ވައްކަންވާނީ ހަމަ ވައްކަމަށްކަމަށް ވިދާޅުވެ ޢަލީ ރަމީޒުގެ 'އެކްސް' ގައި ޕޯސްޓެއް ކުރައްވައިފިއެވެ.
ޖަމްޢިއްޔަތުއްސަލަފު އުފެއްދުމުގައި އެންމެ އިސްރޯލެއް އަދާކުރައްވައި ދާދިފަހުން އެ ޖަމިއްޔާއިން އިސްތިއުފާދެއްވި އެޖަމިއްޔާގެ އެއް މުއައްސިސު، ޢަލީ ރަމީޒު އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކި މީހުން ވައްކަން ކުރާނީ އެކި ގޮތަށްކަމަށާ ނަމަވެސް ވައްކަން ވާނީ ހަމަ ވައްކަމަށްކަމަށެވެ.
"އެކި މީހުން ވައްކަން ކުރާނީ އެކި ގޮތަށް. ނަމަވެސް ވައްކަން ވާނީ ހަމަ ވައްކަމަށްކަމަށް. ދެއްތޯ" ޢަލީރަމީޒުގެ ޕޯސްޓުގައި ވެއެވެ.
ޢަލީ ރަމީޒުގެ މި ޕޯސްޓަކީ ކޮންކަމަށް އިޝާރާތްކުރައްވާފައިވާ ޕޯސްޓެއްކަމެއް ސާފެއްނުވެއެވެ. ނަމަވެސް ޢަލީ ރަމީޒު ސަލަފް ޖަމިއްޔާއިން ވަކިވުމުގައި ބޮޑެތި މައްސަލަތަކެއް ވާކަމަށް މި ނޫހަށްވަނީ އެނގިފައެވެ.
އޭގެތެރޭގައި ސަލަފު ޖަމިއްޔާގެ ތެރޭގައި ފައިސާގެ މައްސަލަތައް ވަރަށްބޮޑަށް އުޅޭކަމަށް ޢަލީ ރަމީޒުގެ ވަރަށްގާތް ބައެއް މީހުންގެ ފަރާތުން މި ނޫހަށް ކަށަވަރުވެފައިވެއެވެ.
ޢަލީ ރަމީޒު މި ޕޯސްޓު ކުރެއްވީ ދިވެހި ރައްޔިތުންނަށް ނޭނގި އެބައިމީހުންގެ ނަން ނަމުގައި މިހާރުގެ ވެރިކަންކުރާ ޕާޓީ ޕީ.އެން.ސީއަށް މީހުން ވައްދާކަމުގެ ތުހުމަތުތައްވެސް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ސޯޝަލްމީޑިއާގައި ވަރަށްބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ޢަލީ ރަމީޒު ސަލަފު ޖަމިއްޔާއިން ވަކިވި ސަބަބު ހާމަކޮށްދިނުމަށް ވަރަށްގިނަ ފަރާތްތަކުން ޢަލީ ރަމީޒަށް ޕްރެޝަރު ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ޢަލީ ރަމީޒު ގެ ފޭސްބުކްގައި ކުރައްވާ ޕޯސްޓުތަކުގެދަށުގައި ކޮމެންޓްސްގެ ގޮތުގައި ވަރަށްގިނަ ބޭފުޅުން އެ ސުވާލު ކުރަމުންދެއެވެ. ނަމަވެސް އެ ސުވާލު ކުރައްވާ އެއްވެސް ފަރާތަކަށް މިހާތަނަށް ޢަލީ ރަމީޒު ޖަވާބު ދެއްވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.