އެސްޖޭ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް އަދި އިސްލާމިކް މިނިސްޓަރު

އެސްޖޭއިން ހަދާ މިސްކިތް ނުނިމިގެން އަންހެނަކު ސުވާލުކޮށްފިނަމަ އެއީ އެސްޖޭ ޝިހާދުއާ ހިތާވެގެން، ފިރިހެނަކު ސުވާލުކޮށްފި ނަމަ އެއީ ނަމާދު ނުކުރާ މީހެއް!

އެސްޖޭ ކުންފުނިން ހުޅުމާލެ ފޭސް ދޭއްގައި ހަދާ މިސްކިތް ނުނިމިގެން އަންހެނަކު ސުވާލުކޮށްފިނަމަ އެއީ އޭނާ އާ ހިތާވެގެން އޭނާ ނުލިބިގެން ކަމަށް ދޭހަވާ ގޮތަށް އަދި ފިރިހެނަކު ސުވާލުކޮށްފި ނަމަ އެއީ ނަމާދު ނުކުރާ މީހެއް ކަމަށް ބުނެ އެމީހަކަށް އެކްސްގައި "ޕާސަނަލީ އެޓޭކް" ކުރަން އެސްޖޭ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް ފަށައިފިއެވެ.

މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތް 10 ބުރިއަށް އެޅުމަށް 130 މިލިއަން ރުފިޔާ އަށް އެސްޖޭ ކުންފުންޏާ ރައީސް ޔާމީންގެ ދައުރުގައި ހަވާލުކޮށް އެ މިސްކިތް ވެސް ނުނިމި ލަސްވެގެން އެ އެއްބަސްވުން އެމްޑީޕީގެ ސަރުކާރުގައި ބާތިލް ކުރުމުން އެސްޖޭ ކުންފުނިން ކޯޓަށް ގޮސް އެދުނީ އެމީހުންނަށް ގެއްލުމަށް ލިބުނު 141 މިލިއަން ރުފިޔާ ސަރުކާރުން ހޯދުމަށެވެ. ޒިކުރާ މިސްކިތް ޕްރޮޖެކްޓު ދީގެން އެއް އަހަރު ފާއިތުވެގެން ދިޔައިރު ވެސް އެމިސްކިތުގެ މަސައްކަތް ނުފަށައި އެތައް ބަހަނާއެއް އެސްޖޭ ކުންފުނިން ވަނީ ދައްކައިފައެވެ.

ޒިކުރާ މިސްކިތް ހެދުމަށް ރައީސް ޔާމީންގެ ސަރުކާރުުން 30 މިލިއަން ރުފިޔާ އޭރު ވަނީ އެކުފުންޏާ ހަވާލުކޮށްފައެވެ.

އެހެންވެ އެމްޑީޕީ ސަރުކާރުން ނިންމީ ކޯޓުން ބޭރުގައި މައްސަލަ ނިންމައި ބަދަލުގެ ގޮތުގައި ހުޅުމާލެ ފޭސް ދޭއްގެ މިސްކިތް އެސްޖޭގެ ޚަރަދުގައި ހެދުމަށް ދިނުމަށެވެ. މީގެ ތިން އަހަރު ކުރިން ހަވާލުކުރި މިސްކިތް މިއަހަރުގެ ރޯދަމަހަށް ވެސް ނުނިމޭތީ އެކަމާ ގުޅިގެން ނޫސްވެރިންނާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ސުވާލު ކުރުމުން އެސުވާލުތަކަށް ޖަވާބު ނުދީ، ކަމާ ނުގުޅޭ ޖަވާބުދީ، އެމީހުނާ މެދު ހަގީގަތާ ޚިލާފު ވާހަކަތައް އެސްޖޭ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް ދަނީ ދައްކަމުންނެވެ.

އެގޮތުން އަޚްލާގީ ގޮތުން ދަށުދަރަޖައިގެ ވާހަކަތައް މީހުންނޭ ކިޔައި އެސުވާލު ކުރާ މީހުންނަށް ޝިހާދު ދަނީ އެކްސްގައި ރައްދު ދެމުންނެވެ.

މިސްކިތް ހެދުމުގެ ނަމުގައި ޑިއުޓީ ފްރީކޮށް މުދާގެނެސް އެތަކެތިން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ނަގައިގެން ހިންގާ ކަމަށް އާންމުން  ތުހުމަތު ކުރާ އެސްޖޭ ކުންފުނިން ހުޅުމާލެ ދޭއްގެ މިސްކިތް ނުނިމި ލަސްވާ މައްސަލައިގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި ނޫހަށް ވިދާޅުވެފައިވަނީ އެ މިސްކިތް ދެ ފަހަރެއްގެ މަތިން އެސެސްމެންޓް ހަދައި މަސައްކަތް އަވަށް ނިންމުމަށް އަންގާފައިވާނެ ކަމަށެވެ. އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅާކަން މިނިސްޓަރުގެ ވާހަކަ ތަކުން ހާމަވެއެވެ.

ނަމަވެސް މި މިސްކިތް ނުނިމި ލަސްވާ މައްސަލަ އޮތްވައި، މި ސަރުކާރު ވެރިކަމާ ހަވާލުުވެ ޒިކުރާ މިސްކިތް އަނެއްކާ ވެސް އެސްޖޭގެ ސީއެސްއާރްގެ ދަށުން ހެދުމަށް އަނެެއްކާ ވެސް ވަނީ ހަވާލުކޮށްފައެވެ. އެއް މިސްކިތް ނުނިމިގެން އުޅެނިކޮށް އަނެއް މިސްކިތް އެކުންފުންޏާ ހަވާލު ކުރުމުން ގިނަ ބަޔަކު އަންނަނީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަށް ވެސް އެކި އެކި ތުހުމަތު ކުރަމުންނެވެ.

އެސްޖޭ ކުންފުންނަކީ މުވައްޒަފުންނަށް މުސާރަ ނުދީ ގެންގުޅޭ ކަމުގެ ރެކޯޑުވެސް އޮންނަ ބައެއްކަން ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް މިފަދަ އެއްވެސް ކަމެއް ބެލުމެއް ނެތި ހުރިހާ ސަރުކާރުތަކުގައި ވެސް މި ކުންފުންޏަށް ސަރުކާރުގެ ޕްރޮޖެކްޓުތައް ދޭކަން ފާހަގަ ކުރެވެއެވެ.

 

 

advertisement

1 Comment

  1. ޝިހާދު ތީ މަކަރުވެރިއެއް. ލާރިހޯދާއިރު ހަރާމެއް ހަލާލެއް ނުބަލާނެ. ހީވާކަހަލަ ސަންދޯކުކޮޅައް އައިގެންނޭ ދާނީ

ހިޔާލު ދެއްވާ!