ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ ޑިސެމްބަރު މަހު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ދަށުން އައްޔަނުކުރެއްވި ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީން ރުހުން ދިން ވަޒީރުންނަކީ:
– މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ: މޫސާ ޒަމީރު
– މިނިސްޓަރ އޮފް ހަޔާރ އެޑިޔުކޭޝަން، ލޭބާރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑރ. އަލީ ހައިދަރު އަޙްމަދު
– މިނިސްޓަރ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާރ: ޑރ. މަރްޔަމް މާރިޔާ
– މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ: ޑރ. ޢަބްދުﷲ މުއްޠަލިބު
މި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ދައުރުން ބޭރުގެ ޖަލްސާގައެވެ. އަދި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ވަޒީރުންނަށް ރުހުން ދިނުމަށް ފާސް ކުރައްވައިފައެވެ.
މި ބަދަލުތަކާއެކު، ކުރިން އޮތް މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ވަނީ އުވާލައިފައެވެ. އަދި އެ މިނިސްޓްރީގެ މެންޑޭޓުތައް އެހެން މިނިސްޓްރީތަކަށް ބަދަލުކުރައްވާފައިވެއެވެ. މިގޮތުން، ޕްލޭނިންގެ މަސައްކަތް މިހާރު ހަވާލުކުރައްވާފައިވަނީ ފިނޭންސް މިނިސްޓްރީއާއެވެ. އަދި ބޯހިޔާވަހިކަމުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ އަލަށް އުފައްދަވާފައިވާ ކޮންސްޓްރަކްޝަން މިނިސްޓްރީއާއެވެ.
މި ބަދަލުތަކަކީ ސަރުކާރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ގެންނަވާފައިވާ ބަދަލުތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގާނޫނުގައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވި ނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ.