވަ ޖައްލަގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ [16]- އެއުރެންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.))
ހަތަރުވަނަ ގިންތި : އަކީ (مَقْتُورٌ عَلَيْهِ فِي الدُّنْيَا وَالآخِرَةِ –- ދުނިޔެއާއި އާޚިރަތުގައި ނުތަނަވަސްކުރައްވައިފައިވާ މީހާއެވެ.) މިއީ އެންމެ އަބާއްޖަވެރި މީހާއެވެ. އެއީ ދުނިޔޭގައި މަޙްރޫމުކުރައްވައިފައިވާ އަބާއްޖަވެރިއެކެވެ. އަދި އެއީ އާޚިރަތުގައި ވެސް ޢަޒާބުލިބެނިވި އަބާއްޖަވެރިއެކެވެ. އެއީ ފަޤީރު ކާފަރުންނެވެ. ﷲ ނުދެއްވާތީއޭ ކިޔައިފައި ﷲ ދެކެ ރުޅި އަންނަ މުސްލިމުން ހިމެނެނީ މި ގިންތީގައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((تَعِسَ عبدُ الدِّينارِ، والدِّرْهَمِ، والقَطِيفَةِ، والخَمِيصَةِ، إنْ أُعْطِيَ رَضِيَ، وإنْ لَمْ يُعْطَ لَمْ يَرْضَ [17]- ދީނާރުގެ އަޅާއާއި ދިރްހަމުގެ އަޅާއާއި މަޚްމާފޮތީގެ އަޅާއާއި ބޯކެހެރި ފޮތީގެ އަޅާ އަބާއްޖަވެރި ވެއްޖެއެވެ. އޭނާއަށް ދެވިއްޖެނަމަ ރުހޭނެތެވެ. އޭނާއަށް ނުދެވިއްޖެނަމަ ނުރުހޭނެތެވެ.))
ނިމުނީ
ޙަވާލާ:
[1] – أخرجه البخاري (٦٤٩١)، ومسلم (١٣١)، والنسائي في ((السنن الكبرى)) (٧٦٧٠)، وأحمد (٢٨٢٧)
[2] – أخرجه البخاري (٧٥٠١)، ومسلم (١٢٨)
[3] – أخرجه البخاري (٧٥٠١)، ومسلم (١٢٨)
[4] – أخرجه الطبراني (٨/٢١٧) (٧٧٦٥)، وأبو نعيم في ((حلية الأولياء)) (٦/١٢٤)، والبيهقي في ((شعب الإيمان)) (٧٠٥١)
[5] – هود : 114
[6] – أخرجه البخاري (٤١)، و النسائي (٤٩٩٨)
[7] – البقرة : 261
[8] – أخرجه الترمذي (1625 ) و النسائى ( 3186 )
[9] – الألباني، صحيح النسائي ( ٣١٨٧ )
[10] – أخرجه البخاري (٣٨)، ومسلم (٧٦٠)
[11] – أخرجه ابن ماجه (١٦٣٨) وأخرجه البخاري (١٩٠٤)، ومسلم (١١٥١)
[12] – القدر : 3
[13] – الزمر : 10
[14] – آل عمران : 196- 198
[15] – البقرة : 262
[16] – البقرة : 274
[17] – أخرجه البخاري (٢٨٨٦) و ابن ماجه (٤١٣٥)