ޗައިނާގެ ވެރިރަށް ބެއިޖިން އަށް ކުރި ދަތުރުގައި މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑްބޮޑީ މަތިންދާބޯޓުން 252 ފަސެންޖަރުން މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ޗައިނާގެ ބެއިޖިންގަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާފައިވާއިރު، މިއީ އަލަށް ގެނައި އޭ 330-200 ގެ ވައިޑްބޮޑީ މަތިންދާ ބޯޓު ރާއްޖެއިން ބޭރަށް ކުރާ ދެވަނަ ދަތުރެވެ. އެ ބޯޓު ރާއްޖެ ގެނައިފަހުން އެންމެ ފުރަތަމަ ދަތުރެއް ކޮށްފައިވަނީ ޗައިނާގެ ޗަންގްޑޫ އަށެވެ. މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
މޯލްޑިވިއަން އިން ޗައިނާގެ ޗަންގްޑޫ އަދި ބެއިޖިންއަށް ދަތުރުތައް ފަށާފައިވާއިރު، މިމަހުގެ 27 ވަނަ ދުވަހު ޗައިނާގެ ޝެންހާއީއަށްވެސް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިދަތުރުތަކުގައި ކޮންމެ ސިޓީއަކަށް ހަފުތާއަކު އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓަކީ ވައިގެ ބަނދަރެއްގައި ޖެއްސުމަކާ ނުލާ 13،000 ކިލޯމީޓަރުގެ ރާސްތާއަކަށް ސީދާ ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ މަތިންދާ ބޯޓެކެވެ.
މޯލްޑިވިއަންގެ އެއާ ބަސްގައި ބިޒްނަސް ކްލާހާއި، ޕްރިމިއަމް އިކޮނޮމީ ކްލާހާއި އިކޮނޮމީ ހިމެނެއެވެ. އެއީ ބިޒްނަސް ކްލާހުގައި 18 ގޮނޑިއާއި، ޕްރިމިއަމް އިކޮނޮމީގައި 36 ގޮނޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮނޑިއެވެ.