މާލޭގެ މަޖީދީމަގުގައި ހުރި ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަދައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ގުދަނުގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ ރޭ ފަތިހު 04:20 ހާއިރު ކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމާއެކު ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ފަޔާފައިޓަރުން ކުރި މަސައްކަތުން އެ ގުދަނުގައި ރޯވެފައިހުރި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ފަތިހު 5:27 ހާއިރުއެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނުއިރު ހެނދުނު 6 ޖަހައިފިއެވެ.
ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިންނާއި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. ނަމަވެސް ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. އެ މީހުން ގެންދިޔައީ ސީދާ ކޮން ސަބަބަކާއި ހެދި ކަމެއް ނޭނގެއެވެ.
މި ގުދަނުގައި ރޯވި އަލިފާނުގެ ސަބަބުން ގުދަން ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.